ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހުގެރޭ ޑިޕޯޓިވޯ އަލަވޭސް އަތުން އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް މުހިންމު މޮޅެއް ހޯދައިފިއެވެ.
އަލަވޭސްގެ ދަނޑުގައި ކުޅުނު މި މެޗުން ރެއާލް މޮޅުވީ 4-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުން ރެއާލް މޮޅުވިއިރު، މީގެ ކުރިން ކުޅުނު ދެ މެޗުންވެސް ވަނީ ބަލިވެފައެވެ. އެގޮތުން ސްޕެނިޝް ސުޕަ ކަޕުގައި ތިންވަނަ ޑިވިޝަނުގެ ޓީމެއް ކަމަށްވާ އަލްކޮއްޔާނޯ އަތުން 2-1 ން ބަލިވެ މުބާރާތުން ރެއާލް ކެޓިއިރު، ސްޕެނިޝް ސުޕަ ކަޕުގެ ސެމީފައިނަލުގައި އެތުލެޓިކް ބިލްބާއޯ އަތުން 2-1 ން ބަލިވެ އެ މުބާރާތުންވެސް ރެއާލް ވަނީ ކަޓާފައެވެ.
މި މެޗާ ކުރިމަތިލިއިރު، ރެއާލް މެޑްރިޑުގެ ކޯޗު ޒިނެދިން ޒިދާން ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން، ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުގައި އެ ޓީމަށް އިރުޝާދުދީފައިވަނީ އެސިސްޓަންޓް ކޯޗު ޑޭވިޑް ބެޓޯނީއެވެ.
މި މެޗުގައި ރެއާލުން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ތިން ލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން މެޗުގެ 15 ވަނަ މިނެޓުގައި ކަސެމީރޯ ރެއާލަށް ލީޑު ނަގައިދިންއިރު، މެޗުގެ 41 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ފުޅާކޮށްދިނީ ކަރިމް ބެންޒެމާއެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އެޑެން ހަޒާޑް ވަނީ ރެއާލުގެ ތިންވަނަ ލަނޑު ޖަހާފައެވެ.
ފުރަތަމަ ހާފުގައި ރެއާލުން ތިން ލަނޑުގެ ލީޑެއް ނެގި ނަމަވެސް، ދެވަނަ ހާފު ފަށައިގެން 14 ވަނަ މިނެޓުގައި ތެރޭ ހޮސޭލޫ ވަނީ އަލަވޭސްއަށް ލަނޑެއް ކާމިޔާބުކޮށްދީފައެވެ. އެކަމަކު މެޗުގެ 70 ވަނަ މިނެޓުގައި ބެންޒެމަ ވަނީ ރެއާލަށް އިތުރު ލަނޑެއް ޖަހައިދީފައެވެ.
މި ނަތީޖާއާއެކު ރެއާލް ލީގުގެ ދެވަނައިގައި އޮތީ ކުޅުނު 19 މެޗުން ލިބުނު 40 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑް ވަނީ 17 މެޗުން 44 ޕޮއިންޓް ހަމަކޮށްފައެވެ. އަދި ހޮނިހިރު ދުވަހުގެރޭ ރެއާލް އަތުން ބަލިވި އަލަވޭސް އޮތީ ތާވަލުގެ 17 ވަނައިގައި 20 މެޗުން 18 ޕޮއިންޓާއެކުއެވެ.