ކ. މާލެ
|
23 ޖެނުއަރީ 2021 | ހޮނިހިރު 18:21
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް
ލޮކްޑައުންގައި އެމްޓީސީސީގެ މަސައްކަތްތައް
ލޮކްޑައުންގައި އޮތް ތިން މަހުވެސް އެމްޓީސީސީއަށް ގެއްލުމެއް ލިބިފައެއް ނުވޭ - އާޒިމް
ކޮވިޑް-19 ގެ ސަބަބުން އެމްޓީސީސީއަށް ގިނަ ގޮންޖެހުން ތަކަކާއި ކުރިމަތިލާންޖެހުނު
2020 ވަނަ އަހަރަކީ އެމްޓީސީސީގެ ހަޔާތުގައި އެންމެ ގިނަ ޕްރޮޖެކްޓްތައް އެކުންފުންޏަށް ނިމުނު އަހަރު
އެމްޓީސީސީގެ ހިންގުން ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުން

ކޮވިޑް-19ގެ ސަބަބުން އެޅި ރައްކާތެރި ފިޔަވަޅުތަކާއިއެކު މާލެ ލޮކްޑައުންގައި އޮތް ތިން މަސް ދުވަހުވެސް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް ގެއްލުންވެފައި ނުވާކަމަށް އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އެމްޓީސީސީގެ 2020 ވަނަ އަހަރުގެ ހަތަރު ވަނަ ކުއާޓަރގެ ފައިނޭޝަލް ރިޕޯޓާއި ގުޅޭގޮތުން މީޑިއާއާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން އާޒިމް ވަނީ ލޮކްޑައުންގައި އޮތް ތިން މަސް ދުވަހު އެކުންފުނީގެ 2،000ށް ވުރެ ގިނަ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރި ކަމަށް ވިދާޅުވެފައެވެ. އަދި އެ ތިން މަހު ކުންފުނީގެ މަސައްކަތްތައް އެންމެ އެކަށީގެންވާ ގޮތުގައި ކުރިއަށް ގެންދިއުމަށް މަސައްކަތްތައް ރޭވި ކުރިއަށް ގެންދެވޭ ގޮތްތަކަށް ބަދަލުގެނައިކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން އެމްޓީސީސީއަށް ގިނަ ގޮންޖެހުން ތަކަކާއި ކުރިމަތިލާންޖެހުނު ކަމަށެވެ. އެގޮތުން ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ބޭރު ފައިސާ ހޯދުމުގައި ދިމާވި ގޮންޖެހުންތައްކަމަށެވެ. އަދި ދަތުރުފަތުރުކުރުމުގައިވެސް ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުނު ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ލޮކްޑައުންއާއިއެކު ކޯޑިނޭޝަންގައި ވެސް ދަތިތަކާއި ކުރިމަތިލާން ޖެހުނު ކަމަށާއި އެހެން ނަމަވެސް ކުންފުނިން ދަތިތަކާއިއެކު އޮޕަރޭޓްކުރުމަށް އަމާޒުހިފިކަމަށެވެ.

މި ބައްދަލުވުމުގައި އާޒިމް ވަނީ 2020 ވަނަ އަހަރަކީ އެމްޓީސީސީގެ ހަޔާތުގައި އެންމެ ގިނަ ޕްރޮޖެކްޓަތައް އެކުންފުންޏަށް ނިންމުނު އަހަރު ކަމަށާއި މި މަސައްކަތްތަކުގެ ތެރޭގައި 2019 ވަނަ އަހަރު އެކުންފުނިން ފެށި މަސައްކަތްތަަކާއި 2020 ވަނަ އަހަރު ފެށި މަސައްކަތްތައް ހިމެނޭކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން އެމްޓީސީސީގެ ހިންގުން ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުން ކަމަށާއި އެގޮތުން ކުންފުނީގެ އިންފްރާސްޓްރަކްޗަރ ވަރުގަދަކުރުމަށް އެޑްމިނިސްޓްރޭޝަން، ހިއުމަން ރިސޯސް އަދި އިކުއިޕްމެންޓްސް ހަރުދަނާ ކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ވިދާޅުވިއެވެ. އަދި އުމްރާނީ އިންފްރާސްޓްރަކްޗަރ އާއި ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުމަށް މަސައްކަތްކުރަމުންދާކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ 2020 ވަނަ އަހަރަކީ އެމްޓީސީސީގެ 40 އަހަރުގެ ދިގު ހަޔާތުގައި އެކުންފުންޏަށް އެންމެ ބޮޑު ފައިދާއެއް ލިބުނު އަހަރުކަމަށެވެ. އެގޮތުން ފާއިތުވި އަހަރު އެކުންފުންޏަށް ފައިދާގެ ގޮތުގައި 203.11 މިލިއަން ރުފިޔާ ލިބިފައިވާކަމަށާއި މިއީ 2019 ވަނަ އަހަރާއި އަޅާބަލާއި އިރު ވަރަށް ބޮޑު ފައިދާއެއް ކަމަށްވެސް އާޒިމް ފާހަގަކުރެއްވިއެވެ.

- ކޮމެންޓް