ކ. މާލެ
|
23 ޖެނުއަރީ 2021 | ހޮނިހިރު 10:38
މޮންޗެންގްލަޑްބަކާއި ޑޯޓްމުންޑް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން މޮންޗެންގްލަޑްބަކް މޮޅިވީ 4-2 ން
މޮންޗެންގްލަޑްބަކާއި ޑޯޓްމުންޑް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން މޮންޗެންގްލަޑްބަކް މޮޅިވީ 4-2 ން
ގެޓީ އިމޭޖަސް
ޖަރުމަން ލީގު
ޑޯޓްމުންޑް ބަލިކޮށް މޮންޗެންގްލަޑްބަކް ކުރިއަށް
ޑޯޓްމުންޑް އަތުން މޮންޗެންގްލަޑްބަކް މޮޅުވީ 4-2 ގެ ނަތީޖާއަކުން
ތާވަލުގެ ހަތަރުވަނައިގައި މޮންޗެންގްލަޑްބަކް އޮތީ 31 ޕޮއިންޓާއެކު

ޖަރުމަން ލީގުގައި ހުކުރު ދުވަހުގެރޭ ކުޅުނު މެޗުން ބޮރޫޝިއާ ޑޯޓްމުންޑް އަތުން ބޮރޫޝިއާ މޮންޗެންގްލަޑްބަކް މޮޅުވެއްޖެއެވެ.

މޮންޗެންގްލަޑްބަކުގެ ދަނޑުގައި ކުޅުނު މި މެޗުން އެ ޓީމު މޮޅުވީ 4-2 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ކުރީކޮޅު މޮންޗެންގްލަޑްބަކުން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 11 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ނިކޯ އެލްވެޑީއެވެ. އެކަމަކު ހަ މިނެޓު ތެރޭ ޒުވާން ތަރި އާލިން ބްރައުޓް ހާލަންޑް ކާމިޔާބުކުރި ދެ ލަނޑާއެކު ޑޯޓްމުންޑުން ވަނީ އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލާފައެވެ.

ހާލަންޑުގެ ލަނޑުތަކުން ޑޯޓްމުންޑުން ލީޑު ނެގި ނަމަވެސް، ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޗުގެ 32 ވަނަ މިނެޓުގައި މޮންޗެންގްލަޑްބަކުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ޖަހައިދިން އެލްވެޑީއެވެ. އަދި ދެވަނަ ހާފު ފަށައިގެން ހަތަރުވަނަ މިނެޓުގައި ރަމީ ބެންސެބައިނީ ވަނީ މޮންޗެންގްލަޑްބަކަށް އަލުން ލީޑު ނަގައިދީފައެވެ. އަދި މެޗުގައި މޮންޗެންގްލަޑްބަކަށް ލީޑު ފުޅާކޮށްދިން ލަނޑު މެޗުގެ 78 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މާކަސް ތުރާމެވެ.

މި މޮޅާއެކު މޮންޗެންގްލަޑްބަކް އޮތީ ތާވަލުގެ ހަތަރުވަނައިގައި ކުޅުނު 18 މެޗުން ލިބުނު 31 ޕޮއިންޓާއެކުއެވެ. އަދި ފަސްވަނައިގައި އޮތް ޑޯޓްމުންޑަށް 18 މެޗުން ލިބިފައިވަނީ 29 ޕޮއިންޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް