ކ. މާލެ
|
22 ޖެނުއަރީ 2021 | ހުކުރު 18:53
ޓީސީ އާއި ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޓީސީ މޮޅުވީ 1-0 ން
ޓީސީ އާއި ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޓީސީ މޮޅުވީ 1-0 ން
އެފްއޭއެމް
ދިރާގު ދިވެހި ޕްރިމިއާ ލީގު
ގްރީން ސްޓްރީޓްސް ބަލިކޮށް ޓީސީ ހަތަރުވަނައަށް
ގްރީން ސްޓްރީޓްސް އަތުން ޓީސީ މޮޅުވީ 1-0 ގެ ނަތީޖާއަކުން
ތާވަލުގެ ހަތަރުވަނައަށް ޓީސީ ޖެހިލީ ނުވަ ޕޮއިންޓާއެކު

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ހުކުރު ދުވަހުގެ ހަވީރު ކުލަބު ގްރީން ސްޓްރީޓްސް ބަލިކޮށް ތާވަލުގެ ހަތަރުވަނައަށް ޓީސީ ސްޕޯޓްސް ކުލަބު ޖެހިލައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗުން ޓީސީ މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 16 ވަނަ މިނެޓުގައި ޓީސީގެ ކެޕްޓަން މުޙައްމަދު އައްޒާމަށް ވަނީ ލަނޑު ޖަހަން ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެގޮތުން އޭރިއާ ތެރެއިން ހުހަށްހުރެ އައްޒާމް ފޮނުވާލި ހަމަލާ ގްރީން ސްޓްރީޓްސްގެ ގޯލްކީޕަރު ހަނީފް ސާގިބް ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

އަދި އޭގެ މިނެޓެއް ފަހުން ގްރީން ސްޓްރީޓްސްގެ މިޑްފީލްޑަރު ޚަލީލް ގަމާލް ނުރައްކާތެރި ހަމަލާއެއް ފޮނުވާލި ނަމަވެސް، އެ ހަމަލާ ޓީސީގެ ގޯލްކީޕަރު އާޒާދު މަމަދޯފް ވަނީ ދިފާއުކޮށްފައެވެ. އަދި މެޗުގެ 31 ވަނަ މިނެޓުގައި ގްރީން ސްޓްރީޓްސްގެ ފޯވާޑް މުޙައްމަދު ޖައިލަމް (އޮގީ) ފޮނުވާލި ހަމަލާއެއް ގޯލު ރޮނގުމަތިން ޓީސީގެ ޑިފެންޑަރު މުޙައްމަދު އަޖުފާން ވަނީ ސަލާމަތްކޮށްފައެވެ.

މި މެޗުގެ ދެވަނަ ހާފު ފަށައިގެން ޓީސީން އެ ޓީމުގެ ކުޅުން ރަނގަޅުކުރިއިރު، މެޗުގެ 65 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. އިބްރާހީމް އަތީގު ހަސަން (އިއްބެ) ގެ އެހީތެރިކަމާއެކު މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި އައްޒާމެވެ. މި ލަނޑަށްފަހުވެސް ޓީސީއަށް ވަނީ ލީޑު ފުޅާކުރުމަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މި މެޗަށްފަހު ވާހަކަދައްކަމުން ޓީސީގެ ކޯޗު މުޙައްމަދު ޝާޒްލީ (ޝާޒް) ބުނީ މި މެޗަށް ޓީސީން ނުކުތީ ތިން ޕޮއިންޓް ހޯދުމަށް ކަމަށާއި، އެކަން ހާސިލުވުމުން ހިތްހަމަޖެހޭ ކަމަށެވެ. އަދި ލީގުގެ ފުރަތަމަ ބުރު ގަދަ ހަތަރެއްގައި އޮވެގެން ނިއްމާލެވުމުން އެކަމާ ހިތްހަމަޖެހޭ ކަމަށްވެސް ޝާޒްލީ ބުންޏެވެ.

މެޗުން ބަލިވި ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ނިސްތާރު މުޙައްމަދު ބުނީ މެޗުގައި ޖުމްލަކޮށް ގްރީން ސްޓްރީޓްސް ކުޅުންތެރިން ލަނޑު ޖަހަން ފުރުސަތުތަކެއް ތަނަވަސްކުރި ކަމަށާއި، އެކަމަކު ނަސީބު އެހީ ނުވާ ކަމަށެވެ. އަދި ޓީމުގައި ކުދިކުދި އަނިޔާގެ މައްސަލަ އުޅޭ ކަމަށްވެސް ނިސްތާރު ވަނީ ބުނެފައެވެ.

މި ނަތީޖާއާއެކު ތާވަލުގެ ހަތަރުވަނައަށް ޓީސީ ޖެހިލީ ކުޅުނު ހަތް މެޗުން ލިބުނު ނުވަ ޕޮއިންޓާއެކުއެވެ. އަދި މެޗުން ބަލިވި ގްރީން ސްޓްރީޓްސް އޮތީ ކުޅުނު ހަތް މެޗުން ލިބުނު އަށް ޕޮއިންޓާއެކު ތާވަލުގެ ހަވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް