ކ. މާލެ
|
20 ޖެނުއަރީ 2021 | ބުދަ 22:45
އެމެރިކާގެ އައު ރައީސް ޖޯ ބައިޑެން މަޤާމުގެ ހުވާ ކުރައްވަނީ
އެމެރިކާގެ އައު ރައީސް ޖޯ ބައިޑެން މަޤާމުގެ ހުވާ ކުރައްވަނީ
ބައިޑެން ރައީސްކަމުގެ ހުވާ ކުރެއްވުން
ބައިޑެންގެ ޔަޤީންކަން- ޤާނޫނު އަސާސީ ދިފާއު ކުރާނަން، ޑިމޮކްރަސީ ދަމަހައްޓާނަން
 
އިންސާފު ޤާއިމު ކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ބައިޑެން ވިދާޅުވި
 
ރައްޔިތުންގެ އާންމު މަސްލަޙަތު ހިމާޔަތް ކުރުމަށް އަބަދުވެސް އިސްކަން ދެއްވާނެ
 
ދެފުށް ފެންނަ ގޮތަކަށް ޤައުމުގެ ކަންކަން ހިންގަވާނެ ކަމަށް ވިދާޅުވި

އެމެރިކާގެ ޤާނޫނުއަސާސީ ދިފާއު ކުރައްވައި، ޑިމޮކްރަސީ ދަމަހައްޓަވާނެކަމުގެ ޔަޤީންކަން އެމެރިކާގެ އައު ރައީސް ޖޯ ބައިޑެން ދެއްވައިފިއެވެ.

ރައީސްކަމުގެ ތާރީޚީ ހުވާ ކުރެއްވުމަށްފަހު ޤައުމާ މުޚާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ބައިޑެން ވިދާޅުވީ، އަބަދުވެސް ރައްޔިތުންނާއެކު، ދެފުށް ފެންނަ ގޮތަކަށް ޤައުމުގެ ކަންކަން ހިންގަވާނެ ކަމަށެވެ. އަދި ޤާނޫނުއަސާސީއާއި، ޑިމޮކްރަސީ ދަމަހައްޓަވައި، އެމެރިކާ އާރާސްތު ކުރައްވާނެކަމުގެ ޔަޤީންކަން ބައިޑެން ވަނީ ދެއްވާފައެވެ.

ބައިޑެން ވިދާޅުވީ، ރައްޔިތުންގެ އާންމު މަސްލަޙަތު ހިމާޔަތް ކުރެއްވުމަށް އަބަދުވެސް އިސްކަން ދެއްވާނެ ކަމަށެވެ. އަދި އަމިއްލަ މަސްލަޙަތު އެއްކިބާ ކުރެއްވުމަށްފަހު، އަބަދުވެސް ޤައުމުގެ ލާބައާއި މަންފާއަށް މަސައްކަތް ކުރައްވާ ރައީސަކަށް ވެވަޑައިގަންނަވާނެ ކަމަށް ބައިޑެން ވިދާޅުވިއެވެ.

އޭގެ އިތުރުން، ހުރިހާ އެންމެން ގުޅިގެން އެމެރިކާގެ ތާރީޚުގެ އައު ސޮފުޙާތަކެއް ލިއުމަށް އަތުގުޅާލުމަށް ގޮވާލައްވަމުން ބައިޑެން ވަނީ ބިރުވެރިކަމާއި، ބައިބައިވުމާއި، ހަމަނުޖެހުމާ ދުރުވެ ތިބުމަށް ހަނދާން ކޮށްދެއްވާފައެވެ. އަދި އަބަދުވެސް ތެދު ޙަޤީޤަތަށް ލޯބި ކުރައްވައި، އިންސާފު ޤާއިމު ކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ބައިޑެން ވިދާޅުވިއެވެ.

ބައިޑެންއަށް މަޤާމުގެ ހުވާ ލައިދެއްވާފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޖޯން ރޮބަރޓްސްއެވެ. އެއާއެކު، އެތައް ބަޔަކު ގެންދަނީ ބައިޑެންއަށް މަރުޙަބާ ވިދާޅުވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
50%
50%
0%
0%
0%
0%
ކޮމެންޓް