ކ. މާލެ
|
20 ޖެނުއަރީ 2021 | ބުދަ 21:12
ޓޫރިޒަމް މިނިސްޓަރ ޑރ އަބްދުﷲ މައުސޫމް- މިނިސްޓަރ ވިދާޅުވީ އެމަނިކުފާނުގެ ޙާލުކޮޅު ރަނގަޅު ކަމަށް
ޓޫރިޒަމް މިނިސްޓަރ ޑރ އަބްދުﷲ މައުސޫމް- މިނިސްޓަރ ވިދާޅުވީ އެމަނިކުފާނުގެ ޙާލުކޮޅު ރަނގަޅު ކަމަށް
ފޮރިން މިނިސްޓްރީ
މެޑްރިޑްގައި އެއްޗެއް ގޮވުމުގެ ޙާދިސާއެއް
މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު
މިހާތަނަށް 2 މީހަކު މަރުވެފައިވޭ
ޙާދިސާ ހިނގާފައިވަނީ މީހުން ދިރިއުޅޭ ސަރަޙައްދެއްގައި ހުރި ސުކޫލެއްގެ ކައިރީގައި
ގޮވާފައިވަނީ ބާރުގަދަ އަޑުފައްގަނޑަކާއެކު، އަލިފާނުގެ އަސަރުވެސް އެބަހުރި

ސްޕެއިންގެ މެޑްރިޑްގައި ބާރުގަދަ ގޮވުމެއް ގޮވާފައިވާއިރު، ރަސްމީ ދަތުރުފުޅެއްގައި މެޑްރިޑްގައި މިވަގުތު ހުންނެވި ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމުގެ ޙާލުކޮޅު ރަނގަޅު ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ ވިދާޅުވީ، މިވަގުތު ހުންނެވީ މެޑްރިޑްގައި ކަމަށާއި، އެހެން ނަމަވެސް، މިނިސްޓަރާއި ޓީމުގެ ޙާލު ރަނގަޅު ކަމަށެވެ.

މި ގޮވުމާ ގުޅޭގޮތުން ސްކައި ނިއުސްގައި ރިޕޯޓް ކޮށްފައިވާ ގޮތުން މިހާތަނަށް 2 މީހަކު މަރުވެގެން ރިޕޯޓް ކޮށްފައިވާއިރު، 8 މީހަކު ވަނީ ޒަޚަމްވެފައެވެ. އަދި އެކަކު ސީރިއަސް ޙާލަތުގައި ވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ބުދަ ދުވަހުގެރޭ ހިނގި މި ޙާދިސާގެ މަންޒަރު ދުށް ފަރާތްތަކާ ޙަވާލާދީ ރިޕޯޓުތައް ބުނާގޮތުން ޙާދިސާ ހިނގާފައިވަނީ މީހުން ދިރިއުޅޭ ސަރަޙައްދެއްގައި ހުރި ސުކޫލެއްގެ ކައިރީގައެވެ. އެގޮތުން ބާރުގަދަ އަޑުފަށްގަނޑަކާއެކު އެތަނުގައި ހުރި ބައެއް އިމާރަތްތައްވެސް ބިމާ ހަމަވެފައިވެއެވެ.

މެޑްރިޑަށް ވަޑައިގެން މިނިސްޓަރ މައުސޫމު ވަނީ ޔޫއެންޑަބްލިއުޓީއޯގެ 113 ވަނަ އެގްޒެކެޓިވް ކައުންސިލްގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ޓޫރިޒަމް މިނިސްޓަރު ޑރ މައުސޫމް ވަނީ ރާއްޖޭގެ ފަތުރުވެރިކަން ތަރައްޤީކުރުމުގައި ގެންގުޅޭ ދެމެހެއްޓެނިވި ތަރައްޤީގެ ސިޔާސަތާއި ގުޅޭ މަޢުލޫމާތު ރަސްގެފާނާއި ޙިއްސާކުރައްވާފައެވެ.

- ކޮމެންޓް