ރާއްޖެއިން 7 ލައްކަ ޑޯޒް ވެކްސިން ހޯދުމަށް އެދި ސިންގަޕޫރުގެ އެސްޓްރަޒެނެކާއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑޮކްޓަރ ނަޒްލާ ރަފީޤު ވިދާޅުވެއްޖެއެވެ.
އިންޑިއާއިން ވެކްސިން ގެނައުމާ ގުޅޭގޮތުން ރާއްޖެޓީވީން ގެނެސްދިން ޚާއްޞަ ކަވަރޭޖަށް މަޢުލޫމާތު ދެއްވަމުން ޑރ. ނަޒްލާ ވިދާޅުވީ މިއަދު ރާއްޖެއަށް ގެނެވުނު ވެކްސިން އަކީ ހިލޭ ގެނެވުނު ވެކްސިންތަކެއް ކަމަށެވެ. އަދި މިއަދު އެއްލައްކަ ޑޯޒްގެ ވެކްސިން ގެނެވިފައިވާއިރު 50 ހާސް މީހުންނަށް ވެކްސިންގެ ޑޯޒްތައް ދެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވިދާޅުވިއެވެ.
ވެކްސިންގެ ރައްކާތެރިކަން ބައްލަވާނެ ކަމަށާއި ވެކްސިންޖަހާނީ ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ މިންގަނޑުތަކަށް ފެތޭތޯ ބެލުމަށްފަހު ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. ރާއްޖޭގައި ވެސް ވެކްސިން ޖަހަން ފަށާނީ ރަޖިސްޓަރ ކުރުމަށްފަހު ކަަމަށާއި ރައްކާތެރިކަމަށް ކުރަން ޖެހޭ ކަންތައްތައް ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
ވެކްސިންޖެހުމަށް މީހުން ތަމްރީން ކުރެވިފައިވާކަން ފާހަގަކުރައްވައި ޑރ. ނަޒްލާ ވިދާޅުވީ ވެކްސިން ސީދާ ޖަހާނެ ދުވަހެއް ނޭނގޭ ކަމަށެވެ.
ކޮންމެ ވެކްސިނެއްގައި ވެސް ސައިޑް އިފެކްޓްސް ހުންނަކަން ފާހަގަ ކުރައްވައި ޑރ ނަޒްލާ ވިދާޅުވީ، އެލަރޖިކް ރިއެކްޝަންއެއް އައިސްދާނެ ޙާލަތެއްގައި ވެސް އެކަމަށް އެޓެންޑުވެވޭނެ ކަމަށާއި، ސިއްޙީ އެހީތެރިން ވެސް އެކަމަށް ތަމްރީނު ކުރެވިފައިވާ ކަމަށެވެ.