އިންޑިއާގެ ކޮވިޑް ވެކްސިން ރާއްޖެއަށް ލިބިގެން ދިއުމަކިީ ރާއްޖޭގައި ކޮވިޑުގެ ވަބާ ނެތިގެން ދިއުމުގެ ފެށުމުގެ ގޮތުގައި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ސިފަ ކުރައްވައިފިއެވެ.
އިންޑިއާގެ ވެކްސިންގެ އެއްލައްކަ ޑޯޒް ރާއްޖެއަށް ފޯރުކޮށްދިނުމާ ގުޅޭގޮތުން ބުދަ ދުވަހު ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިންޑިއާގެ މި އެހީއަކީ ރާއްޖޭގައި ކޮވިޑުގެ މި ވަބާ ނެތިދިއުމުގެ ފެށުން ކަމަށެވެ.
ރައީސް ނަޝީދު ވަނީ ރާއްޖެއަށް ދިމާވެފައިވާ ދަތި ޙާލަތްތަކުގައި ވެސް އެންމެ ކުރީ ބައިގައި އެހީތެރިކަން ފޯރުކޮށްދޭ އެއް ޤައުމަކީ އިންޑިއާ ކަން ފާހަގަ ކުރައްވާފައެވެ. އެގޮތުން ސުނާމީ ކާރިސާއާއި، ނޮވެމްބަރު 3 އުދުވާނީ ޙަމަލާގެ އިތުރުން، ރާއްޖެއަށް ދިމާވި ފެނުގެ ކާރިސާއާއި މިހާރު ދިމާވެފައި މިވާ ކޮވިޑުގެ ޙާލަތުގައި ވެސް އިންޑިއާއިން ރާއްޖެއަށް ވެދީފައިވާ އެހީތެރިކަން ރައީސް ނަޝީދު ވަނީ ފާހަގަ ކުރައްވާފައެވެ.
އިންޑިއާގެ ކޮވިޝީލްޑް ވެކްސިންގެ އެއްލައްކަ ޑޯޒް ހިފައިގެން ރާއްޖެ އައި އެއަރ އިންޑިއާގެ ފްލައިޓް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ލޭންޑް ކޮށްފައިވަނީ ބުދަ ދުވަހުގެ މެންދުރު 14:42 ހާއިރުއެވެ. އެއާއެކު، ރާއްޖޭގައި މި ވެކްސިން ރަޖިސްޓަރކޮށް ބޭނުންކުރުމަށްޓަކައި ބަލަންޖެހޭ ކަންކަމާއި، ވާން ޖެހޭ ތައްޔާރީތައް ވެސް މިވަނީ ފަށާފައެވެ.
ބުދަ ދުވަހު ޤައުމާ މުޚާޠަބު ކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ވެސް ވަނީ އިންޑިއާ ސަރުކާރަށާއި، އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ޚާއްޞަ ޝުކުރެއް ދަންނަވާފައެވެ.