އުދުހުން މަނާކޮށްފައިވާ ބޮއިންގ 737 މެކްސްގެ ފްލައިޓްތަކަށް އަންނަ ހަފްތާގައި ޔޫރަޕަށް ދަތުރުކުރުމުގެ ހުއްދަ ދޭން ނިންމައިފިއެވެ.
ބީބީސީގައި ރިޕޯޓްކޮށްފައިވާގޮތުން ޔޫރަޕްގެ އޭވިއޭޝަން ސޭފްޓީ އެޖެންސީގެ ވެރިޔާ ވިދާޅުވެފައިވަނީ ބޮއިންގ 737 މެކްސްގެ ދަތުރުތައް ފެށުމަށް އަންނަ ހަފްތާގައި ހުއްދަ ދެވިގެންދާނެ ކަމަށެވެ. މި އެޖެންސީ އިން ބޮއިންގ 737 މެކްސްގެ ފްލައިޓްތައް ދަތުރުކުރުން މަނާކޮށްފައި ވަނީ 2019 ވަނަ އަހަރުގެ މާރޗް މަހުގައެވެ.
ދަތުރުތައް ހުއްޓާލާފައިވަނީ ލަޔަން އެއަރ އަދި އިތިއޯޕިއަން އެއަރގެ ދެ ބޯޓެއް ވެއްޓި، 346 މީހަކު މަރުވި ހާދިސާއަކާ ގުޅިގެންނެވެ. މި ހާދިސާއާ ގުޅިގެން މައްސަލަ ބަލާފައިވާ ފަރާތްތަކުން ބުނި ގޮތުގައި މަތިންދާ ބޯޓުތައް ވެއްޓެން މެދުވެރިވީ ބޯޓުގައި ހިމެނޭ ފްލައިޓް ކޮންޓްރޯލް ސިސްޓަމުގައި ހުރި މައްސަލަތަކެއްގެ ސަބަބުންނެވެ. ބޮއިންގ ކުންފުނިން ވަނީ މިވޭތުވެދިޔަ ދުވަސްތަކުގައި މި މައްސަލަތައް ހައްލު ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.
ޔޫރަޕްގެ ޤައުމުތަކަށް ދަތުރުކުރުމަށް ބޮއިންގ އިން ތައްޔާރުވަމުން އަންނައިރު ޖެނުއަރީ މަހުގެ ކުރީކޮޅު އުދުހުން މަނާކޮށްފައިވާ ބޮއިންގ 737 މެކްސްގެ ދަތުރުތައް ގާތްގަނޑަކަށް ދެ އަހަރަށް ފަހު އެ ފްލައިޓް ވަނީ އާމީ އިންޓަރނޭޝަނަލް އެއަރޕޯޓުން ނިއުޔޯކްގެ ލަގާޑިއާ އެއަރޕޯޓަށް ދަތުރުތައް އަލުން ފަށާފައެވެ.
މީގެ އިތުރުން ބްރެޒިލްއަށް ވެސް ދަތުރު ކުރުމަށް ބޮއިންގއަށް ހުއްދަ ލިބިފައިވާއިރު އަލުން އަނބުރާ ޚިދުމަތް ފެށުމަށް މިހާރު ހުރި 737 މެކްސް މަރުކައިގެ ބޯޓުތަކުގައި އައު ކޮމްޕިއުޓަރ ސޮފްޓްވެއަރއެއް އިންސްޓޯލް ކުރަން ޖެހެއެވެ. އަދި ކޮކް ޕިޓް އިންސްޓްރުމަންޓާއި ވަޔަރިންގއަށް ވެސް ބަދަލުތަކެއް ގެންނަން ޖެހެއެވެ.
ދަތުރުތައް ފެށުމުގެ ކުރިން ބޮއިންގގެ ކޮންމެ ފްލައިޓެއް ވެސް ޓެސްޓް ދަތުރެއް އެޅުމާއި ޕައިލެޓުން ޚާއްޞަ މަޖުބޫރު ޓްރެއިނިންގއެއް ފުރިހަމަ ކުރަން ޖެހެއެވެ.
މި ހާދިސާ ހިނގި ފަހުން ދުނިޔޭގެ އެންމެ ކާމިޔާބު އެއް ފްލައިޓް އުފައްދާ ކުންފުނި ކަމުގައިވާ ބޮއިންގގެ މާކެޓް ވެލިއުގެ 26 ބިލިއަން ޑޮލަރު ވަނީ 2019 ވަނަ އަހަރު ގެއްލިފައެވެ.
ބޮއިން ކުންފުންޏަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ 737 މެކްސް އުދުހުން މަނާ ކުރި ފަހުން އެކުންފުނިން އުފައްދާފައިވާ އެ މަރުކާގެ 450 މަތިންދާ ބޯޓު އެމެރިކާއިން ބޭރު ކުރުމެވެ.