ރ އަތޮޅު ވަންދޫގައި ޤާއިމު ކޮށްފައިވާ ކުނި މެނޭޖް ކުރާ ފެސިލިޓީ އެކަށީގެންވާ ގޮތެއްގައި އޮޕަރޭޓް ނުކުރެވޭ މައްސަލައާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރމަންޓް އެންޑް ކްލައިމެޓް ޗޭންޖ ކޮމިޓީން ކަމާބެހޭ ފަރާތްތަކާ ބައްދަލުކޮށް މަޝްވަރާ ކޮށްފިއެވެ.
ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ މެމްބަރުން ވަނީ މި މައްސަލައާ ގުޅޭގޮތުން ކަމާ ގުޅުންހުރި ފަރާތްތަކާ ބައްދަލު ކޮށްފައެވެ. އެގޮތުން ކޮމިޓީގައި ވެމްކޯ ގެ ފަރާތުން ބައިވެރިވެވަޑައިގަތް އުބައިދު ވިދާޅުވީ، ވަންދޫ އަދިވެސް އޮޕަރޭޝަނަށް ގެނެވިފައި ނުވާ ކަމަށެވެ.
ވެމްކޯއާ މި ފެސިލިޓީ ޙަވާލު ކުރެވުނުއިރުވެސް، މިހާތަނަށްވެސް އެތަން ފުރިހަމައަށް އޮޕަރޭޓް ކުރެވޭނެ ނިޒާމެއް ޤާއިމު ކުރެވިފައި ނެތްކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، އެންމެ ރަނގަޅު ގޮތުގައި ކުނި ނައްތާލެވޭނެ ނިޒާމެއް ޤާއިމު ކުރުމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރއެއްވެސް އެތަނުގައި ނެތް ކަމަށެވެ.
އުބައިދު އިތުރަށް ވިދާޅުވީ، އެންވަޔަރމަންޓް މިނިސްޓްރީއާއި ވެމްކޯއާ ދެމެދު އެއްބަސްވުމެއް ހެދިފައިވާ ކަމަށާއި، އޭގެ ދަށުން އަދި ވަންދޫގެ އެއްވެސް އެސެޓެއް ވެމްކޯގެ ދަށަށް ބަދަލު ކޮށްފައި ނުވާކަމަށެވެ.
އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެންވަޔަރމަންޓް މިނިސްޓްރީން ބުނީ، ސަރަޙައްދީ ފެސިލިޓީތަކުގެ ވެރިފަރާތަކީ މިނިސްޓްރީ ކަމަށް ކަނޑައަޅައި މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލެއް ވާ ކަމަށެވެ. އަދި ވެމްކޯގެވެސް ރެގިއުލޭޓަރީ މިނިސްޓްރީއަކީ އެންވަޔަރމަންޓް މިނިސްޓްރީ ކަމަށާއި، އެގޮތަށް އުސޫލެއް ގެންގުޅެމުންދަނީ ތަޖުރިބާއަށް ބެލުމަށްފަހުކަން މިނިސްޓްރީގެ އޮފިޝަލު ފާހަގަ ކުރެއްވިއެވެ.
އޭނާ ވިދާޅުވީ، އެސެޓް ޙަވާލު ކުރުމުގެ ސަބަބުން މީގެ ކުރިން މިނިސްޓްރީއަށް އެކަމުގެ ގެއްލުން ދައްކާފައިވާ ކަމަށެވެ.
މި ކޮމިޓީގައި ބައިވެރިވެވަޑައިގަތް މެމްބަރުންނާއި، އިދާރާތަކުންވެސް ވަނީ ވަންދޫ ފެސިލިޓީ މެނޭޖް ނުކުރާ ކަމުގެ ކަންބޮޑުވުން ފާޅު ކޮށްފައެވެ.
ވަންދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރު ބަލަހައްޓަން ވެމްކޯއާ ޙަވާލު ކޮށްފައިވަނީ 2016 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 2 ވަނަ ދުވަހުއެވެ. މި ސެންޓަރަކީ ރ. އަތޮޅާއި ބ. އަތޮޅުގެ އިތުރުން، ޅ. އަތޮޅުގައި މީހުން ދިރިއުޅޭ 44 ރަށާއި އެ އަތޮޅުތަކުގައިވާ ރިސޯޓްތަކަށް ކުނި މެނޭޖްކުރުމުގެ ހިދުމަތް ދިނުމަށް ޤާއިމްކޮށްފައިވާ ސެންޓަރެކެވެ. އެހެންނަމަވެސް، މިއަދާ ހަމައަށްވެސް ވަންދޫގެ އޮޕަރޭޝަންތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދާކަމުގެ ޝަކުވާ ގިނަ ބަޔަކު ކުރެއެވެ.