ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުން ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބަށް ކެމްޕެއިން ކުރުމަށް ހަމަހަމަ ފުރުސަތު ނުލިބޭކަމަށް ބުނެ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފިއެވެ.
އިދކޮޅު ކޯލިޝަނުން މި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ ހޯމަ ދުވަހުއެވެ. އެހެން ނަމަވެސް މި މައްސަލަ ސިވިލް ކޯޓުން ބަލައިގެންފައެއް ނުވެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި އޭރުގެ އިދިކޮޅުގައި ތިބި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ޖަލްސާތަކާއި އެއްވުންތައް ބޭއްވުމަށް އެތައް ގޮންޖެހުންތަކެއް ކުރިމަތިވެފައިވެއެވެ. ރިޔާސީ އިންތިޚާބާ ދިމާކޮށް މާލޭގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް އެދި އެތައް ތަނަކަށް އޭރު އިދިކޮޅުން އެދިފައިވާއިރު، އިދިކޮޅު ޕާޓީތަކަށް ޖަލްސާ ބޭއްވުމަށް ހުއްދަ ދިނީ އެތައް ފަހަރަކު އެދިގެންނެވެ. ނަމަވެސް އޭރު ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމުން ދޭތެރެ ދޭތެރެއިން އެތަނުގައި ޖަލްސާތަކާއި ހަރަކާތްތައް ހިންގައެވެ.
އެއަށްފަހު އައު ސަރުކާރު އައީ އެއްވެ އުޅުމުގެ މިނިވަންކަމުގެ ޙައްޤު ކަށަވަރު ކޮށްދިނުމުގެ ވައުދާ ވެސް އެކުގައެވެ. އެއާއެކު، މިހާރުގެ އިދިކޮޅު ފަރާތްތަކަށް ވެސް ހަމަހަމަކަމާއެކު އެއްވެ އުޅުމުގެ ފުރުސަތު ދަނީ ލިބެމުންނެވެ. އެގޮތުން ދޭތެރެ ދޭތެރެއިން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ގެންދަނީ އެއްވުންތައް ބާއްވަމުންނެވެ.
އިދިކޮޅު ކޯލިޝަނުން ބުނެފައި ވަނީ ނިމިގެންދިޔަ 2020 ވަނަ އަހަރަކީ ރައީސް ޔާމީން ޖަލުން މިނިވަން ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރި އަހަރެއް ކަމަށެވެ. އެގޮތުން ފާއިތުވި އަހަރު ކުރީގެ ރައީސް ޔާމީން މިނިވަންކުރުމަށް ކުރަމުންދިޔަ މަސައްކަތުގެ ތެރެއިން ސިޔާސީ ޙަރަކާތްތައް އިތުރަށް ވަރުގަދަވެ، މެމްބަރުން އިތުރުވެ، ގިނަ ބައެއްގެ އެއްބާރުލުމާއި އެހީތެރިކަމާއެކު ސިޔާސީ ޙަރަކާތްތައް ފުޅާވެ ވަރުގަދަވެގެން ދިޔަ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެއެވެ.