ގދ. ހުޅުވާރުލުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުނު މައްސަލައިގައި ދަށު ކޯޓުގެ ނިންމުން އިސްތިއުނާފު ނުކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ޙުސައިން ޝަމީމް ނިންމެވި ސަބަބު ސާފުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ނިންމަވައިފިއެވެ.
އާދިއްތަ ދުވަހު އޮތް ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުން ވަނީ އެކަންކަން ސާފު ކުރުމަށް ޝަމީމް ކޮމިޓީއަށް ހާޒިރު ކުރުމަށް ނިންމަވާފައެވެ. އެހެންނަމަވެސް، ޝަމީމް ހާޒިރު ކުރައްވާނެ ވަކި ދުވަހެއް ކޮމިޓީން އިޢުލާނުކޮށްފައެއް ނުވެއެވެ.
މި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް ވެސް ވަނީ ހުށަހެޅިފައެވެ. އެއާއެކު މި މައްސަލަ ދެ ކޮމިޓީގެ ޖޮއިންޓް ކޮމިޓީއަކުން ބެލުމަށް ވެސް އާދިއްތަ ދުވަހު ބޭއްވުނު ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ވަނީ މަޝްވަރާ ކޮށްފައެވެ.
އެނގިފައިވާ ގޮތުގައި މި މައްސަލަ ދަށު ކޯޓުން ވެސް ބޭރުކޮށްލީ އިޖުރާޢީ ގިނަ މައްސަލަތަކެއް ހުރުމުންނެވެ. އެގޮތުން މެޖިސްޓްރޭޓް ކޯޓުގެ އިހްތިޞާސް ހިނގާ މި މައްސަލައިގައި ފުރަތަމަ ދައުވާ ކޮށްފައިވަނީ ވެސް ކްރިމިނަލް ކޯޓުގައެވެ. އަދި ދައުވާ ކުރުމުގެ މުއްދަތާ ގުޅޭ މައްސަލަތަކެއް ވެސް އޭގެ ތެރޭގައި ހިމެނެއެވެ. އެގޮތުން މި މައްސަލައިގައި ދައުވާ ކުރުމަށް އޭރުގެ ޕީޖީއިން މެޖިސްޓްރޭޓް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ ވެސް ދައުވާ ކުރުމުގެ މުއްދަތު ހަމަވި ފަހުންނެވެ.
މި މައްސަލައިގައި 5 މީހަކަށް ކުރި ދައުވާ މެޖިސްޓްރޭޓް ކޯޓުން ބޭރު ކޮށްލާފައިވަނީ މިހިނގާ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުއެވެ.
ކަނޑު މަގުން ރާއްޖެއަށް އެތެރެކޮށް، ގދ. އަތޮޅު ފަޅުރަށެއްގައި ވަޅުލާފައިވާ 149ކިލޯގެ މަސްތުވާތަކެތި ފުލުހުން ހޯދީ 29 އޭޕްރީލް 2019ގައެވެ. އެ 149 ކިލޯގެ މަސްތުވާތަކެތީގެ މަގުމަތީ އަގު އުޅެނީ ގާތްގަނޑަކަށް 260 މިލިއަން ރުފިޔާގައި ކަމަށް ފުލުހުން ބުނެ އެވެ. އޭރު މަސްތުވާތަކެތި އަތުލައިގަތްކަން ހާމަކޮށްފައިވަނީ ފުލުހުންގެ 86 ވަނަ އަހަރީ ދުވަހާ ގުޅިގެން ގދ. ތިނަދޫ ގައި ބޭއްވި ޑިނަރ ނައިޓްގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދުއެވެ.