ދެ ފަނޑިޔާރަކާ ގުޅޭ ސުލޫކީ މައްސަލަތަކެއް ބަލަމުންދާކަން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީން) ހާމަ ކޮށްފިއެވެ.
ޖޭއެސްސީން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ވަނީ 13 ޖަނަވަރީ 2021 ވަނަ ދުވަހު ކޮމިޝަނުން ބޭއްވި ޖަލްސާގައި ނިންމާފައިވާ ކަންކަން ހިއްސާ ކޮށްފައެވެ. އެގޮތުން ކޮމިޝަނުގެ މި ޖަލްސާގައި ވަނީ 2 ފަނޑިޔާރަކާ ގުޅޭ ސުލޫކީ މައްސަލަތަކެއް ތަޙްޤީޤު ކުރުމަށް ކޮމިޓީއެއް އެކުލަވާލާފައެވެ.
އޭގެ ތެރެއިން އެއް މައްސަލައަކީ ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛާ މަރްޔަމް ވަޙީދުގެ މައްސަލައެކެވެ. އެއީ ސިވިލް ކޯޓުގައި ކުރިއަށް ދިޔަ ތަންފީޛު ޤަޟިއްޔާއެއްގައި ހިމެނޭ ޚަޞްމަކާ އެޤަޟިއްޔާއާ ގުޅޭގޮތުން ޝަރީޢަތުގެ ބޭރުން މުޢާމަލާތުކޮށް، ޙުކުމް ތަންފީޛް މައްސަލަތައް ބެލުމުގައި ޢަމަލުކުރާ އުޞޫލުތަކާ ކަނޑައެޅިގެން ޚިލާފަށް ޢަމަލު ކޮށްފައިވާކަމަށް ބުނާ މައްސަލައެއްކަން ޖޭއެސްސީން ފާހަގަ ކޮށްފައިވެއެވެ.
ދެވަނަ މައްސަލައެއް ގޮތުން ބަލަމުންދަނީ ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛް މުޙައްމަދު ސަމީރުގެ މައްސަލައެކެވެ. އެއީ ޝަރީޢަތުގެ އަޑުއެހުމެއްގައި، ޤާނޫނީ ގޮތުން ދައްކަން ބޭނުންވާ ވާހަކަ ދެއްކުމުގެ އެކަށީގެންވާ ފުރުޞަތު ދަޢުވާލިބޭ ފަރާތުގެ ޤާނޫނީ ވަކީލުންނަށް ނުލިބޭފަދަ ގޮތަކަށް ޢަމަލުކުރައްވައި، ޝަރީޢަތުގެ އަޑުއެހުންކުރިއަށް ގެންދިއުމުގައި އެކަށީގެން ނުވާގޮތަށް އަމަލު ކުރެއްވި މައްސަލައެކެވެ.
އޭގެ އިތުރުން، މި ޤަޟިއްޔާގެ އެހެން އަޑުއެހުމެއްގައި ދަޢުވާލިބޭ ފަރާތުގެ ޤާނޫނީ ވަކީލުން ކުށްވެރި ކުރާފަދަ ގޮތަކަށް ވާހަކަދައްކައި އަދި އެ ވަކީލުންނާ މެދު ތަޢައްޞުބެއް އޮތްކަން ހާމަވާފަދަ ގޮތަކަށް ޢަމަލު ކޮށްފައިވާ ކަމަށް ބުނާ މައްސަލައެއްވެސް ހިމެނޭކަމަށް ޖޭއެސްސީން މައުލޫމާތު ދެއެވެ.