އުތުރުކޮރެއާ އިން ބެލިސްޓިކް މިސައިލެއް ޓެސްޓްކޮށްފި ކަމަށް އެމެރިކާ އާއި ދެކުނުކޮރެއާގެ އޮފިޝަލުން ބުނެފިއެވެ.
ދެކުނުކޮރެއާގެ އަސްކަރިއްޔާއާ ހަވާލާދީ ޔޮނެޕްސް ނިއުސް އޭޖެންސީން ބުނެފައި ވަނީ އެ މިސައިލް ފޮނުވާލިތާ ސިކުންތުކޮޅެއްގެ ތެރޭގައި ގޮވާފައިވާ ކަމަށެވެ.
އެމެރިކާގެ އަސްކަރިއްޔާއިން ބުނީ އުތުރު ކޮރެއާގެ ސަރަހައްދީ އިމުން ބޭރަށް އެ މިސައިލް ނުދާ ކަމަށެވެ.
މި މިސައިލް ފޮނުވާލާފައި ވަނީ ޕިޔޮންގްޔަންގގެ އުތުރުން އޮންނަ ޕިއޯންގަންއިން ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމަށް ދެކުނު ކޮރެއާއިން ބުނެއެވެ. އެއީ ކޮން ބާވަތެއްގެ މިސައިލެއްކަން އަދި އެނގިފައެއް ނުވެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މިކަމާ ގުޅިގެން ޓްވީޓެއް ކުރައްވައި، ކާމިޔާބު ނޫން ނަމަވެސް މިސައިލެއް ޓެސްޓްކޮށް ޗައިނާ އާއި އެގައުމުގެ އިހުތިރާމް ލިބިވަޑައިގެން ހުންނެވ ރައީސްގެ އެދުންތަކަށް އުތުރުކޮރެއާއިން އިހުތިރާމް ކުޑަކޮށްފި ކަމަށް ވިދާޅުވެފައި ވެއެވެ. އަދި އެކަން ގޯސް ކަމަށް ވިދާޅުވެފައި ވެއެވެ.
މި ފަހަރުގެ މިސައިލް ޓެސްޓާ ބެހޭ ގޮތުން އުތުރުކޮރެއާއިން މިހާތަނަށް އަދި އެއްޗެއް ނުބުނެއެވެ.
ފަހަކަށް އައިސް ދެކޮރެއާއިން އަސްކަރީ ހަރަކާތްތައް އިތުރުކޮށްފައިވާއިރު ސަރަހައްދުގެ މަސްރަހު ވަނީ ހޫނުވެފައެވެ.
އުތުރުކޮރެއާއިން ގެންދަނީ ނިއުކްލިއަރ ވޯހެޑްތައް ކުޑަކޮށް އެމެރިކާއާ ހަމައަށް ފޯރާވަރުގެ ދިގުރާސްތާ މިސައިލްތަކަށް ހެޔޮވަރުކޮށްލެވޭތޯ ތަކުރާރުކޮށް މަސައްކަތް ކުރަމުންނެވެ.