ގއ. ދެއްވަދޫ ކްލަސްޓަރ އާއި ގުޅިގެން ގއ. ވިލިނގިލި އަދި ގއ. ދާންދޫއިން ކޭސްތަކެއް ފެނިފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރއިން ބުނެފިއެވެ.
އެޗްއީއޯސީން ބުނީ ވިލިނގިލިން ޕޮޒިޓިވްވެފައި ވަނީ އެކަކު ކަމަށާއި ދާންދޫން ދެމީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. މިވަގުތު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި އިތުރު މައުލޫމާތުތައް ހިއްސާކުރާނެ ކަމަށް އެޗްއީއޯސީން ބުނެއެވެ.
ދެއްވަދޫން ޕޮޒިޓިވްވި ކުއްޖާ އާދިއްތަ ސްކޫލަށް ނުކުތް ނަމަވެސް މިހާރު އެކުއްޖާ އެކަހެރި ކޮށްފައިވާ ކަމަށް އެރަށު ކައުންސިލްގެ ރައީސް އިބްރާހިމް ތައުފީގު މައުލޫމާތުދެއެވެ. އެރަށުން މިހާރި ޖުމްލަ 39 މީހަކު ޕޮޒިޓިވްވެފައިވާ އިރު، އެ އެންމެންގެ ހާލު ރަނގަޅުކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން މިހާރު ނަގާފައިވާ ސާމްޕަލްތަކުގެ ތެރެއިން 100 އަށް ވުރެ ގިނަ ސާމްޕަލްގެ ނަތީޖާ އަދި ލިބިފައި ނުވާކަމަށް ދެއްވަދޫ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
ކައުންސިލްގެ ރައީސް ވިދާޅުވީ މިވަގުތު ދެއްވަދޫގެ ހޮސްޕިޓަލް ހިންގަން ހުރީ ހަމައެކަނި ހޮސްޕޮޓަލްގެ މެނޭޖަރ ކަމަށާއި ހޮސްޕިޓަލްގެ ހުރިހާ ސްޓާފުން ތިބީ ކަރަންޓީނުގައި ކަމަށެވެ. އަދި ރަށުގައި ހުންނަ އެސްޓީއޯގެ ބޭސް ފިހާރަ ހުރީ ހޮސްޕިޓަލްގައި ކަމުން ބޭސްފިހާރަވެސް ހުރީ ވަގުތީގޮތުން ބަންދުކޮށްފައި ކަމަށް ރައީސް ވިދާޅުވިއެވެ.
އެހެން ކަމުން ރަށުގެ ހާލަތަށް ބަލާއި އިރު ގިިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި ހޮސްޕިޓަލްގެ ފަރާތުން އެވާހަކަތައް ދާއިރާގެ މެމްބަރަށް އަދި އެޗްއީއޯސީއަށް މައުލޫމާތުތައް ހިއްސާކޮށްފައި ވާނެ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
މިވަގުތު ދެއްވަދޫގައި ހަރަކާތްތެރިވުމަށް އެޗްއީއޯސީގެ ހެލްތު ވޯކަރުންގެ ޓީމެއް ފޮނުވާފައިއެވެ.