ރާއްޖެއިން އިތުރު 59 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމު ކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ބުދަ ދުވަހު ރާއްޖެއިން އިތުރު 59 މީހަކު ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރޭގައި ގިނައިން ހިމެނެނީ ރިސޯޓުތަކުން ޕޮޒިޓިވްވި މީހުންނެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރު ރިސޯޓުތަކުން 33 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވެއެވެ.
އޭގެ އިތުރުން، މާލެ ސަރަޙައްދުންވެސް 17 މީހަކު ޕޮޒިޓިވްވެފައިވާއިރު، އަތޮޅު ތެރެއިން 9 މީހަކު ޕޮޒިޓިވްވެފައިވެއެވެ. އެއާއެކު، ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 14،277ށް އަރާފައެވެ. އޭގެ ތެރެއިންވެސް 13،438 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، މިވަގުތުގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 783 އެވެ.
އެޗްޕީއޭއިން މައުލޫމާތު ދޭ ގޮތުގައި ކޮވިޑަށް ޕޮޒިޓިވްވެގެން މިވަގުތު ރާއްޖޭގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދަނީ 55 މީހަކަށެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިގެން ނިޔާވެފައިވަނީ 49 މީހެކެވެ. އޭގެ ތެރޭގައި ގިނައީ ދިވެހިންނެވެ.
ބުދަ ދުވަހު 59 މީހަކު ޕޮޒިޓިވްވެފައިވާއިރު، އަންގާރަ ދުވަހުވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 59 މީހުންނެވެ. އޭގެ ތެރޭގައި މާލެ ސަރަޙައްދުންނާއި އަތޮޅު ތެރެއިން ޕޮޒިޓިވްވި ގިނަ ކޭސްތަކެއް ހިމެނެއެވެ.