މ. ވޭވަށު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ 63 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަޝްރޫޢުގެ ދަށުން، މިހާރު ކުރިއަށްދަނީ ޕޭވްމަންޓް ހެދުމުގެ މަސައްކަތެވެ.
މި މަޝްރޫޢުގެ ދަށުން ކުރާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި 56،925 ކިއުބިކް މީޓަރުގެ ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަޙައްދު ފުންކުރުމާއި، 5،992 ކިއުބިކް މީޓަރުގެ މިހާރު ބޭނުން ކުރަމުންދާ ބަނދަރު ސަރަޙައްދު ފުންކުރުން ހިމެނެއެވެ.
އޭގެ އިތުރުން، 350 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 130 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 1880 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، މަގުބައްތި ހަރުކުރުމުގެ މަސައްކަތްވެސް ހިމެނޭކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.
މަޝްރޫއު ޕްލޭނިން މިނިސްޓްރީއިންް އަމަލީގޮތުން ހަވާލު ކޮށްފައިވަނީ 2019 ވަނަ އަހަރުގެ އޯގަސްޓް 27 ގައެވެ.
ބަނދަރުގެ މައްސަލައަކީ އެރަށަށް ދިމާވެފައިވާ ބޮޑު މައްސަލަ ކަމަށްވާއިރު، މި މަޝްރޫއަކީ 500 ދުވަސް ތެރޭގައި އަޕްގްރޭޑް ކުރުމަށް ހަވާލު ކޮށްފައިވާ މަސައްކަތެކެވެ. އަދި މަޝްރޫއަަށް 48,863,172.98 (ސާޅީސްއަށް މިލިއަން އަށްލައްކަ ފަސްދޮޅަސްތިންހާސް އެއްސަތޭކަ ހަތްދިހަ ދެރުފިޔާ ނުވަދިހަ އަށްލާރި) ހަރަދުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މި މަޝްރޫއުގެ މަސައްކަތް ނިންމުމަށްޓަކައި ބާރު ސްޕީޑުގައި މަސައްކަތް ކުރިއަށްދާއިރު ރަށުގެ ރައްޔިތުންގެ އުއްމީދަކީ ވީހާ ވެސް އަވަހަށް މި މަޝްރޫއު ނިމުން ކަމަށް ކައުންސިލުންވެސް ވަނީ ބުނެފައެވެ.