ފަށާ ތައުލީމުގެ މުދައްރިސުން ތަމްރީން ކުރުމަށް އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑުން ޚަރަދު ކުރާ ގޮތަށް 15 ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ސްކޮލަރޝިޕްއަށް ހޮވޭ މުދައްރިސުން ތަމްރީން ކުރާނީ ޤައުމީ ޔުނިވަރސިޓީން މި ވަގުތަށް ޤައުމަށް ބޭނުންވާ މީހުން ބިނާކުރުމަށް ކުރިއަށް ގެންދާ ހާއްސަ ސްކޮލަރޝިޕް ޕްރޮގްރާމްގެ ދަށުން ކަމަށެވެ.
ސްކޮލަރޝިޕްގެ ދަށުން ދޭ އިނާޔަތްތަކުގެ ތެރޭގައި އެލަވަންސްގެ ގޮތުގައި މަހަކު 5000 ރުފިޔާއާ ފޮތާއި އެހެނިހެން ތަކެތި ގަތުމަށް ސެމިސްޓަރއަކަށް 5000 ރުފިޔާގެ އިތުރުން ސްކޮލަރޝިޕް ލިބޭ ފުރަތަމަ މަހު އެސްޓެބްލިޝްމަންޓް ގްރާންޓްއެއްގެ ގޮތުގައި 5000 ރުފިޔާ ދެވޭނެ ކަމަށެވެ. އަދި ސްކޮލަރޝިޕްއަށް ހޮވޭ ފަރާތްތަކަށް ޤައުމީ ޔުނިވަރސިޓީގެ ދަނާލުން ހުރުން ހަމަޖެހިގެންދާނެ ކަމަށެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ސްކޮލަރޝިޕަށް ހުށަހަޅާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި ހަފްތާއަކު 20 ގަޑިއިރަށްވުރެން ގިނައިރު އުޅެން ޖެހޭ ވަޒީފާއެއް އަދާ ނުކުރާ މީހަކަށް ވާން ޖެހޭނެ ކަމަށެވެ. އޭގެ ބޭނުމަކީ ސްކޮލަރޝިޕްގައި ކިޔަވާ ދަރިވަރުން އުނގެނުމަށް ހޭދަކުރާ ވަގުތު އިތުރުކޮށް ފެންވަރު ރަނގަޅު ޓީޗަރުން އުފެއްދުމަށް ކަމަށް ވެސް ވަނީ ބުނެފައެވެ.
ޕްރައިމަރީ ޓީޗަރުން މަދު 60 ރަށަކަށް ސްކޮލަރޝިޕް އަމާޒު ކުރެވިފައިވާއިރު ޖުމްލަ 30 މުދައްރިސުން ތަމްރީން ކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑުން ޚަރަދު ކުރާ 15 ސްކޮލަރޝިޕްގެ އިތުރުން ޤައުމީ ޔުނިވަރސިޓީ އިން ވެސް 15 ސްކޮލަރޝިޕަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ.