ކ. މާލެ
|
12 ޖެނުއަރީ 2021 | އަންގާރަ 18:28
އެޓަރނީ ޖެނެރަލް އިބްރާހިމް ރިއްފަތު
އެޓަރނީ ޖެނެރަލް އިބްރާހިމް ރިއްފަތު
އޭޖީ އޮފީސް
ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުން
ދައުލަތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭ ޤަވާއިދަށް އަމަލު ކުރަން ފަށައިފި
މި ޤަވާއިދަށް އަމަލު ކުރަން ފަށާފައިިވަނީ މިއަދު

ދައުލަތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭ ޤަވާއިދަށް އަމަލު ކުރަން ފަށައިފިއެވެ.

މި ޤަވާއިދަކީ ގާނޫނުއަސާސީގެ 53 ވަނަ މާއްދާގެ (ށ) އާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 51 ވަނަ މާއްދާގެ (ބ) އަށް ރިއާޔަތްކޮށް، ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންގެ ތެރެއިން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭ ފަދަ މާލީ ތަނަވަސްކަމެއް ނެތް މީހުންނަކީ ކޮބައިކަން ކަނޑައަޅައި، އެފަދަ މީހުންނަށް ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ އުސޫލުތައް ބަޔާންކުރުމުގެ ގޮތުން އެކުލަވާލާފައިވާ ގަވާއިދެކެވެ.

މީގެ އިތުރުން 20 ނޮވެންބަރު 2020 ގައި އަމަލު ކުރަން ފެށި ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 50 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާން ކޮށްފައިވާ ގޮތުގެމަތިން، ކުށެއްގެ ތުހުމަތުގައި ހިފެހެއްޓޭ ނުވަތަ ހައްޔަރު ކުރެވޭ ކުއްޖަކަށް ގާނޫނީ ވަކީލަކު ހަމަޖެއްސެން ނެތްނަމަ، އެފަދަ ކުދިންނަށް ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭތީ، އެކަމާބެހޭ އުސޫލުތައް ވެސް އެ ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަމަށް އެދި ހުށަހަޅާ 18 އަހަރުން މަތީގެ ފަރާތެއް އެ ގަވާއިދުގެ ދަށުން ޝަރުތު ފުރިހަމަވުމަށްޓަކައި، އެފަރާތް ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ ކުށަކީ އެ ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޖިނާއީ ބޮޑު ކުށަކަށް ވާން ޖެހޭނެއެވެ.

އަދި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ކުށުގެ ތުހުމަތުގައިވާ މީހާ އަކީ މާލީ ތަނަވަސްކަމެއް ނެތް މީހެއް ކަމުގައި ބަލާނެ މިންގަނޑުތަކުން ޝަރުތު ފުރިހަމަވާންޖެހޭނެ އެވެ. ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަމަށް އެދި ހުށަހަޅާ 18 އަހަރުން މަތީގެ ފަރާތްތައް އެކަމަށް އެދި އެޓާނީ ޖެނެރަލްގެ އޮފީހަށް ހުށަހަޅާނީ ގަވާއިދުގެ ޖަދުވަލު 2 ގައިވާ ފޯމު މެދުވެރިކޮށެވެ. އެ ފޯމު އެޓާނީ ޖެނެރަލްގެ އޮފީހުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަމަށް އެދި ހުށަހަޅަނީ 18 އަހަރުން ދަށުގެ ކުޑަކުއްޖެއްނަމަ، އެ ކުއްޖާއަށް ގާނޫނީ ވަކީލެއް ހަމަޖެއްސެން ނެތްނަމަ، އެ ގަވާއިދުގެ ދަށުން ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދެވޭނެ އެވެ. ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަމަށް އެދި ހުށަހަޅާ 18 އަހަރުން ދަށުގެ ކުދިން އެކަމަށް އެދި އެޓާނީ ޖެނެރަލްގެ އޮފީހަށް ހުށަހަޅާނީ ގަވާއިދުގެ ޖަދުވަލު 3 ގައިވާ ފޯމު މެދުވެރިކޮށެވެ.

މިއަދު އަމަލުކުރަން ފެށި ގަވާއިދުގައި، ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް އެދި ހުށަހަޅަންވީ ގޮތުގެ އުސޫލުތަކާއި ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދޭ އިދާރާގެ ޒިންމާތަކާއި، ކަމާބެހޭ ދައުލަތުގެ އިދާރާތަކުން އަމަލުކުރަން ޖެހޭ އިޖުރާއަތުތަކާއި، ދައުލަތުގެ ފަރާތުން ހަމަޖައްސައިދޭ ގާނޫނީ ވަކީލުގެ ޒިންމާތަކާއި، ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިންތިޒާމްތައް ހަރުދަނާ ގޮތެއްގައި ގާއިމު ކުރުމާ ބެހޭ އުސޫލުތައް ހިމެނެއެވެ.

މި ގަވާއިދަށް އަމަލުކުރަން ފެށުމުން، ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންގެ ތެރެއިން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭ ފަދަ މާލީ ތަނަވަސްކަމެއް ނެތް މީހުންނަށް ދައުލަތުން ގާނޫނީ ވަކީލެއްގެ އެހިތެރިކަން ފޯރުކޮށްދިނުމާބެހޭ ގަވާއިދު މިހާރު ވަނީ އުވިފައެވެ.

- ކޮމެންޓް