ކ. މާލެ
|
12 ޖެނުއަރީ 2021 | އަންގާރަ 17:56
މީގެ ކުރިން ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރި މެޗެއްގެ ތެރެއިން
މީގެ ކުރިން ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރި މެޗެއްގެ ތެރެއިން
ގެޓީ އިމޭޖަސް
އިނގިރޭސި އެފްއޭ ކަޕް
އެފްއޭ ކަޕުގައި ޔުނައިޓެޑާއި ލިވަޕޫލުގެ ކުރިމަތިލުމެއް
މި މެޗު ކުޅޭނީ ޔުނައިޓެޑުގެ ދަނޑުގައި މި މަހުގެ 23 ނޫނީ 24 ވަނަ ދުވަހު
ޕްރިމިއާ ލީގުގައި އަންނަ އާދިއްތަ ދުވަހު ލިވަޕޫލުން އަމިއްލަ ދަނޑުގައި ޔުނައިޓެޑާ ދެކޮޅަށް ކުޅޭނެ

އިނގިރޭސި އެފްއޭ ކަޕުގެ ހަތަރުވަނަ ބުރުގައި މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރަން ޖެހިއްޖެއެވެ.

އެފްއޭ ކަޕުގެ ހަތަރުވަނަ ބުރާއި ފަސްވަނަ ބުރުގެ ގުރު ހޯމަ ދުވަހުގެރޭ ނެގިއިރު، ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރާ މެޗު ކުޅޭނީ ޔުނައިޓެޑުގެ ދަނޑުގައި މި މަހުގެ 23 ނޫނީ 24 ވަނަ ދުވަހުއެވެ. އޭގެ ކުރިން އިނގިރޭސި ޕްރިމިއާ ލީގުގައި އަންނަ އާދިއްތަ ދުވަހު ލިވަޕޫލުން އަމިއްލަ ދަނޑުގައި ޔުނައިޓެޑާ ދެކޮޅަށް ކުޅޭނެއެވެ. އެހެންކަމުން އިނގިރޭސި ފުޓްބޯޅައިގެ އެންމެ ޒަމާންވީ ވާދަވެރި ދެ ކުލަބު ކަމަށްވާ ޔުނައިޓެޑާއި ލިވަޕޫލުގެ ދެ މެޗެއް މި މަހު ފެނިގެންދާނެއެވެ.

މި ސީޒަނުގެ އެފްއޭ ކަޕުގެ ހަތަރުވަނަ ބުރުގެ ޖާގައެއް ޔުނައިޓެޑް ހޯދާފައިވަނީ ތިންވަނަ ބުރުގެ މެޗުގައި ވަޓްފޯޑް އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. އަދި ހަތަރުވަނަ ބުރަށް ލިވަޕޫލް ދަތުރުކުރީ ތިންވަނަ ބުރުގައި އެސްޓަން ވިލާގެ ޒުވާން ޓީމު އަތުން 4-1 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

ޔުނައިޓެޑުން މިހާތަނަށް 12 ފަހަރު އެފްއޭ ކަޕް ކާމިޔާބުކޮށްފައިވާއިރު، އެ ޓީމުން އެންމެ ފަހުން މި މުބާރާތް ކާމިޔާބުކުރީ 2016 ވަނަ އަހަރުއެވެ. އަދި ލިވަޕޫލުން މިހާތަނަށް ހަތް ފަހަރު އެފްއޭ ކަޕް ކާމިޔާބުކޮށްފައިވާއިރު، އެ ޓީމުން އެންމެ ފަހުން މި މުބާރާތް ކާމިޔާބުކުރީ 2006 ވަނަ އަހަރުއެވެ.

ޔުނައިޓެޑާއި ލިވަޕޫލަކީ މި ވަގުތު އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނަ އަދި ދެވަނައިގައި އޮތް ދެ ޓީމެވެ. މޫގެ ތެރެއިން ލިވަޕޫލް މި ވަގުތު އެއްވަނައިގައި އޮތް ނަމަވެސް، ލީގުގައި އަންގާރަ ދުވަހުގެރޭ ރަށުން ބޭރުގައި ޔުނައިޓެޑުން ބާންލީ އަތުން ބަލިނުވެ ފަރުޖައްސާލައިގެންވެސް ލީގުގެ އެއްވަނައަށް އެރޭނެއެވެ.

އެފްއޭ ކަޕުގެ ހަތަރުވަނަ ބުރުގައި ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރަން ޖެހޭއިރު، މި ބުރުގައި އެފްއޭ ކަޕުގެ އެންމެ ފަހުގެ ޗެމްޕިއަން އަދި މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ އާސެނަލް ރަށުން ބޭރުގައި ވާދަކުރަން ޖެހޭނީ ސައުތެމްޓަނާއި ޝްރޫސްބަރީ ކުޅެގެން މޮޅުވާ ޓީމަކާއެވެ. އަދި ހަތަރުވަނަ ބުރުގައި މެންޗެސްޓާ ސިޓީ ބައްދަލުކުރާނީ ޗެލްޓެންހަމް ޓައުންއާއެވެ. އަދި ޗެލްސީ ނުކުންނާނީ ލޫޓަން ޓައުންއާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް