ފުޓްބޯޅަ ކުޅުން ހުއްޓާލުމުގެ ކުރިން ތުރުކީ އާއި އެމެރިކާގައި ކުޅެން ބޭނުންވާ ކަމަށް އާސެނަލުގެ މިޑްފީލްޑަރު މެސުޓް އޮޒިލް ބުނެފިއެވެ.
މި ފަހަކަށް އައިސް އާސެނަލުން އުމުރުން 32 އަހަރުގެ އޮޒިލަށް ފުރުސަތު ދީފައި ނުވާއިރު، އޮޒިލް އެންމެ ފަހުން އެ ޓީމަށް މެޗެއް ކުޅެދިނީ މިދިޔަ އަހަރުގެ މާޗު މަހު ހަތްވަނަ ދުވަހުގައެވެ. އަދި މި ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގާއި ޔޫރޮޕާ ލީގުގެ ސްކޮޑުންވެސް އޮޒިލް ވަނީ ބާކީކޮށްފައެވެ.
އެހެންކަމުން އާސެނަލުން ވަނީ މި ސީޒަން ފެށުމުގެ ކުރިން އޮޒިލް ދޫކޮށްލަން މަސައްކަތްކޮށްފައެވެ. އެކަމަކު އެއްބަސްވުން ނިމުމުގެ ކުރިން އާސެނަލް ދޫކޮށްލަން އޮޒިލް މީގެ ކުރިން ވަނީ ދެކޮޅު ހަދާފައެވެ.
ދާދި ފަހުން ތުރުކީ މީޑިއާތަކުން ވަނީ ފެނަބާޗޭއާއެކު ތިން އަހަރާ ބައިގެ އެއްބެސްވުމެއްގައި ސޮއިކުރަން އޮޒިލް ނިންމާފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ. އެހެންކަމުން މި ޖެނުއަރީ ޓްރާންސްފާގައި ފެނަބާޗޭއާ އޮޒިލް ގުޅޭނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. އެކަމަކު އޮޒިލް ވަނީ ސީދާ އެކަމާ ބެހޭގޮތުން ރަަސްމީ މީޑިއާގައި ވާހަކަ ދައްކަން ދެކޮޅު ހަދާފައެވެ.
ދާދި ފަހުން މުސްތަގުބަލާ ބެހޭގޮތުން ސޯޝަލް މިޑިއާގައި ވާހަކަދައްކަމުން އޮޒިލް ބުނީ ޖަރުމަނުގައި އޭނާ އުޅެ ބޮޑުވި ނަމަވެސް އޭނާއަކީ ތުރުކީ ދަރިފަސްކޮޅަށް ނިސްބަތްވާ މީހެއް ކަމަށާއި، އޭރުވެސް އޭނާއަކީ ފެނަބާޗޭ ސަޕޯޓަރެއް ކަމަށެވެ. އަދި ފުޓްބޯޅަ ކުޅުން ހުއްޓާލުމުގެ ކުރިން ތުރުކީ އާއި އެމެރިކާގައި ފުޓްބޯޅަ ކުޅެން ބޭނުންވާ ކަމަށާއި، ތުރުކީއަށް ދާނަމަ ބަދަލުވާނީ ފެނަބާޗޭއަށް އެކަނި ކަމަށްވެސް އޮޒިލް ވަނީ ބުނެފައެވެ.
ފެނަބާޗޭއަށް ބަދަލުވާން އޮޒިލް އުޅޭ ކަމަށް ރިޕޯޓުތައް ބުނި ނަމަވެސް، އެމެރިކާގެ މޭޖާ ލީގު ސޮކާ (އެމްއެލްއެސް) ގެ ޑީސީ ޔުނައިޓެޑާއެކުވެސް އޮޒިލް މަޝްވަރާކުރަމުން އަންނަ ކަމަށް ދާދި ފަހުން މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
އޮޒިލް ދޫކޮށްލަން އާސެނަލުން މަސައްކަތްކުރަމުން އަންނައިރު، އޮޒިލް މި ސީޒަނުގެ ނިޔަލަށް އާސެނަލުގެ އެއްބަސްވުމުގައި ހުރީ ހަފުތާއަކު 350،000 (ތިން ލައްކަ ފަންސާސް ހާސް) ޕައުންޑް ލިބޭ ގޮތަށެވެ. އޭނާ އަކީ އާސެނަލުގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާއެވެ.
އޮޒިލަށް އާސެނަލުގެ ސްކޮޑުން ޖާގަ ގެއްލުނުއިރު، މީގެ ކުރިން އޮޒިލް ވަނީ އާސެނަލާ ދެމެދު މައްސަލަ ޖެހުނު ސަބަބު މީގެ ކުރިން ސާފުކޮށްދީފައެވެ. އޮޒިލް ބުނީ އޭނާ އާއި އާސެނަލާ ދެމެދު މައްސަލަ ޖެހުނީ ކޮވިޑް-19 ގެ ސަބަބުން ކުޅުންތެރިންގެ މުސާރަ ކުޑަކުރުމަށް ބުނުމުން، އެކަމަށް ދެކޮޅު ހެދި ހިސާބުން ކަމަށެވެ. އަދި އެކަމަށް ދެކޮޅު ހެދީ އާސެނަލަށް އޭނާ ކުރިމަތިކުރި ސުވާލުތަކަށް ކުލަބުން ޖަވާބުދާރީ ނުވުމުން ކަމަށްވެސް އޮޒިލް ބުންޏެވެ.