ޖަރުމަން ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ބޮރޫޝިއާ ޑޯޓްމުންޑް އަތުން ބަލިވެ ތާވަލުގެ އެއްވަނައަށް އަރަން ލިބުނު ފުރުސަތު އާރްބީ ލެއިޕްޒީގުން ނަގާލައިފިއެވެ.
ލެއިޕްޒީގުގެ ދަނޑުގައި ކުޅުނު މި މެޗުން ޑޯޓްމުންޑް މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް، ދެވަނަ ހާފު ފަށައިގެން 10 ވަނަ މިނެޓުގައި ޑޯޓްމުންޑުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް ޖޭޑަން ސަންޗޯއެވެ. އަދި މެޗުގެ 71 ވަނަ މިނެޓުގައި ޒުވާން ތަރި އާލިން ބްރައުޓް ހާލަންޑް ވަނީ ޑޯޓްމުންޑަށް ލީޑު ފުޅާކޮށްދީފައެވެ. މިއީ މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅު ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއިން ރަނގަޅުވެ ކުޅުމުގެ ތެރެއަށް އައިސް ހާލަންޑް ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.
މި މެޗުގައި ޑޯޓްމުންޑުން ކާމިޔާބުކުރި ތިންވަނަ ލަނޑު މެޗު ނިމެން ހަ މިނެޓަށް ވެފައި ވަނިކޮށް އެ ޓީމަށް ޖަހައިދިނީ ހާލަންޑެވެ. އެކަމަކު މެޗުގެ ފަހު މިނެޓުގައި ލެއިޕްޒީގުގެ އެލެކްޒެންޑަ ސޯލޮތު ވަނީ އެ ޓީމުން މި މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު ޖަހާފައެވެ.
މި މެޗުން މޮޅުވެގެން ތާވަލުގެ އެއްވަނައަށް އެރުމުގެ ފުރުސަތު ލެއިޕްޒީގަށް އޮތް ނަމަވެސް، މެޗުން ބަލިވުމުން އެ ޓީމު އޮތީ ތާވަލުގެ ދެވަނައިގައި ކުޅުނު 15 މެޗުން ލިބުނު 31 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކަށް ވަނީ 15 މެޗުން 33 ޕޮއިންޓް ލިބިފައެވެ. އަދި ހޮނިހިރު ދުވަހުގެރޭ ލެއިޕްޒީގް ބަލިކުރި ޑޯޓްމުންޑް އޮތީ ތާވަލުގެ ހަތަރުވަނައިގައި 15 މެޗުން 28 ޕޮއިންޓާއެކުއެވެ.