އިނގިރޭސި އެފްއޭ ކަޕުގެ ތިންވަނަ ބުރުގައި ހުކުރު ދުވަހުގެރޭ އެސްޓަން ވިލާގެ ޒުވާން ޓީމު ބަލިކޮށް ހަތަރުވަނަ ބުރުން ލިވަޕޫލް ފުރުސަތު ހޯދައިފިއެވެ.
ވިލާގެ ދަނޑުގައި ކުޅުނު މެޗުން ލިވަޕޫލް މޮޅުވީ 4-1 ގެ ނަތީޖާއަކުންނެވެ.
ވިލާއިން އެ ޓީމުގެ 23 އަހަރާއި 18 އަހަރުން ދަށުގެ ޓީމުގެ ކުޅުންތެރިންގެ ޓީމެއް ހުކުރު ދުވަހުގެރޭގެ މެޗަށް ނެރެން ޖެހުނީ ކޮވިޑް-19 ގެ ސަބަބުން ސީނިއާ ޓީމުގެ ކުޅުންތެރިން އައިސޮލޭޝަނުގައި ތިބެން ޖެހުމުންނެވެ. އެފްއޭ ކަޕުގެ ކުރިން ކުރި ކޮވިޑް-19 ޓެސްޓުތަކުން ވިލާގެ 14 މީހަކު ކޮވިޑަށް ޕޮޒިޓިވްވިއިރު، އޭގެ ތެރޭގައި 10 ކުޅުންތެރިންވެސް ހިމެނެއެވެ.
ހުކުރު ދުވަހުގެރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލަށް އެންމެ އެދެވޭ ކުޅުމެއް ނުދެއްކުނު ނަމަވެސް، މި ހާފުގެ ވަރަށް ކުރީކޮޅު އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. އެގޮތުން މެޗު ފަށައިގެން ހަތަރުވަނަ މިނެޓުގައި ކާޓިސް ޖޯންސް ނަގައިދިން ހުރަހަކުން ލިވަޕޫލަށް ލީޑު ނަގައިދިނީ ސަޑިއޯ މާނޭއެވެ. އެކަމަކު ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ކައުންޓަ އެޓޭކެއްގައި ވިލާގެ ލުއީ ބެރީ ވަނީ އެ ޓީމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
މެޗުގެ ދެވަނަ ހާފުގައި ލިވަޕޫލުން ކުޅުން ރަނގަޅުކުރިއިރު، ފަސް މިނެޓު ތެރޭގައި އެ ޓީމުން ވަނީ ތިން ލަނޑު ޖަހާފައެވެ. އެގޮތުން މެޗުގެ 60 ވަނަ މިނެޓުގައި ޖޯޖީނިއޯ ވައިނަލްޑަމް ލިވަޕޫލަށް ލީޑު ނަގައިދިންއިރު، އޭގެ ތިން މިނެޓު ފަހުން މާނޭ ވަނީ ލިވަޕޫލަށް ލީޑު ފުޅާކޮށްދީފައެވެ. އަދި އޭގެ ދެ މިނެޓު ފަހުން މުޙައްމަދު ސަލާހު ވަނީ ލިވަޕޫލުގެ ހަތަރުވަނަ ލަނޑު ޖަހާފައެވެ.
އެފްއޭ ކަޕުގެ ތިންވަނަ ބުރުގައި ހުކުރު ދުވަހުގެރޭ ކުޅުނު މެޗުން ލިވަޕޫލް މޮޅުވިއިރު، މި މުބާރާތުގައި ހުކުރު ދުވަހުގެރޭ ކުޅުނު އަނެއް މެޗުން ވުލްވްސް ވަނީ 1-0 ން ކްރިސްޓަލް ޕެލަސް ބަލިކޮށް ހަތަރުވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފައެވެ.