ފާއިތުވި އަހަރި ގިނަ އައު މާކެޓްތަކެއް ފަތުރުވެރިކަމަށް ލިބުނު އިރު، ޑިސެމްބަރ މަހު ކަޒަކިސްތާނުގެ މާކެޓް ވަނީ 214.8 އިންސައްތަ އިތުރުވެފައެވެ.
ޓޫރިޒަމް މިނިސްޓްރީން ވަނީ ފާއިތުވި އަހަރުގެ ޑިސެމްބަރ މަހު 10 މާކެޓަކުން ރާއްޖެއައި ފަތުރުވެރިންގެ އަދަދު ބޮޑުތަނުން އިތުރުވެފައިކަން ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި ގިނައީ ހުޅަނގާއި މެދުތެރޭ ޔޫރަޕްގެ ގައުމުތަކާއި މެދު އިރުމަތީގެ ގައުމުތައް ކަމަށް މިނިސްޓްރީން ފާހަގަކުރެއެވެ.
އެގޮތުން 2019 ވަނަ އަހަރުގެ ޑިސެމްބަރ މަހު ކަޒަކިސްތާނުން ރާއްޖެ އައި 902 ފަތުރުވެރިންގެ އަދަދު ވަނީ 2020 ވަނަ އަހަރުގެ ޑިސެމްބަރ މަހު 2839 އަށް އިތުރުވެފައެވެ.
މީގެ އިތުރުން 2019 ވަނަ އަހަރުގެ ޑިސެމްބަރ މަހު ޔޫކްރެއިނުން 1538 ފަތުރުވެރިން ރާއްޖެ އައިސްފައިވާ އިރު، 2020 ވަނަ އަހަރުގެ ޑިސެމްބަރ މަހު ރާއްޖެ އައިސްފައި ވަނީ 3010 ފަތުރުވެރިންނެވެ. މިއީ 95.7 އިންސައްތަ އިތުރުވުމެކެވެ. 2019 ވަނަ އަހަރުގެ ޑިސެމްބަރ މަހު ޔޫއޭއީ އިން 898 ފަތުރުވެރިން ރާއްޖެ އައިސްފައިވާ އިރު، 2020 ވަނަ އަހަރު އެއަދަދު ވަނީ 69.8 އިންސައްތަ އިތުރުވެފައެވެ. އެއީ 1525 ފަތުރުވެރިންނަށެވެ.
މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން 2019 ވަނަ އަހަރުގެ ޑިސެމްބަރ މަހު ރަޝިއާއިން 9037 ފަތުރުވެރިން ރާއްޖެ އައިސްފައިވާ އިރު، 2020 ވަނަ އަހަރު އެއަދަދު ވަނީ 15323 އަށް އިތުރުވެފައެވެ. މިއީ 69.6 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި މިސްރުން ފާއިތުވި ޑިސެމްބަރ މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 57.3 އިންސައްތަ އިތުރުވެފައިވާ އިރު، 2019 ވަނަ އަހަރުގެ ޑިސެމްބަރ މަހު އެގައުމުން ރާއްޖެ އައީ 344 ފަތުރުވެރިންނެވެ. މިދިޔަ ޑިސެމްބަރ މަހު 541 ފަތުރުވެރިން ވަނީ އެގަމުން ރާއްޖެ އައިސްފައެވެ.
މީގެ އިތުރުން ސްލޮވޭކިއާއިން ޑިސެމްބަރ މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 51.2 އިންސައްތަ އިތުރުވެފައިވާ އިރު، ޕާކިސްތާނުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 44.6 އިންސައްތަ އިތުރުވެފައެވެ. އަދި ބަލްގޭރިއާގެ މާކެޓް 35.8 އިންސައްތަ އިތުރުވެފައިވާ އިރު، ރޯމޭނިއާގެ މާކެޓް ވަނީ 33.9 އިންސައްތަ އިތުރުވެފައެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން ހުޅަނގާއި މެދުތެރޭ ޔޫރަޕްގެ ފަތުރުވެރިކަމުގެ މާކެޓް ވަނީ ޑިސެމްބަރ މަހު 44.1 އިންސައްތަ އިތުރުވެފައެވެ.
މި އަހަރުގެ ފުރަތަމަ ހަފްތާ ނިމުނު އިރު ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައި ގައުމަކީ ރަޝިއާ ކަމަށް ވާއިރު، މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައި 10 ގައުމުގެ ތެރޭގައި އިންޑިއާ، ޔޫކްރެއިން، ކަޒަކަސްތާން، އިނގިރޭސުވިލާތް، ރޯމާނިއާ، ޖަރމަނީ، ފްރާންސް، އެމެރިކާ އަދި އުޒްބެކިސްތާން ހިމެނެއެވެ.