މިއަހަރުގެ ފުރަތަމަ ހަފްތާ ނިމުނު އިރު ރާއްޖެ އަށް 20،000 އަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކުރާ ޑެއިލީ އަޕްޑޭޓްސް ދައްކާގޮތުން 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ހަތް ދުވަހު 20,612 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.
އެގޮތުން މިއަހަރުގެ މިހާތަނަށް ދުވާލަކަށް އަންނަ ފަތުރުވެރިންގެ އަަދަދު 2،000 އަށް ވުރެ މަތީގައި އުޅޭ އިރު، އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އެއްދުވަހާ ރާއްޖެ އައިސްފައި ވަނީ ޖެނުއަރީ ތިން ވަނަ ދުވަހުއެވެ. އެގޮތުން އެދުވަހު 4195 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހު 2005 ފަތުރުވެރިން ރާއްޖެ އައިސްފައިވާ އިރު، ދެ ވަަނަ ދުވަހު ރާއްޖެ އައިސްފައި ވަނީ 4160 ފަތުރުވެރިންނެވެ. އަދި ތިން ވަނަ ދުވަހު އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައިސްފައިވާ އިރު، ހަތަރު ވަނަ ދުވަހު އައިސްފައި ވަނީ 2646 ފަތުރުވެރިންނެވެ.
މީގެ އިތުރުން ފަސް ވަނަ ދުވަހު 2672 ފަތުރުވެރިން ރާއްޖެ އައިސްފައިވާ އިރު، ހަ ވަނަ ދުވަހު އައިސްފައި ވަނީ 2408 ފަތުރުވެރިންނެވެ. އަދި ހަތް ވަނަ ދުވަހު 2526 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރަޝިއާއިން އައިސްފައިވާއިރު، އެގައުމުން 5,331 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މިއީ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ 25.9 އިންސައްތައެވެ. ދެވަނަ އަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އިންޑިއާއިން ރާއްޖެ އައިސްފައިވާ އިރު، އެއީ 1,816 ފަތުރުވެރިންނެވެ.
މީގެ އިތުރުން ޔޫކްރެއިން އިން 1,779 ފަތުރުވެރިން، ކަޒަކިސްތާނުން 1,082 ފަތުރުވެރިން، އިނގިރޭސިވިލާތުން 956 ފަތުރުވެރިން، ރޯމޭނިއާ އިން 739 ފަތުރުވެރިން، ޖަރުމަނުން 650 ފަތުރުން، ފްރާންސުން 586 ފަތުރުވެރިން އަދި އެމެރިކާ އިން 416 ފަތުރުވެރިންނާއި އުޒްބެކިސްތާނުން އައި 377 ފަތުރުވެރިން ހިމެނެނީ ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން މި އަހަރު އައިސްފައިވާ 10 ގައުމުގެ ތެރޭގައެވެ.
ކޮވިޑް-19 ގެ ސަބަބުން މިދިޔަ އަހަރު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތައް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، އަހަރު ނިމުނުއިރު 555,399 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. 2021 ވަނަ އަހަރަށް ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާފައިވާ ޓާގެޓަކީ 1.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ.