ކ. މާލެ
|
28 އޭޕްރިލް 2017 | ހުކުރު 17:05
އޭޕްރީލް މަހު ޝީ އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ޓްރަމްޕްއާ ބައްދަލުކުރައްވަނީ
އޭޕްރީލް މަހު ޝީ އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ޓްރަމްޕްއާ ބައްދަލުކުރައްވަނީ
ޔޫޓިއުބް
އުތުރުކޮރެއާގެ މައްސަލަ
އުތުރުކޮރެއާގެ މައްސަލައިގައި ރައީސް ޓްރަމްޕް ޗަައިނާގެ ރައީސް ޝީއަށް ތައުރީފް ކުރައްވައިފި
އެއީ ވަރަށް ރަނގަޅު ބޭފުޅެއް:ޓްރަމްޕް
ސެކިއުރިޓީ ކައުންސިލުން އުތުރުކޮރެއާގެ މައްސަލައިގައި ހުކުރު ދުވަހު ބައްދަލުވުމެއް ބާއްވާނެ

އުތުރުކޮރެއާގެ މައްސަލައިގައި ޗައިނާގެ ރައީސް ޝީ ޖިން  ޕިން އަމަލުކުރައްވާ ގޮތަށް ތައުރީފް ކުރައްވައި އެ މަނިކުފާނަކީ ވަރަށް ރަނގަޅު" ،ގައުމު ދެކެ ލޯބިވާ ބޭފުޅެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ރައީސް ރޮއިޓާސްގައި ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވަނީ އެ މައްސަލަ ޑިޕްލޮމެޓިކްކޮށް ހައްލުކުރައްވަން ކަމަށާއި ނަމަވެސް އެކަން އުނދަގޫވި ކަމަށެވެ. އަދި މައިގަނޑު މައްސަލަ ހައްލުކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށް ވިދާޅުވިއެވެ.

އދ. ގެ ސެކިއުރިޓީ ކައުންސިލުން އުތުރުކޮރެއާގެ މައްސަލައިގައި މަޝްވަރާކުރުމަށް ހުކުރު ދުވަހު ބައްދަލުވުމެއް ބާއްވާނެއެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރެކް ޓިލަރސަން ވިދާޅުވެފައި ވަނީ އުތުރު ކޮރެއާއިން އިތުރު ނިއުކްލިއަރ ޓެސްޓްތަކެއް ކޮށްފި ނަމަ އެގައުމާ ދެކޮޅަށް ޗައިނާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށް ޗައިނާއިން ބުނެފައި ވާކަމަށެވެ.

އިންތިޚާބު ކާމިޔާބު ކުރެއްވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރައީސް ޓްރަމްޕް ވަނީ އުތުރުކޮރެއާގެ މައްސަލައިގައި ޗައިނާއިން އެއްވެސް ފިޔަވަޅެއް ނާޅާ ކަމަށް ތުހުމަތު ކުރައްވައި އެ މައްސަލަ އެމެރިކާ އެކަނި ވެސް ހައްލުކުރާނެ ކަމަށް ވިދާޅުވެފައެވެ.

މި މަހުގެ ކުރިކޮޅު ރައީސް ޝީއާ ބައްދަލުކުރައްވާފައިވާ ރައީސް ޓްރަމްޕް އޯވަލް އޮފީހުގައި ރޮއިޓާސްއަށް ދެއްވާފައިވާ އިންޓަވިއުއެއްގައި ވިދާޅުވީ " ހަމަނުޖެހުންތަކާއި މީހުން މަރުވާތަން ބައްލަވަން ޗައިނާގެ ރައީސް ބޭނުންފުޅު ނުވޭ،" ކަމަށެވެ.

"އެއީ ވަރަށް ރަނގަޅު ބޭފުޅެއް. އަޅުގަނޑަށް އެ ބޭފުޅާ ވަރަށް ރަނގަޅަށް އެނގިއްޖެ،" ޓްރަމްޕް ވިދާޅުވިއެވެ.

އުތުރުކޮރެއާއިން ވަނީ ތަކުރާރުކޮށް މިސައިލް ޓެސްޓްތައް ކުރިޔަށް ގެންގޮސް އަދި ހަވަނަ ނިއުކްލިއަރ ޓެސްޓެއް ކުރިޔަށް ގެންދާނެކަމުގެ އިންޒާރު ދީފައެވެ.

ބުރާސްފަތި ދުވަހު ޓިލަރސަން ފޮކްސް ނިއުސްގައި ވިދާޅުވެފައި ވަނީ އިތުރު ޓެސްޓްތައް ކުރުމުން ދުރުވުމަށް ޗައިނާއިން އަނެއްކާ ވެސް އުތުރުކޮރެއާގެ ކިބައިން އެދިފައިވާ ކަމަށެވެ.

ޗައިނާއިން ވަނީ ފެބްރުއަރީ މަހުން ފެށިގެން އުތުރުކޮރެއާއިން ބޯޓް ދެލި އެތެރެކުރުން ހުއްޓާލާފައެވެ.

އެއީ އެ ގައުމުގެ މައިގަނޑު އެކްސްޕޯޓެވެ.

މީގެ އިތުރުން އުތުރުކޮރެއާގެ ކަންކަން އިސްލާހު ނުކޮށްފި ނަމަ އެގައުމަށް ތެޔޮ ފޯރުކޮށްދިނުން ވެސް ހުއްޓާލުމަށް ވިސްނަމުންދާ ކަމަށް ޗައިނާއިން ވަނީ ބުނެފައެވެ.

 

 

 

 

- ކޮމެންޓް