މެސެޑޯނިއާގެ ގާނޫނުހަދާ މަޖިލީހުގެ ރައީސް ކަމަށް ބުރާސްފަތި ދުވަހު އަލްބޭނިއާގެ ރައްޔިތަކު ހޮވުމުން މުޒާހަރާ ކުރި ފަރާތްތަކުން މަޖިލީހުގެ އިމާރާތަށް ގެއްލުންދީ އިމާރާތަށް ވަދެގަނެފިއެވެ.
މި ހަމަނުޖެހުންތަކުގައި މަދުވެގެން 10 މީހުން ޒަޚަމްވެފައި ވެއެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ސޯޝަލް ޑެމްކޮރެޓިކް ލީޑަރު ޒޯރާން ޒައެވް ވެސް ހިމެނިވަޑައިގަންނަވާއިރު އޭނާގެ މޫނުން ލޭ އޮހޮރެން ފެށުމުންވަނީ މަޖިލީސް ދޫކުރައްވާ ވަޑައިގެންފައެވެ.
މުޒާހަރާ ކުރަމުންދާ އަދި ކުރީގެ ބޮޑުވަޒީރު ނިކޮލާ ގްރުއެވްސްކީގެ ވީއެމްއާރުއޯ ޕާޓީން ގެންދަނީ އާ އިންތިޚާބެއް ބޭއްވުމަށް ޑިމާންޑް ކުރަމުންނެވެ.
ޔޫގޯސްލްވް ރިޕަބްލިކްގައި ކުރިން ހިމެނުނު މި ގައުމުގެ ޑިސެމްބަރު މަހު ބޭއްވި އިންތިޚާބުގައި ނިންމުމެއް ނިންމިފައި ނުވާތީ ސިޔާސީ ކަންކަންވަނީ މަރުތަޅު އެޅުވިފައެވެ.
ޒައެވް ވަނީ ސަރުކާރެއް އެކުލަވާލުމަށް ކުރައްވާ މަސައްކަތުގެ ދަށުން އަލްބޭނިއާ ދަރިކޮޅުގެ ފަރާތްތަކާ އެކު ކޯލިޝަނެއް ހައްދަވާފައެވެ. ނަމަވެސް ސަރުކާރެއް ހެދުމަށް ކުރާ މަސައްކަތް އެގައުމުގެ ރައީސް ވަނީ ހުއްޓުވާފައެވެ.
ކޯލިޝަނެއް އެކުލަވާލެއްވުމަށް ޒައެވް މަސައްކަތް ފެއްޓެވި ހިސާބުން މެސެޑޯނިއާގެ ރައްޔިތުން ގެންދަނީ މުޒާހަރާ ކުރަމުންނެވެ.