ހުޅުމާލެ ފޭސް ދޭއްގައި ފިއުލް ޝެޑް ގާއިމުކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ހުޅުމާލެ ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާން ކޮށްފިއެވެ.
ހުޅުމާލެ ފޭސް ދޭއްގައި ގިނަ ގެދޮރުވެރިކަމުގެ މަޝްރޫއުތަކެއް ނިމި އެ ސަރަހައްދަކީ މުސްތަގުބަލުގައި ގިނަ އަދެއްދެއްގެ އާންއްމު ރައްޔިތުންތަކެއް އާބާދު ވާނެ ސަރަހައްދެއްކަމުން، ފޭސް ދޭކަށް ބަދަލުވާ ރައްޔިތުންނަށް ބޭނުންވާނެ އަސާސީ ޙިދުމަތްތައް ގާއިމުކުރުމަށް އެޗްޑީސީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ ގޮތުން ފޭސް ދޭއްގައި ދެ ޕެޓްރޯލް ޝެޑެއް ގާއިމުކޮށް ހިންގާނެ ފަރާތެއް ހޯދުމަށް މިދިޔަ އަންގާރަ ދުވަހު ވަނީ އިއުލާން ކޮށްފައެވެ.
ޒަމާނީ ފެންވަރެއްގައި ޕެޓްރޯލް ޝެޑް ހެދުމަށް މިފަހަރު އިއުލާން ކުރެވިފައިވަނީ RD-4 ޕްލޮޓުގައި ގާއިމުކުރާ ޕެޓްރޯލް ޝެޑުގެ އިތުރުން ކާރ ވޮޝްއެއް ހިމެނޭ ގޮތަށް ތަރައްގީކުރުމަށެވެ. އަދި (N4-24C) ޕްލޮޓުގައި ގާއިމުކުރާ ޕެޓްރޯލް ޝެޑުގައި ފުރޮޅު ބެއްދުން އަދި ފުރޮޅު ބަދަލުކުރުން ފަދަ ކުދި މަރާމާތު މަސައްކަތް ކުރެވޭނެ ގަރާޖެއް ހިންގުމަށް ކަނޑައަޅާފައިވާ ކަމަށްވެސް އެޗްޑީސީން ބުނެއެވެ.
މި ގާއިމުކުރެވޭ ދެ ޕެޓްރޯލް ޝެޑުންވެސް ސެލްފް ސާރވިސްގެ ޙިދުމަތާއި، ފުރޮޅަށް ވައި ޖެހޭނެ އިންތީޒާމު ލިބޭނެ ގޮތަށް ތަރައްގީކުރުމަށްވެސް އެޗްޑީސީން ވަނީ ނިންމާފައެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ފެންރުއަރީ މަހުގެ 11 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެ ކޯޕަރޭޝަނަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
މި މަޝްރޫއާ ބެހޭގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ ޕްރީ ޕްރޮޕޯސަލް ބައްދަލުވުން މި މަހުގެ 18 ވަނަ ދުވަހުގެ 14:00 ގައި ބޭއްވުމަށް ނިންމާފައިވާ ކަމަށާއި، އާރްއެފްޕީއާ ބެހޭ އިތުރު މައުލޫމާތު އެ ކޯޕަރޭޝަނުގެ ވެބްސައިޓުންނާއި މައި ހުޅުމާލޭ ޕްރޮޕަޓީސް ވެބްސައިޓުން ލިބޭނެ ކަމަށްވެސް އެޗްޑީސީން ބުނެއެވެ.