ކ. މާލެ
|
6 ޖެނުއަރީ 2021 | ބުދަ 17:21
އާސެނަލުގެ މިޑްފީލްޑަރު މެސުޓް އޮޒިލް
އާސެނަލުގެ މިޑްފީލްޑަރު މެސުޓް އޮޒިލް
ގެޓީ އިމޭޖަސް
އޮޒިލް ފެނަބާޗޭއަށް ބަދަލުވުން
އޮޒިލް ފެނަބާޗޭއަށް ބަދަލުވަނީ: ރިޕޯޓު
ފެނަބާޗޭއަށް އޮޒިލް ބަދަލުވާނީ ތިން އަހަރާ ބައިގެ އެއްބެސްވުމެއްގެ ދަށުން
އެމެރިކާގެ ޑީސީ ޔުނައިޓެޑާއެކުވެސް އޮޒިލް މަޝްވަރާކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނޭ

ތުރުކީގެ ފެނަބާޗޭއަށް ބަދަލުވާން އާސެނަލުގެ މިޑްފީލްޑަރު މެސުޓް އޮޒިލް އެއްބަސްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މި ފަހަކަށް އައިސް އާސެނަލުން އުމުރުން 32 އަހަރުގެ އޮޒިލަށް ފުރުސަތު ދީފައި ނުވާއިރު، އޮޒިލް އެންމެ ފަހުން އެ ޓީމަށް މެޗެއް ކުޅެދިނީ މި އަހަރުގެ މާޗު މަހު ހަތްވަނަ ދުވަހުގައެވެ. އަދި މި ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގާއި ޔޫރޮޕާ ލީގުގެ ސްކޮޑުންވެސް އޮޒިލް ވަނީ ބާކީކޮށްފައެވެ.

އެހެންކަމުން އާސެނަލުން ވަނީ މި ސީޒަން ފެށުމުގެ ކުރިން އޮޒިލް ދޫކޮށްލަން މަސައްކަތްކޮށްފައެވެ. އެކަމަކު އެއްބަސްވުން ނިމުމުގެ ކުރިން އާސެނަލް ދޫކޮށްލަން އޮޒިލް މީގެ ކުރިން ވަނީ ދެކޮޅު ހަދާފައެވެ.

ތުރުކީގެ ރިޕޯޓުތައް ބުނާ ގޮތުން އޮޒިލް ވަނީ ފެނަބާޗޭއާއެކު ތިން އަހަރާ ބައިގެ އެއްބެސްވުމެއްގައި ސޮއިކުރަން ނިންމާފައެވެ. އެހެންކަމުން މި ޖެނުއަރީ ޓްރާންސްފާގައި ފެނަބާޗޭއާ އޮޒިލް ގުޅޭނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. ތުރުކީގެ ފެނަބާޗޭއަށް ބަދަލުވާން އޮޒިލް އެއްބަސްވި ކަމަށް ރިޕޯޓުތައް ބުނިއިރު، ތުރުކީ އަކީ އޮޒިލްއާ ގާތް ގުޅުމެއް އޮންނަ ގައުމެކެވެ. އެގޮތުން އަންގާރަ ދުވަހު އޮޒިލް ވަނީ ތުރުކީގެ ސިޓީއެއް ކަމަށްވާ އިސްތަންބޫލުގައި މަޑުކޮށްގެން ހުރި ފޮޓޯއެއްވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

ތިން އަހަރާ ބައިގެ އެއްބެސްވުމެއްގެ ދަށުން ފެނަބާޗޭއަށް ބަދަލުވާން އޮޒިލް އެއްބަސްވި ކަމަށް ރިޕޯޓުތައް ބުނި ނަމަވެސް، އެމެރިކާގެ މޭޖާ ލީގު ސޮކާ (އެމްއެލްއެސް) ގެ ޑީސީ ޔުނައިޓެޑާއެކުވެސް އޮޒިލް މަޝްވަރާކުރަމުން އަންނަ ކަމަށް ދާދި ފަހުން މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

އޮޒިލް ދޫކޮށްލަން އާސެނަލުން މަސައްކަތްކުރަމުން އަންނައިރު، އޮޒިލް މި ސީޒަނުގެ ނިޔަލަށް އާސެނަލުގެ އެއްބަސްވުމުގައި ހުރީ ހަފުތާއަކު 350،000 (ތިން ލައްކަ ފަންސާސް ހާސް) ޕައުންޑް ލިބޭ ގޮތަށެވެ. އޭނާ އަކީ އާސެނަލުގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާއެވެ.

އޮޒިލަށް އާސެނަލުގެ ސްކޮޑުން ޖާގަ ގެއްލުނުއިރު، މީގެ ކުރިން އޮޒިލް ވަނީ އާސެނަލާ ދެމެދު މައްސަލަ ޖެހުނު ސަބަބު މީގެ ކުރިން ސާފުކޮށްދީފައެވެ. އޮޒިލް ބުނީ އޭނާ އާއި އާސެނަލާ ދެމެދު މައްސަލަ ޖެހުނީ ކޮވިޑް-19 ގެ ސަބަބުން ކުޅުންތެރިންގެ މުސާރަ ކުޑަކުރުމަށް ބުނުމުން، އެކަމަށް ދެކޮޅު ހެދި ހިސާބުން ކަމަށެވެ. އަދި އެކަމަށް ދެކޮޅު ހެދީ އާސެނަލަށް އޭނާ ކުރިމަތިކުރި ސުވާލުތަކަށް ކުލަބުން ޖަވާބުދާރީ ނުވުމުން ކަމަށްވެސް އޮޒިލް ބުންޏެވެ.

ރެއާލް މެޑްރިޑް ދޫކޮށް 2013 ވަނަ އަހަރު އާސެނަލަށް ބަދަލުވި އޮޒިލް ވަނީ އާސެނަލަށް މިހާތަނަށް ކުޅެދިން 254 މެޗުގައި 44 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ވަނީ އާސެނަލާއެކު އެފްއޭ ކަޕް ތިން ފަހަރު އަދި ކޮމިއުނިޓީ ޝީލްޑް އެއް ފަހަރު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް