ކ. މާލެ
|
6 ޖެނުއަރީ 2021 | ބުދަ 15:10
ބުދަ ދުވަހުގެ ހެނދުނު ވަޒީރާއެކު ގައުމީ އެތުލީޓުން އެކުވެނި ސިންތެޓިކް ޓްރެކުގައި
ބުދަ ދުވަހުގެ ހެނދުނު ވަޒީރާއެކު ގައުމީ އެތުލީޓުން އެކުވެނި ސިންތެޓިކް ޓްރެކުގައި
ކުޅިވަރާ ބެހޭ ވުޒާރާ
އެކުވެނި ދުވާ ޓްރެކް ތަރައްގީކުރުން
ވަޒީރާއެކު ގައުމީ އެތުލީޓުން އެކުވެނި ސިންތެޓިކް ޓްރެކުގައި
މި ސެޝަންގައި ގައުމީ އެތުލެޓިކްސް ޓީމުގެ ޖޫނިއާ އަދި ސީނިއާ ދުވުންތެރިން ބައިވެރިވި
މި މަހުގެ ތެރޭގައި މި ޓްރެކް އާންމުންނަށް ރަސްމީކޮށް ހުޅުވާލާނެ

މާލޭ ހުޅަނގު ފަރާތު އެކުވެނި ދުވާ ޓްރެކުގައި ސިންތެޓިކް އެޅުމަށްފަހު ބުދަ ދުވަހު ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފާއެކު ގައުމީ އެތުލެޓިކްސް ޓީމުގެ ދުވުންތެރިން އެ ޓްރެކުގައި ފަރިތަކޮށްފިއެވެ.

އައު އަހަރާ ދިމާކޮށް އެކުވެނި ދުވާ ޓްރެކުގައި ސިންތެޓިކް އެޅުމުގެ މަސައްކަތް ނިންމާލިއިރު، ބުދަ ދުވަހުގެ ހެނދުނު ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވަނީ ގައުމީ އެތުލެޓިކްސް ޓީމުގެ ދުވުންތެރިންނާއެކު އެ ޓްރެކުގައި ފަރިތަކޮށްފައެވެ. މި ސެޝަންގައި ގައުމީ އެތުލެޓިކްސް ޓީމުގެ ޖޫނިއާ ދުވުންތެރިންނާއި ސީނިއާ ދުވުންތެރިން ބައިވެރިވިއިރު، ރާއްޖޭގައި އުފެދުނު އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދުވެސް ވަނީ މި ސެޝަންގައި ބައިވެރިވެފައެވެ.

އެކުވެނި ސިންތެޓިކް ޓްރެކުގައި ވަޒީރާއެކު އެތުލެޓިކްސް ޓީމުގެ ދުވުންތެރިން ފަރިތަކުރިއިރު، މި ޖެނުއަރީ މަހުގެ ތެރޭގައި މި ޓްރެކް އާންމުންނަށް ރަސްމީކޮށް ހުޅުވާލާނެ ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.

މާލޭގައި ގިނަ ބަޔަކު ކަސްރަތު ކުރުމަށް ބޭނުންކުރާ ކުޅިވަރު އެކުވެނީގެ ދުވާ ޓްރެކް، 24 އަހަރަށްފަހު އަލުން މަރާމާތު ކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 22 ވަނަ ދުވަހެވެ. އޭގެ ފަހުން އާރްކޭއެލް ކުންފުނީގެ ސީއެސްއާރް މަޝްރޫއުގެ ދަށުން ޓްރެކުގައި ކޮންކްރީޓް އެޅުމުގެ މަސައްކަތް ފެށީ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ.

އެ މަސައްކަތް ނިންމައި ސިންތެޓިކް އެޅުމުގެ މަސައްކަތް ޕޮލިސް ވެލްފެއާ ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް (ޕޮލްކޯ) އިން ފަށާފައިވަނީ ނޮވެމްބަރު މަހުގެ ނުވަވަނަ ދުވަހުއެވެ. އެ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތެއްގައި ސިންތެޓިކް އެޅުމުގެ މަސައްކަތް ފައްޓަވައިދެއްވީ އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދަން ޝްރިންގްލާ އާއި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފެވެ. މި ޓްރެކް ތަރައްގީކުރުމުގެ މަސައްކަތަށް އިންޑިއާ ސަރުކާރުން ވަނީ ބޮޑު އެހީއެއް ވެފައެވެ.

މާލޭ އެކުވެނި ދުވާ ޓްރެކް ގާއިމުކުރީ 1996 ވަނަ އަހަރެވެ. މީގެ ކުރިން ރާއްޖޭގެ އެތުލީޓުންވެސް ތަމްރީނު ހެދުމަށް ބޭނުންކުރި އެކުވެނި ދުވާ ޓްރެކް އާންމު ގޮތެއްގައި ބޭނުން ކުރަމުން އަންނަނީ އާންމު ރައްޔިތުން ކަސްރަތު ކުރުމަށެވެ. ޓްރެކުގެ ފަސްގަނޑުގައި ވަޅުގަނޑު ހެދުމުގެ އިތުރަށް ވާރޭ ވެހުމުގެ ސަބަބުން ފެން ބޮޑުވުމާއި ގުޅިގެން ދުވާ މީހުންނަށް ބޮޑެތި ގޮންޖެހުންތަކަކާ މީގެ ކުރިން ވަނީ ކުރިމަތިލާން ޖެހިފައެވެ. އެހެންކަމުން އައު ސިންތެޓިކް ޓްރަކާއެކު އާންމުންނަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

އެކުވެނި ދުވާ ޓްރެކުގައި ސިންތެޓިކް އެޅިއިރު، މީގެ ކުރިން ހުޅުމާލޭގައި ވަނީ ސިންތެޓިކް ޓްރެކެއް ގާއިމުކޮށްފައެވެ. އެއާއެކު އެތުލެޓިކްސް މުބާރާތްތައް ބޭއްވުމަށާއި، ގައުމީ އެތުލެޓިކްސް ޓީމުގެ ދުވުންތެރިން ތަމްރީނުކުރުމަށް ބޭނުންކުރަމުން އަންނަނީ ހުޅުމާލޭ ސިންތެޓިކް ޓްރެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް