ކ. މާލެ
|
5 ޖެނުއަރީ 2021 | އަންގާރަ 21:36
އޭސީ މިލާނުގެ ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗް
އޭސީ މިލާނުގެ ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗް
ގެޓީ އިމޭޖަސް
ޒްލަޓާން އިބްރަހިމޮވިޗަށް އަނިޔާވުން
ޔުވެންޓަސްއާ ދެކޮޅަށް މިލާން ކުޅޭ މެޗުގައި އިބްރަހިމޮވިޗަށް ނުކުޅެވޭނެ
އިބްރަހިމޮވިޗަށް އަނިޔާވީ ނޮވެމްބަރު މަހު ނާޕޮލީ އަތުން މިލާން މޮޅުވި މެޗުގައި
އިބްރަހިމޮވިޗް އަންނަނީ މިލާނުގެ ފަރިތަކުރުންތަކުގައި ބައިވެރިވަމުން

ފައިގެ ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާގެ ސަބަބުން އިޓާލިއަން ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސްއާ ދެކޮޅަށް މިލާން ކުޅޭ މެޗުގައި އެ ޓީމުގެ ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗަށް ނުކުޅެވޭނެކަން ކަށަވަރުވެއްޖެއެވެ.

އުމުރުން 39 އަހަރުގެ އިބްރަހިމޮވިޗަށް އަނިޔާވީ އިޓާލިއަން ލީގުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު ނާޕޮލީ އަތުން 3-1 ން މިލާން މޮޅުވި މެޗުގައެވެ. އެ މެޗުގައި އިބްރަހިމޮވިޗް ދެ ލަނޑު ޖެހި ނަމަވެސް، ލިބުނު އަނިޔާއަކާ ގުޅިގެން މެޗުގެ 79 ވަނަ މިނެޓުގައި އޭނާ ވަނީ ބަދަލުކޮށްފައެވެ.

އެ އަނިޔާއާ ގުޅިގެން އިބްރަހިމޮވިޗަށް މިހާތަނަށް ވަނީ މިލާނުން ކުޅުނު 10 މެޗެއް ގެއްލިފައެވެ. މިލާނުގެ ފަރިތަކުރުންތަކުގައި އިބްރަހިމޮވިޗް ބައިވެރިވަމުން އައި ނަމަވެސް، ޔުވެންޓަސް މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މިލާނުގެ ކޯޗު ސްޓެފާނޯ ޕިއޯލީ ބުނީ އިބްރަހިމޮވިޗް އަނިޔާއިން ރަނގަޅުވަމުން އަންނަ ކަމަށާއި، އެކަމަކު އޭނާ އަދި އެއްކޮށް ރަނގަޅުނުވާ ކަމަށެވެ. އެހެންކަމުން ޔުވެންޓަސްއާ ދެކޮޅަށް ކުޅޭ މެޗުގައި އިބްރަހިމޮވިޗް ބޭނުންނުކުރާނެ ކަމަށްވެސް ޕިއޯލީ ވަނީ ބުނެފައެވެ.

އިބްރަހިމޮވިޗް އަނިޔާގައި ކުޅުމާ ދުރުގައި ހުރިއިރު، މި ސީޒަނުގައި މިހާތަނަށް ކުޅުނު މެޗުތަކުގައި އޭނާ ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން މިހާތަނަށް މި ސީޒަނުގައި އޭނާ ވަނީ ކުޅުނު 10 މެޗުގައި 11 ލަނޑު ޖަހާފައެވެ. މީގެ ތެރެއިން 10 ލަނޑު އިބްރަހިމޮވިޗް ޖަހާފައިވަނީ އިޓާލިއަން ލީގުގައި ކުޅުނު ހަ މެޗުގައެވެ.

މި ސީޒަނުގައި މިލާނުން މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، އެ ޓީމު އޮތީ އިޓާލިއަން ލީގުގެ އެއްވަނައިގައި ކުޅުނު 15 މެޗުން ލިބުނު 37 ޕޮއިންޓާއެކުއެވެ. އަދި ލީގުގައި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން މިލާން ބަލިވެފައި ނުވާއިރު، ޔޫރަޕުގެ ގަދަ ފަސް ލީގުގެ ތެރެއިން މެޗަކުން ބަލިނުވެ އޮތް ހަމައެކަނި ޓީމަކީވެސް މިލާނެވެ.

ލީގުގައި މިލާނުން އަމިއްލަ ދަނޑުގައި ޔުވެންޓަސްއާ ދެކޮޅަށް ނުކުންނާނީ އަންނަ ބުދަ ދުވަހުގެރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް