ކ. މާލެ
|
5 ޖެނުއަރީ 2021 | އަންގާރަ 18:44
ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް
ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް
ގެޓީ އިމޭޖަސް
ޗެލްސީގައި ލަމްޕާޑުގެ ކުރިމަގު
ލަމްޕާޑަށް ޗެލްސީން އިތުރު ވަގުތު ދޭނެ
އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން ޗެލްސީއަށް ލިބިފައިވަނީ އެންމެ މޮޅެއް
ކުރިމަގާ ބެހޭގޮތުން ވާހަކަ ދެއްކުމަކީ ކުލަބުގެ ބޯޑަށް އޮތް ކަމެއް ކަމަށް ލަމްޕާޑް ބުނި

ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑަށް ޕްރެޝަރު ބޮޑުވެފައިވީ ނަމަވެސް، އޭނާއަށް އެ ކުލަބުން އިތުރު ވަގުތު ދޭނެ ކަމަށް އިނގިރޭސި މިޑީއާތަކުން ރިޕޯޓުކޮށްފިއެވެ.

މީގެ ކުރިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހާ ހަމައަށް ރަނގަޅު ފޯމެއްގައި ޗެލްސީ އޮތް ނަމަވެސް، އެ ޓީމުން އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅުނު މެޗުތަކުގައި ވަރަށް ބޮޑަށް ވަނީ ދަށްވެފައެވެ. އެގޮތުން ލީގުގައި އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން ޗެލްސީއަށް ލިބިފައިވަނީ އެންމެ މޮޅެކެވެ. އެއާއެކު އެ ޓީމު ތާވަލުގެ އަށްވަނައަށް ވެއްޓުނުއިރު، އެ ޓީމަށް ކުޅުނު 17 މެޗުން ލިބިފައިވަނީ 26 ޕޮއިންޓެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޗެލްސީން ލަމްޕާޑް ވަކިކުރާނަމަ އެ ޓީމުގެ ކޯޗަކަށް ގެންނަށް ފާރަލަމުން އަންނަ ކޯޗުންގެ ތެރޭގައި ދާދި ފަހުން ޕީއެސްޖީގެ ކޯޗުގެ މަގާމުން ވަކިކުރި ތޯމަސް ޓުޗެލް އާއި، ޔުވެންޓަސްއަށް އިޓާލިއަން ލީގު ފަސް ފަހަރު ކާމިޔާބުކޮށްދީފައިވާ މަސިމިލިއާނޯ އެލެގްރީ އާއި، ލެސްޓާ ސިޓީގެ ކޯޗު ބްރެންޑަން ރޮޖާސް އަދި ސައުތެމްޓަނުގެ ކޯޗު ރަލްފް ހޭޒަންހަޓްލް ހިމެނެއެވެ. އެކަމަކު ޗެލްސީގެ ކޯޗުގެ މަގާމުން ލަމްޕާޑް ވަކިނުކޮށް އޭނާއަށް އިތުރު ވަގުތު ދިނުމަށް ޗެލްސީގެ މެނޭޖުމަންޓުން ނިންމާފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ލަމްޕާޑަށް ޕްރެޝަރު ބޮޑުވެފައިވާއިރު، އާދީއްތަ ދުވަހުގެރޭ މެންޗެސްޓާ ސިޓީ އަތުން 3-1 ން ބަލިވި މެޗަށްފަހު ލަމްޕާޑް ބުނީ އޭނާގެ ކުރިމަގާ ބެހޭގޮތުން ވާހަކަ ދެއްކުމަކީ ކުލަބުގެ ބޯޑަށް އޮތް ކަމެއް ކަމަށާއި، އޭނާ ކޮންމެ ދުވަހަކު މަސައްކަތްކުރަނީ ކުލަބުގެ ހާލަތު ރަނގަޅުކޮށް ފުޓްބޯޅަ މެޗުތަކުން މޮޅުވާން ކަމަށެވެ.

ޗެލްސީގެ ކުޅުން ވަރަށް ބޮޑަށް ދަށްވެފައި ވާއިރު، މި ސީޒަނުގެ ކުރިން އޮތް ޓްރާންސްފާ ބާޒާރުގައި ލަމްޕާޑް ވަނީ އައު ހަތް ކުޅުންތެރިން ގެންނަން 220 މިިލިޔަން ޕައުންޑަށް ވުރެން އިތުރަށް ޚަރަދުކޮށްފައެވެ. އަދި އެންމެ ފަހުން ކުޅުނު މެޗުތަކުގައި އެ ޓްރާންސްފާގައި ޗެލްސީއާ ގުޅުނު ކައި ހަވާޓްޒް އާއި ޓިމޯ ވާނާއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކިފައިނުވާތީ، އެ ދެ ކުޅުންތެރިންނަށްވެސް ވަނީ މީޑިއާގެ ޕްރެޝަރު ކުރިމަތިވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް