ކ. މާލެ
|
5 ޖެނުއަރީ 2021 | އަންގާރަ 10:55
ސައުތެމްޓަނާއި ލިވަޕޫލް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ސައުތެމްޓަން މޮޅުވީ 1-0 ން
ސައުތެމްޓަނާއި ލިވަޕޫލް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ސައުތެމްޓަން މޮޅުވީ 1-0 ން
ގެޓީ އިމޭޖަސް
އިނގިރޭސި ޕްރިމިއާ ލީގު
ސައުތެމްޓަން އަތުން ޗެމްޕިއަން ލިވަޕޫލް ބަލިވެއްޖެ
ސައުތެމްޓަނުން ލިވަޕޫލް ބަލިކުރީ 1-0 ގެ ނަތީޖާއަކުން
އެއްވަނައިގައި މި ވަގުތު ލިވަޕޫލް އޮތީ 33 ޕޮއިންޓާއެކު

އިނގިރޭސި ޕްރިމިއާ ލީގުގައި ހޯމަ ދުވަހުގެރޭ ސައުތެމްޓަން އަތުން އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ބަލިވެއްޖެއެވެ.

ސައުތެމްޓަނުގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗު ފަށައިގެން ދެވަނަ މިނެޓު ތެރޭގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ލިވަޕޫލުގެ ކުރީގެ ފޯވާޑް ޑެނީ އިންގްސްއެވެ. އޭގެ ފަހުން މުޅި މެޗު ލިވަޕޫލުން ކޮންޓްރޯލް ކޮށްގެން ކުޅުނު ނަމަވެސް، އެ ޓީމަށް ސައުތެމްޓަނުގެ ގޯލާ އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ.

އެކަމަކު ލިވަޕޫލުން ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރިއިރު، މެޗުގެ ދެވަނަ ހާފުގައި ލިވަޕޫލުގެ ޖިއޮޖީނިއޯ ވައިނަލްޑަމް ފޮނުވާލި ބޯޅައެއް އޭރިއާ ތެރެއިން ސައުތެމްޓަނުގެ ޖެކް ސްޓެޕެންސްގެ އަތުގައި ޖެހުނު ނަމަވެސް، ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) އިން ބެލުމަށްފަހު ނިންމީ ލިވަޕޫލަށް ޕެނަލްޓީ ދޭން ނުޖެހޭ ކަމަށެވެ. އަދި އޭގެ ފަހުން ލިވަޕޫލުގެ ސަޑިއޯ މާނޭއަށް އޭރިއާ ތެރެއިން ކުރި ދެ ފައުލެއްގައިވެސް ވީއޭއާރުން ވަނީ ލިވަޕޫލަށް ޕެނަލްޓީއެއް ދޭން ނުޖެހޭ ކަމަށް ނިންމާފައެވެ.

އެއާއެކު މެޗަށްފަހު ލިވަޕޫލުގެ ކޯޗު ޔާގެން ކްލޮޕް ވަނީ ވީއޭއާރުގެ ނިންމުންތަކަށް ފާޑުކިޔާފައެވެ. އެގޮތުން ކްލޮޕް ބުނީ ސައުތެމްޓަނުގެ ސްޓެޕެންސްގެ އަތުގައި ޖެހުނު ބޯޅަ އެއީ ސީދާ ޕެނަލްޓީއެއް ކަމަށާއި، މި މެޗުގައި ހިނގައިދިޔަ ބައެއް ކަންތައްތަކަށް ބަލާއިރު، އެހެން ޓީމެއްނަމަ ޕެނަލްޓީ ދޭނެ ދެ ހާލަތެއް ފެނިގެންދިޔަ ކަމަށެވެ.

މި މެޗުން ލިވަޕޫލް ބަލިވިއިރު، މިއީ މި ސީޒަނުގެ ލީގުގައި ލިވަޕޫލް ބަލިވި ދެވަނަ މެޗެވެ. މި ނަތީޖާއާއެކު ލީގުގެ އެއްވަނައިގައި މި ވަގުތު ލިވަޕޫލް އޮތީ ކުޅުނު 17 މެޗުން ލިބުނު 33 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ޔުނައިޓެޑަށް ވަނީ 16 މެޗުން 33 ޕޮއިންޓް ލިބިފައެވެ. އެހެންކަމުން މި މަހުގެ 12 ވަނަ ދުވަހު ބާންލީއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން ޔުނައިޓެޑަށް އެއްވަނައަށް އެރޭނެއެވެ. މީގެ އިތުރުން ލިވަޕޫލް ބަލިކުރި ސައުތެމްޓަން އޮތީ ތާވަލުގެ ހަވަނައިގައި 17 މެޗުން 29 ޕޮއިންޓާއެކުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް