ކ. މާލެ
|
4 ޖެނުއަރީ 2021 | ހޯމަ 14:11
ބަޔާނާއި މައިންޒް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ބަޔާން މޮޅުވީ 5-2 ން
ބަޔާނާއި މައިންޒް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ބަޔާން މޮޅުވީ 5-2 ން
ގެޓީ އިމޭޖަސް
ޖަރުމަން ލީގު
މައިންޒް ބަލިކޮށް ބަޔާން އެއްވަނައަށް
މައިންޒް އަތުން ފަހަތުން އަރައި ބަޔާން މޮޅުވީ 5-2 ގެ ނަތީޖާއަކުން
ވުލްފްސްބާގް އަތުން ޑޯޓްމުންޑް މޮޅުވީ 2-0 ގެ ނަތީޖާއަކުން

އާދިއްތަ ދުވަހުގެރޭ ކުޅުނު މެޗުން މައިންޒް ބަލިކޮށް ޖަރުމަން ލީގުގެ އެއްވަނައަށް އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް ޖެހިލައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން ބަޔާން މޮޅުވީ ފަހަތުން އަރައި 5-2 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި މައިންޒުން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން މެޗުގެ 32 ވަނަ މިނެޓުގައި ޖޮނަތަން ބާކާޓުގެ ލަނޑުން މައިންޒުން ލީޑު ނެގިއިރު، ފުރަތަމަ ނިމެން މިނެޓަކަށް ވެފައި ވަނިކޮށް އަލެކްޒެންޑަ ހެކް ވަނީ އެ ޓީމަށް ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުގައި ބަޔާނުން އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލާފައިވަނީ ދެވަނަ ހާފުގައެވެ. އެގޮތުން ދެވަނަ ހާފު ފަށައިގެން ފަސްވަނަ މިނެޓުގައި ޖޯޝުއާ ކިމިޗް ވަނީ ބަޔާނަށް ފަރަގު ކުޑަކޮށްދީފައެވެ. އަދި އޭގެ ހަ މިނެޓު ފަހުން ލެރޯއި ސާނޭ ބަޔާނަށް ނަތީޖާ އެއްވަރުކޮށްދިންއިރު، މި މެޗުގައި ބަޔާނުން ލީޑު ނަގާފައިވަނީ 70 ވަނަ މިނެޓުގައި ނިކްލަސް ސޫލާ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި އޭގެ ފަހުން މެޗުގެ 76 ވަނަ މިނެޓުގައި ރޮބަޓް ލެވަންޑޯސްކީ ބަޔާނުގެ ހަތަރުވަނަ ލަނޑު ޖެހިއިރު، މެޗުގެ 83 ވަނަ މިނެޓުގައި ބަޔާނުން ކާމިޔާބުކުރި ފަސްވަނަ ލަނޑުވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ ލެވަންޑޯސްކީއެވެ.

މި މޮޅާއެކު ބަޔާން އެއްވަނައަށް ޖެހިލީ ކުޅުނު 14 މެޗުން ލިބުނު 33 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް އާރްބީ ލެއިޕްޒީގަށް 14 މެޗުން 31 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ބަޔާ ލެވަކޫސެނަށް 14 މެޗުން ލިބިފައިވަނީ 28 ޕޮއިންޓެވެ. އަދި އާދިއްތަ ދުވަހުގެރޭ ބަޔާން އަތުން ބަލިވި މައިންޒް އޮތީ ތާވަލުގެ ފުލުން ދެވަނައިގައި 14 މެޗުން އެންމެ ހަ ޕޮއިންޓާއެކުއެވެ.

ޑޯޓްމުންޑާއި ވުލްފްސްބާގް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޑޯޓްމުންޑް މޮޅުވީ 2-0 ން

މީގެ އިތުރުން ލީގުގައި އާދިއްތަ ދުވަހުގެރޭ ކުޅުނު މެޗުން ބޮރޫޝިއާ ޑޯޓްމުންޑް ވަނީ އަމިއްލަ ދަނޑުގައި ވުލްފްސްބާގް އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފއި ނުވާއިރު، ޑޯޓްމުންޑުން ލީޑު ނަގާފައިވަނީ މެޗުގެ 66 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މަނުއެލް އަކަންޖީއެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ޖޭޑަން ސަންޗޯ ވަނީ ޑޯޓްމުންޑަށް ލީޑު ފުޅާކޮށްދީފައެވެ. މިއީ މި ސީޒަނުގައި ސަންޗޯ ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.

މި މޮޅާއެކު ޑޯޓްމުންޑް އޮތީ ތާވަލުގެ ހަތަރުވަނައިގައި 14 މެޗުން 25 ޕޮއިންޓާއެކުއެވެ. އަދި ޑޯޓްމުންޑް އަތުން ބަލިވި ވުލްފްސްބާގް އޮތީ ތާވަލުގެ ހަވަނައިގައި 14 މެޗުން 24 ޕޮއިންޓާއެކުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް