ކ. މާލެ
|
4 ޖެނުއަރީ 2021 | ހޯމަ 13:45
ބެނެވެންޓޯ އާއި މިލާން ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން މިލާން މޮޅުވީ 2-0 ން
ބެނެވެންޓޯ އާއި މިލާން ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން މިލާން މޮޅުވީ 2-0 ން
ގެޓީ އިމޭޖަސް
އިޓާލިއަން ލީގު
މިލާނާއި، އިންޓަ އަދި ޔުވެންޓަސްވެސް މޮޅުވެއްޖެ
ބެނެވެންޓޯ އަތުން މިލާން މޮޅުވީ 2-0 ގެ ނަތީޖާއަކުން
ކްރޮޓޯނޭ އަތުން އިންޓަ މޮޅުވީ 6-2 ގެ ނަތީޖާއަކުން
އުދިނޭޒީ އަތުން ޔުވެންޓަސް މޮޅުވީ 4-1 ގެ ނަތީޖާއަކުން

އިޓާލިއަން ލީގުގައި އާދިއްތަ ދުވަހުގެރޭ ކުޅުނު މެޗުތަކުން އޭސީ މިލާނާއި، އިންޓަ މިލާން އަދި އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސްވެސް މޮޅުވެއްޖެއެވެ.

ތާވަލުގެ އެއްވަނައިގައި އޮތް މިލާން މޮޅުވީ ރަށުން ބޭރުގައި ކުޅުނު މެޗުން ބެނެވެންޓޯ އަތުން 2-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ 15 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ފްރޭންކް ކެސިއޭ ވަނީ މިލާނަށް ލީޑު ނަގައިދީފައެވެ. މިއީ އޭރިއާ ތެރެއިން މިލާނުގެ އަންޓެ ރެބިޗަށް ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ. އެކަމަކު މިލާނުގެ ސަންޑްރޯ ޓޮނާލީ ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން މެޗުގެ 33 ވަނަ މިނެޓުގައި އޭނާއަށް ވަނީ ސީދާ ރަތް ކާޑެއް ދައްކާފައެވެ.

އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު ނަމަވެސް، މިލާނުން ދެވަނަ ހާފު ފަށައިގެން ހަތަރުވަނަ މިނެޓުގައި ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރަފައެލް ލެއާއޯއެވެ. އޭގެ ފަހުން މެޗުގެ 61 ވަނަ މިނެޓުގައި ފަރަގު ކުޑަކުރަން ބެނެވެންޓޯއަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، އެ ޓީމުގެ ޖިއަންލޫކާ ކަޕްރާރީ ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލާ އަމާޒުނުވެއެވެ.

އިންޓަ އާއި ކްރޮޓޯނޭ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އިންޓަ މޮޅުވީ 6-2 ން

ލީގުގައި އާދިއްތަ ދުވަހުގެ ހަވީރު އަމިއްލަ ދަނޑުގައި ކުޅުނު މެޗުން އިންޓަ މޮޅުވީ ކްރޮޓޯނޭ އަތުން 6-2 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން 12 ވަނަ މިނެޓުގައި ނިކޮލޯ ޒަނެއްލާޓޯގެ ލަނޑުން ކްރޮޓޯނޭއިން ލީޑު ނެގި ނަމަވެސް، އޭގެ އަށް މިނެޓު ފަހުން ލަޓާރޯ މާޓިނޭޒް ވަނީ އިންޓައަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި މެޗުގެ 31 ވަނަ މިނެޓުގައި ކްރޮޓޯނޭގެ ލޫކާ މަރޯނޭ އަތުން ބައިކޮޅަށް ވަން ލަނޑުން އިންޓައިން ވަނީ ލީޑު ނަގާފައެވެ. އެކަމަކު އޭގެ ފަސް މިނެޓު ފަހުން ޕެނަލްޓީއަކުން ލަޑިމިއާ ގޮލެމިޗް ވަނީ ކްރޮޓޯނޭއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މި މެޗުގައި އިންޓައިން ދެވަނަ ފަހަރަށް ލީޑު ނެގީ 57 ވަނަ މިނެޓުގައި މާޓިނޭޒް ކާމިޔާބުކުރި ލަނޑުންނެވެ. އަދި މެޗުގެ 64 ވަނަ މިނެޓުގައި ރޮމެލޫ ލުކާކޫ ވަނީ އިންޓައަށް ލީޑު ފުޅާކޮށްދީފައެވެ. މިއީ 2019 ވަނަ އަހަރު އިންޓައަށް ބަދަލުވި ލުކާކޫ އެ ޓީމަށް ކާމިޔާބުކޮށްދިން 50 ވަނަ ލަނޑެވެ.

އޭގެ ފަހުން މެޗުގެ 78 ވަނަ މިނެޓުގައި މާޓިނޭޒް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގައި ހެޓްރިކް ހަދާފައެވެ. މިއީ އުމުރުން 23 އަހަރުގެ ފޯވާޑް އިންޓަގެ ޖާޒީގައި ކާމިޔާބުކުރި ފުރަތަމަ ހެޓްރިކެވެ. އަދި މި މެޗުގައި އިންޓައިން ޖެހި ހަވަނަ ލަނޑު މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ އަޝްރަފް ހަކީމީއެވެ.

ޔުވެންޓަސް އާއި އުދިނޭޒީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޔުވެންޓަސް މޮޅުވީ 4-1 ން

މީގެ އިތުރުން ލީގުގައި އާދިއްތަ ދުވަހުގެރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޔުވެންޓަސް މޮޅުވީ އުދިނޭޒީ އަތުން 4-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޔުވެންޓަސްއިންނެވެ. މެޗުގެ 31 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިތުބާރު ފޯވާޑް ކްރިސްޓިއާނީ ރޮނާލްޑޯއެވެ. އަދި ދެވަނަ ހާފު ފަށައިގެން ހަތަރުވަނަ މިނެޓުގައި ފެޑެރިކޯ ކިއެސާ ވަނީ ޔުވެންޓަސްއަށް ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުގެ 70 ވަނަ މިނެޓުގައި ރޮނާލްޑޯ ޔުވެންޓަސްގެ ތިންވަނަ ލަނޑު ޖެހިއިރު، މެޗުގެ 90 ވަނަ މިނެޓުގައި މާވިން ޒީގެލާ ވަނީ އުދިނޭޒީގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މި މެޗުގައި ޔުވެންޓަސްއިން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު އިތުރު ވަގުތުގައި އެ ޓީމަށް ޖަހައިދިނީ ޕައޮލޯ ޑިބާލާއެވެ.

މި ނަތީޖާތަކާއެކު ތާވަލުގެ އެއްވަނައިގައި މިލާން އޮތީ ކުޅުނު 15 މެޗުން ލިބުނު 27 ޕޮއިންޓާއެކުއެވެ. އަދި ދެވަނައިގައި އިންޓަ އޮތީ 15 މެޗުން ލިބުނު 36 ޕޮއިންޓާއެކުއެވެ. އަދި އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް އޮތީ ތާވަލުގެ ފަސްވަނައިގައި 14 މެޗުން 27 ޕޮއިންޓާއެކުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް