އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެރޭ ޗެލްސީ ބަލިކޮށް ތާވަލުގެ ފަސްވަނައަށް މެންޗެސްޓާ ސިޓީ ޖެހިލައިފިއެވެ.
ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗުން ސިޓީ މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ސިޓީން ވަނީ ތިން ލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން މެޗުގެ 18 ވަނަ މިނެޓުގައި ސިޓީއަށް ލީޑު ނަގައިދިނީ މިޑްފީލްޑަރު އިލްކާއި ގުންޑޮގާނެވެ. އަދި އޭގެ ތިން މިނެޓު ފަހުން ޒުވާން މިޑްފީލްޑަރު ފިލް ފޯޑެން ސިޓީއަށް ލީޑު ފުޅާކޮށްދިންއިރު، ކައުންޓަ އެޓޭކެއްގައި ސިޓީގެ ތިންވަނަ ލަނޑު ޖެހީ މެޗުގެ 34 ވަނަ މިނެޓުގައި މިޑްފީލްޑަރު ކެވިން ޑި ބްރޭނާއެވެ.
މި މެޗުގައި ޗެލްސީން ކާމިޔާބުކުރި ހަމައެކަނި ލަނޑު އެ ޓީމަށް ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ފޯވާޑް ކަލުމް ހަޑްސަން-އޮޑޯއިއެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ މެޗުގެ އިތުރު ވަގުތުގައެވެ.
މި މެޗުން ޗެލްސީ ބަލިވިއިރު، ލީގުގައި އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން އެ ޓީމަށް ލިބިފައިވަނީ އެންމެ މޮޅެކެވެ. އަދި މި ބައްޔާއެކު ޗެލްސީ ތާވަލުގެ އަށްވަނައަށް ވެއްޓުނުއިރު، އެ ޓީމަށް ކުޅުނު 17 މެޗުން ލިބިފައިވަނީ 26 ޕޮއިންޓެވެ. އަދި ތާވަލުގެ ފަސްވަނައަށް ކުރިއަށް ޖެހިލި ސިޓީއަށް ވަނީ 15 މެޗުން 29 ޕޮއިންޓް ލިބިފައެވެ.