ކ. މާލެ
|
3 ޖެނުއަރީ 2021 | އާދީއްތަ 23:30
މާޒިޔާ އާއި ދަ ގްރާންޑޭ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 2-2 ން
މާޒިޔާ އާއި ދަ ގްރާންޑޭ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 2-2 ން
އެފްއޭއެމް
ދިރާގު ދިވެހި ޕްރިމިއާ ލީގު
ދަ ގްރާންޑޭއިން ފަހު ވަގުތު މާޒިޔާއާ އެއްވަރުކޮށްފި
މާޒިޔާ އާއި ދަ ގްރާންޑޭ ބައްދަލުކުރި މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުން
އަށް ޕޮއިންޓާއެކު މާޒިޔާ އެއްވަނައިގައި އޮތްއިރު، ދަ ގްރާންޑޭ އޮތީ ތިންވަނައިގައި ފަސް ޕޮއިންޓާއެކު

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އަދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން ދަ ގްރާންޑޭ ސްޕޯޓްސް ކުލަބުން ފަހު ވަގުތު އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއެޝަނާ އެއްވަރުކޮށްފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މި މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ.

ލީގުގައި އެންމެ ފަހުން ކުލަބު ވެލެންސިއާއާ ލަނޑެއް ނުޖެހި މާޒިޔާ އެއްވަރުވި މެޗަށްފަހު އެ ޓީމު ކޯޗުގެ މަގާމުން މުޙައްމަދު ނިޒާމް (ނިޒާމްބެ) އިސްތިއުފާދިނުމާ ގުޅިގެން އާދީއްތަ ދުވަހު މާޒިޔާއިން ވަނީ ސާބިއާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ އެސިސްޓަންޓް ކޯޗު ރިސްޓޯ ވިޑަކޮވިޗް އެ ޓީމުގެ ކޯޗަކަށް ހަމަޖައްސާފައެވެ. އެކަމަކު މި މެޗުގައި މާޒިޔާއަށް އިރުޝާދުދީފައިވަނީ އެސިސްޓަންޓް ކޯޗު ކޯޗު އަޙްމަދު ސުޒައިރެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި މާޒިޔާއިން މޮޅު ކުޅުމެއް ދެއްކިއިރު، އެ ޓީމުން ވަނީ މި ހާފުގައި ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން މެޗުގެ 13 ވަނަ މިނެޓުގައި މާޒިޔާއަށް ލީޑު ނަގައިދިނީ ޑިފެންޑަރު މޫސާ ޔާމީން (ޔާމްބެ) އެވެ. އޭގެ ފަހުން ފުރަތަމަ ހާފުގައި މާޒިޔާގެ އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އަށް ވަނީ ލީޑު ފުޅާކުރަން ރަނގަޅު ތިން ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

އެކަމަކު ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް މާޒިޔާއިން ވަނީ މެޗުގައި ލީޑު ފުޅާކޮށްފައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) އެވެ. މިއީ އޭރިއާ ތެރެއިން މާޒިޔާގެ ހަމްޒާ މުޙައްމަދު (ހަމްޕު) އަށް ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.

މެޗުގެ ދެވަނަ ހާފުގައި ދަ ގްރާންޑޭއިން ކުޅުން ރަނގަޅުކުރިއިރު، މެޗުގެ 62 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލަނޑެއް ޖަހާ ފަރަގު ކުޑަކޮށްފައެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަޙްމަދު އަޔާޒް މި ލަނޑު ކާމިޔާބުކުރީ ތިން މީހުން ކައިރިން ނައްޓާލުމަށްފަހު، އޭރިއާ ތެރެއަށް ވަދެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ. އަދި މި މެޗުގައި ދަ ގްރާންޑޭއިން ނަތީޖާ އެއްވަރުކޮށްފައިވަނީ އިތުރު ވަގުތުގައެވެ. އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ކޮމިލޯވް އަބްދުރަސުލެވެ.

މެޗަށްފަހު ދަ ގްރާންޑޭގެ ކޯޗު އިސްމާޢީލް މަހަފޫޒް (އިންމަ) ބުނީ މެޗުގެ ފަހުވަގުތާ ހަމައަށްވެސް ކުޅުންތެރިން ވަރަށް މަސައްކަތްކުރި ކަމަށާއި، އެއީ ކޯޗަކަށް ހުންނަ މީހަކަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުން ކަމަށެވެ. އަދި މަޒިޔާ އަތުން ޕޮއިންޓެއްވެސް ލިބުމަކީވެސް ވަރަށް ބޮޑު އެއްޗެއް ކަމަށް އިންމަ ބުންޏެވެ.

މާޒިޔާގެ އެސިސްޓަންޓް ކޯޗު ކޯޗު އަޙްމަދު ސުޒައިރު ބުނީ މި މެޗުގެ ފުރަތަމަ ހާފުގައި ބޭނުންވި ގޮތަށް ވަރަށް ރަނގަޅަށް ކުޅެވުނު ކަމަށާއި، އެކަމަކު ދެވަނަ ހާފުގައި ކުޅުންތެރިން ވަރުބަލިވުމާއެކު ދަ ގްރާންޑޭއިން މެޗުގެ ކޮންޓްރޯލް ނެގި ކަމަށެވެ. އެކަމަކު އައު ކޯޗާއެކު މާޒިޔާގެ ގިނަ ކަންކަން ރަނގަޅުވެގެންދާނެ ކަމަށް އުންމީދުކުރާ ކަމަށްވެސް ސުޒައިރު ބުންޏެވެ.

މި ނަތީޖާއާއެކު މާޒިޔާ ދެވަނައިގައި އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު އަށް ޕޮއިންޓާއެކުއެވެ. އަދި މާޒިޔާއާ އެއްވަރުކުރި ދަ ގްރާންޑޭ އޮތީ ތާވަލުގެ ތިންވަނައިގައި ހަތަރު މެޗުން ފަސް ޕޮއިންޓާއެކުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް