ބާސެލޯނާއަށް ކުޅެމުން އަންނަ ބްރެޒިލުގެ ތަރި ފިލިއްޕޭ ކުޓީނިއޯގެ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން އޮޕަރޭޝަނެއް ކޮށްފިއެވެ.
ކުޓީނިއޯއަށް އަނިޔާވީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހުގެރޭ ސްޕެނިޝް ލީގުގައި އަމިއްލަ ދަނޑުގައި އެއިބާއާ 1-1 ން ބާސާ އެއްވަރުވި މެޗުގައެވެ. އެ މެޗުގެ 66 ވަނަ މިނެޓުގައި ކަކުލަށް ލިބުނު އަނިޔާއާ ގުޅިގެން ކުޓީނިއޯ ވަނީ ބަދަލުކޮށްފައެވެ.
އެއާއެކު ދާދި ފަހުން ކުޓީނިއޯ ކަކުލުގެ އޮޕަރޭޝަނެއް ކުރިއިރު، އެ އޮޕަރޭޝަން ކާމިޔާބުކަމަށް ބާސާއިން ވަނީ ހާމަކޮށްފައެވެ. އަދި އެ އަނިޔާއިން އެއްކޮށް ރަނގަޅުވުމަށް ކުޓީނިއޯ ތިން މަސް ވަންދެން ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށްވެސް އެ ކުލަބުން ވަނީ ބުނެފައެވެ.
މިދިޔަ ސީޒަނުގައި ލޯނު އެއްބަސްވުމެއްގެ ދަށުން ބަޔާން މިއުނިކަށް ކުޅުނު ކުޓީނިއޯއށް އަނިޔާވިއިރު، އޭނާއަށް މި ސީޒަނުގައި މިހާތަނަށް ބާސާއަށް ކުޅެދީފައިވަނީ އެންމެ 14 މެޗެވެ. އެގޮތުން މީގެ ކުރިން އޮކްޓޯބަރު މަހުގެ ތެރޭގައިވެސް ކުޓީނިއޯއަށް ވަނީ އަނިޔާގެ ސަބަބުން ބައެއް މެޗުތައް ގެއްލިފައެވެ. އެ ފަހަރު އަނިޔާވީ ކުޓީނިއޯގެ ފައިގެ ފަލަމަސްގަނޑަށެވެ.
ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން ކުޓީނިއޯ ދިގު މުއްދަތަކަށް ކުޅުމާ ދުރަށްދާން ޖެހުނުއިރު، ބާސާގެ ޒުވާން ތަރި އަންސޫ ފަޓީ އާއި އިތުބާރު ޑިފެންޑަރު ޖެރާޑް ޕީކޭވެސް ހުރީ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ކުޅުމާ ދުރުގައެވެ.