ކ. މާލެ
|
3 ޖެނުއަރީ 2021 | އާދީއްތަ 18:51
ކުލަބު ވެލެންސިއާގެ ކޯޗު މުޙައްމަދު އާތިފް (އާތީ)
ކުލަބު ވެލެންސިއާގެ ކޯޗު މުޙައްމަދު އާތިފް (އާތީ)
އެފްއޭއެމް
އީގަލްސް އާއި ވެލެންސިއާގެ މެޗު
އީގަލްސް މެޗަކީ ވެލެންސިއާއަށް ޗެލެންޖިންގ މެޗެއް: އާތީ
ލީގުގައި ކުޅުނު ދެ މެޗުން ވެލެންސިއާ މޮޅުވެފައިވާއިރު، އީގަލްސް އަދި މެޗަކުން މޮޅުވެފައެއް ނުވޭ
އީގަލްސް އާއި ވެލެންސިއާ ބައްދަލުކުރާ މެޗު ފަށާނީ ހޯމަ ދުވަހުގެ ހަވީރު 16:00 ގައި

ކުލަބު އީގަލްސް އަކީ ވަރުގަދަ ޓީމެއް ކަމަށާއި، އެ މެޗު ވާނީ ޗެލެންޖިންގ މެޗަކަށް ކަމަށް ކުލަބު ވެލެންސިއާގެ ކޯޗު މުޙައްމަދު އާތިފް (އާތީ) ބުނެފިއެވެ.

އީގަލްސް އާއި ވެލެންސިއާއިން ލީގުގެ މިހާތަނަށް ތިން މެޗު ކުޅެފައިވާއިރު، ވެލެންސިއާ ވަނީ ދެ މެޗު ކާމިޔާބުކޮށްފައެވެ. އަދި އަނެއް މެޗު ނިމިފައިވަނީ އެއްވަރުވެގެންނެވެ. އެހެންނަމަވެސް އަދި މިހާތަނަށް މެޗަކުން އީގަލްސް މޮޅުވެފައިނުވާއިރު، އެ ޓީމަށް މިހާތަނަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ހޯމަ ދުވަހުގެ ހަވީރު އީގަލްސްއާ ދެކޮޅަށް ނުކުތުމުގެ ކުރިން ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެލެންސިއާގެ ކޯޗު އާތީ ބުނީ ވެލެންސިއާއިން މި މެޗަށް ނުކުންނާނީ ވެލެންސިއާގެ ފެންވަރުގައި ރަނގަޅު ފުޓްބޯޅައެއް ކުޅެ ނަތީޖާ ނެރުމަށް ކަމަށެވެ. އަދި ވެލެންސިއާއިން އީގަލްސްއާ ދެކޮޅަށް ނުކުންނައިރު، އީގަލްސް މި ވަގުތު އޮތް ފޯމާ މެދު ނުވިސްނާ ކަމަށާއި، އީގަލްސްއަކީ ލީގުގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން ވަރުގަދަ ޓީމުތަކުގެ ތެރޭގައި ހިމެނޭ ޓީމެއް ކަމަށް ގަބޫލުކުރާ ކަމަށްވެސް ވަނީ ބުނެފައެވެ.

އާތީ އިތުރަށް ބުނީ އީގަލްސް އަކީ މަސައްކަތު ރޭޓު ރަނގަޅު ޓީމެއް ކަމަށާއި، އެކަން ޗެރިޓީ ޝީލްޑް މެޗުން އެކަނިވެސް އެނގިގެންދާނެ ކަމަށެވެ. އެހެންކަމުން މި މެޗަކީ ފަސޭހަ މެޗަކަށް ވެގެން ނުދާނެ ކަމަށާއި، މިއީ ޗެލެންޖިންގ މެޗެއް ކަމަށްވެސް އާތީ ވަނީ ބުނެފައެވެ.

ކުލަބު އީގަލްސްގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން)

ވެލެންސިއާ މެޗުގެ ކުރިން އީގަލްސްގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) ބުނީ މި މެޗަށް އީގަލްސް ނުކުންނައިރު އެ ޓީމަށް އެއްވެސް ޕްރެޝަރެއް ނެތް ކަމަށެވެ. އަދި ވެލެންސިއާ މި ސީޒަނުގައި ފެންނަނީ ވަރަށް ވަރުގަދަކޮށް ކަމަށާއި، އެކަމަކު މެޗަށް އީގަލްސްއިން ނުކުންނާނީ މެޗު ކާމިޔާބުކުރުމުގެ އަޒުމުގައި ކަމަށްވެސް މޯހަން ބުންޏެވެ.

މޯހަން އިތުރަށް ބުނީ އީގަލްސްއިން ކުރިއަށް ހުރި މެޗުތަކުގައި ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭނެ ކަމަށާއި، އެގޮތުން ކުރިއަށް އޮތް ވެލެންސިއާ މެޗުގައި އައު ދެ ކުޅުންތެރިއެއް ފުރަތަމަ އެގާރާގައި ފެނުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި އީގަލްސްއިން މިހާރު ލީގު ކާމިޔާބުކުރުމަށް ނުވިސްނާ ކަމަށާއި، އީގަލްސްގެ މިހާރު އަމާޒަކީ ރަނގަޅު ޓީމެއް ބިނާކުރުން ކަމަށްވެސް މޯހަން ބުންޏެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އީގަލްސް އާއި ވެލެންސިއާ ބައްދަލުކުރާ މެޗު ފަށާނީ ހޯމަ ދުވަހުގެ ހަވީރު 16:00 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް