ކ. މާލެ
|
2 ޖެނުއަރީ 2021 | ހޮނިހިރު 19:06
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ވަގުތީ ކޯޗު އަޙްމަދު ސުޒައިރު
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ވަގުތީ ކޯޗު އަޙްމަދު ސުޒައިރު
އެފްއޭއެމް
މާޒިޔާ އާއި ދަ ގްރާންޑޭގެ މެޗު
މި ވަގުތަށް މާޒިޔާއަށް ބޮޑު ބަދަލެއް ނުގެނެވޭނެ: ސުޒައިރު
މާޒިޔާގެ ކޯޗުގެ މަގާމުން މުޙައްމަދު ނިޒާމް (ނިޒާމްބެ) ވަނީ އިސްތިއުފާދީފައި
މާޒިޔާ އާއި ދަ ގްރާންޑޭ ބައްދަލުކުރާ މެޗު ފަށާނީ އާދީއްތަ ދުވަހުގެރޭ 21:00 ގައި

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ކޯޗުގެ މަގާމުން މުޙައްމަދު ނިޒާމް (ނިޒާމްބެ) އިސްތިއުފާދީފައިވާއިރު، ކުރިއަށް އޮތް މެޗަށް މާ ބޮޑު ބަދަލެއް ނުގެނެވޭނެ ކަމަށް އެ ޓީމުގު އެސިސްޓަންޓް ކޯޗު އަޙްމަދު ސުޒައިރު ބުނެފިއެވެ.

މިދިޔަ އަހަރުގެ ޖުލައި 21 ވަނަ ދުވަހު މާޒިޔާއާ ހަވާލުވި ނިޒާމްބެ އެ ޓީމުގެ ކޯޗުގެ މަގާމުން އިސްތިއުފާދީފައިވަނީ މިދިޔަ ހަފުތާގެ އާދީއްތަ ދުވަހުއެވެ. މަގާމުން އިސްތިއުފާދެމުން ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ނިޒާމްބެ ބުނެފައިވަނީ ލީގުގައި އެންމެ ފަހުން ކުލަބު ވެލެންސިއާއާ ލަނޑެއް ނުޖެހި އެއްވަރުވި މެޗުގައި ފެނުނު ގަބޫލުކުރަން އުނދަގޫ ކުޅުމަށްފަހު މާޒިޔާގެ ކޯޗުކަމުން ވަކިވާން ނިންމީ ކަމަށެވެ.

މާޒިޔާގެ ކޯޗުގެ މަގާމުން ނިޒާމްބެ އިސްތިއުފާދިންއިރު، މާޒިޔާ އޮތީ އެއްވަނައިގައެވެ. އެގޮތުން މާޒިޔާއިން ވަނީ ނިޒާމްބެގެ އިރުޝާދުގެ ދަށުން ކުޅުނު ތިން މެޗުން ހަތް ޕޮއިންޓް ހޯދާފައެވެ.

އެހެންކަމުން ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެރޭ ދަ ގްރާންޑޭ ސްޕޯޓްސް ކުލަބާ ދެކޮޅަށް މާޒިޔާ ނުކުންނާނީ ވަގުތީ ކޯޗު ސުޒައިރާ އެކުގައެވެ. ލީގުގައި އާދީއްތަ ދުވަހުގެރޭ ދަ ގްރާންޑޭއާ ދެކޮޅަށް ނުކުތުމުގެ ކުރިން ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުޒެއިރު ބުނީ އެހެން މެޗުތަކެކޭވެސް އެއްގޮތަށް އަދި ކުރިއަށްގެންދަނީ ކުރީގެ ކޯޗުގެ ތަމްރީނުތައް ކަމަށެވެ. އަދި މި ދަނޑިވަޅުގައި މާޒިޔާއަށް ބޮޑު ބަދަލެއް ނުގެނެވޭނެ ކަމަށާއި، އެކަމަކު ޓީމުގެ ތައްޔާރީތައް ދަނީ ވަރަށް ރަނގަޅަށް ކަމަށްވެސް ބުންޏެވެ.

ސުޒައިރު އިތުރަށް ބުނީ ދަ ގްރާންޑޭ މެޗާ ކުރިމަތިލާއިރު ކުޅުންތެރިންގެ ރޫހު ވަރަށް ރަނގަޅު ކަމަށާއި، ކުރިއަށް އޮތް މެޗުން މޮޅުވަން ކުޅުންތެރިން އިތުރު ހިތްވަރެއް ލާފައި ތިބިތަން ފެނިގެންދާ ކަމަށެވެ. އެހެންކަމުން ކުރިއަށްވުރެ ކުޅުންތެރިންގެ އިތުބާރު ކުރިއަށް އޮތް މެޗަށް ވަރަށް ބޮޑަށް ރަނގަޅުވެފައިވާ ކަމަށްވެސް ސުޒައިރު ބުންޏެވެ.

ދަ ގްރާންޑޭ ސްޕޯޓްސް ކުލަބުގެ ކޯޗު އިސްމާޢީލް މަހަފޫޒް (އިންމަ)

މާޒިޔާ މެޗުގެ ކުރިން ދަ ގްރާންޑޭގެ ކޯޗު އިސްމާޢީލް މަހަފޫޒް (އިންމަ) ބުނީ އާދީއްތަ ދުވަހުގެރޭ އިދިކޮޅަށް ނުކުންނަ ޓީމަކީ ވަރަށް ވަރުގަދަ ޓީމެއް ކަމަށާއި، އެހެންކަމުން މެޗަށް ނުކުންނާނީ އެކަމަށް ފުރިހަމައަށް ތައްޔާރުވެ މެޗުގައި ރަނގަޅު ކުޅުމެއް ދެއްކުމަށް ކަމަށެވެ.

އިންމަ އިތުރަށް ބުނީ މާޒިޔާގެ ކޯޗު އިސްތިއުފާދީފައިވުމާއެކު އެ ޓީމަށް ބޮޑެއްތި ބަދަލުތަކެއް އަންނާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި މީގެ ސަބަބުން ދެ ޓީމަށްވެސް ނެގޭނެ ފައިދާތަކެއް ހުންނާނެ ކަމަށާއި، އެކަމަކު މާޒިޔާގައި އޮތީ ވަރަށް ވަރުގަދަ ސްކޮޑެއްކަމުން މާޒިޔާ މެޗު އެއްވެސް ވަރަކަށް ފަސޭހަނުވާނެ ކަމަށްވެސް އިންމަ ވަނީ ބުނެފައެވެ.

ލީގުގައި ދަ ގްރާންޑޭއިން މާޒިޔާއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމު އޮތީ ތާވަލުގެ ތިންވަނައިގައި ކުޅުނު ތިން މެޗުން ލިބުނު ފަސް ޕޮއިންޓާއެކުއެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ދަ ގްރާންޑޭ ބައްދަލުކުރާ މެޗު ފަށާނީ އާދީއްތަ ދުވަހުގެރޭ 21:00 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް