ކ. މާލެ
|
2 ޖެނުއަރީ 2021 | ހޮނިހިރު 18:08
ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ ކޯޗު އަޙްމަދު ނާޝިދު (ނާދު)
ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ ކޯޗު އަޙްމަދު ނާޝިދު (ނާދު)
އެފްއޭއެމް
ގްރީން ސްޓްރީޓްސް އާއި ސަސްގެ މެޗު
ސަސްގެ އަމާޒަކީ ގްރީން ސްޓްރީޓްސް އަތުން ބަލިނުވެ ސަލާމަތްވުން: ނާދު
ސަސްއަށް ފަސް ޕޮއިންޓް ލިބިފައިވާއިރު، ގްރީން ސްޓްރީޓްސްއަށް ލިބިފައިވަނީ އެންމެ ޕޮއިންޓެއް
ގްރީން ސްޓްރީޓްސް އާއި ސަސް ބައްދަލުކުރާ މެޗު ފަށާނީ އާދީއްތަ ދުވަހުގެ ހަވީރު 16:00 ގައި

މި ވަގުތު ޓީމު އޮތް ހާލަތަށް ބަލާއިރު، އަމާޒަކީ ކުލަބު ގްރީން ސްޓްރީޓްސް އަތުން ބަލިނުވެ ސަލާމަތްވުން ކަމަށް ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އަލަށް ވާދަކުރަމުން އަންނަ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ ކޯޗު އަޙްމަދު ނާޝިދު (ނާދު) ބުނެފިއެވެ.

ލީގުގައި ސަސްއިން މިހާތަނަށް ތިން މެޗު ކުޅެފައިވާއިރު، އެ ޓީމު އަދި މިހާތަނަށް ބަލިވެފައެއް ނުވެއެވެ. އެގޮތުން މިހާތަނަށް ކުޅުނު ތިން މެޗުން ލިބުނު ފަސް ޕޮއިންޓާއެކު ސަސް އޮތީ ތާވަލުގެ ހަތަރުވަނައިގައެވެ.

ލީގުގައި އާދީއްތަ ދުވަހުގެ ހަވީރު ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ނުކުތުމުގެ ކުރިން ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނާދު ބުނީ ޓީމުގައި ކުދިކުދި ބައެއް އަނިޔާތަށް އުޅުނު ނަމަވެސް، ސީރިއަސް ބޮޑު އަނިޔާއެއް ނެތް ކަމަށެވެ. އެކަމަކު މި ވަގުތު ޓީމު އޮތް ހާލަތަށް ބަލާއިރު، ގްރީން ސްޓްރީޓްސް އަތުން ބަލިނުވެ ސަލާމަތްވުމަކީވެސް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ނާދު ބުންޏެވެ.

ނާދި އިތުރަށް ބުނީ މި މެޗުގައި އަނިޔާގެ ސަބަބުން އެ ޓީމުގެ ޑިފެންޑަރު މޫސާ ހަސަން ނުފެންނާނެ ކަމަށާއި، އެކަމަކު މިދިޔަ މެޗުގައި އަނިޔާވެގެން ބޭލި މުޙައްމަދު ރަޝީދު (ހޮކޭ) އާދީއްތަ ދުވަހުގެ މެޗުގައި ފެންނާނެ ކަމަށެވެ. އަދި އެ ޓީމުގައި މިހާރު އެންމެ ރަނގަޅަށް ކުޅޭ އެއް ކުޅުންތެރިއަކީ ބިދޭސީ ފޯވާޑް ވިކްޓޯ ރޮޑްރިގޭޒް ކަމަށާއި، އެކަމަކު އޭނާވެސް އެއްކޮށް މެޗަށް ފިޓްނުވާ ކަމަށްވެސް ނާދު ވަނީ ބުނެފައެވެ.

ކުލަބު ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ނިސްތާރު މުޙައްމަދު

ސަސް މެޗުގެ ކުރިން ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ނިސްތާރު މުޙައްމަދު ބުނީ ސަސްއަކީ ލީގުގައި އަދި ބަލިނުވާ ޓީމެއް ކަމަށާއި، އެހެންކަމުން އެ ޓީމާ ދެކޮޅަށް ނުކުންނާނީ ވަރަށް ރަނގަޅަށް ތައްޔާރުވެގެން ކަމަށެވެ.

ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިން އެއްވެސް މެޗަކުން ގްރީން ސްޓްރީޓްސްއަށް މޮޅެއް ހޯދިފައި ނުވި ނަމަވެސް، ނިސްތާރު ބުނީ އެންމެ ފަހުން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އާ 1-1 ން އެއްވަރިވި މެޗުގައި ގިނަ ހަމަލާތަކެއް އުފެއްދުނު ކަމަށާއި، ޔޫވީ ފަދަ ވަރުގަދަ ޓީމަކާ ދެކޮޅަށް ގިނަ ލަނޑުތަކެއް ނުޖެހުނު ނަމަވެސް، ގިނަ ހަމަލާތަކެއް ފޮނުވާލެވުމަކީ އެ ޓީމުގެ ފޯވާޑް ލައިން އިތުރަށް ވަރުގަދަވަމުން އަންނަކަމުގެ ހެއްކެއް ކަމަށެވެ. އެހެންކަމުން ސަސްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުން ހޯދަމުން އަންނަ ކުރިއެރުންތަކުގެ ފައިދާ ކުރާނެ ކަމަށްވެސް ނިސްތާރު ބުންޏެވެ.

ލީގުގައި މިހާތަނަށް ގްރީން ސްޓްރީޓްސްއަށް މޮޅެއް ހޯދިފައި ނުވާއިރު، އެ ޓީމު ވަނީ ލީގުގައި ކުޅުނު ފުރަތަމަ ދެ މެޗުން ބަލިވެފައެވެ. އަދި ތާވަލުގެ ފުލުން ދެވަނައިގައި ގްރީން ސްޓްރީޓްސް އޮތީ އެންމެ ޕޮއިންޓަކާއެކުއެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ގްރީން ސްޓްރީޓްސް އާއި ސަސް ބައްދަލުކުރާ މެޗު ފަށާނީ އާދީއްތަ ދުވަހުގެ ހަވީރު 16:00 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް