ކ. މާލެ
|
2 ޖެނުއަރީ 2021 | ހޮނިހިރު 11:40
ނަރުދޫއަށް ވަނީ އުދައިގެ އަސަރު ވަރަށް ބޮޑަށް ކޮށްފައި
ނަރުދޫއަށް ވަނީ އުދައިގެ އަސަރު ވަރަށް ބޮޑަށް ކޮށްފައި
ރާއްޖެއެމްވީ
ނަރުދޫއަށް އުދަ އެރުން
ނަރުދޫއަށް އުދަ އަރާ 8 ގެއަކަށް ބޮޑެތި ގެއްލުންތައް
ރޭ މެންދަމު 2:00 އިން ފެށިގެން ފަތިހު 6:00 ޖަހަންދެން އުދަ އަރަމުން ދިޔަ
600 ފޫޓަށް ރަށުގެ އެތެރެއަށް ރާޅު އަރާފައިވޭ
ސުނާމީ ކާރިސާ އަށްފަހު މިއީ އެންމެ ބޮޑަށް އެރަށް އުދަ އެރި ފަހަރު

ށ. ނަރުދޫއަށް އުދަ އަރާ އަށް ގެއަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

ނަރުދޫ ކައުންސިލްގެ މެމްބަރު މުހައްމަދު ނިޒާރު "ރާއްޖެ އެމްވީ" އަށް ވިދާޅުވީ ރޭ މެންދަމު 2:00 އިން ފެށިގެން ފަތިހު 6:00 ޖަހަންދެން އުދައަރަމުންދިޔަ ކަމަށެވެ. އުދަ އެރީ ބަނދަރު ސަރަހައްދުން ކަމަށާއި ބަނދަރުން ފެށިގެން ގާތްގަނޑަކަށް 600 ފޫޓަށް ރަށުގެ އެތެރެއަށް ރާޅު އަރާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ އުދައިގެ ސަބަބުން ޖުމްލަ އަށް ގެއަކަށް ބޮޑެތި ގެއްލުންތައް ވެފައިވާ ކަމަށެވެ. އޭގެ ތެރެއިން ދެގެއްގައި މީހުންނަށް ދިރި ނޫޅެވޭ ވަރުވެފައިވާ ކަމަށާއި ކައުންސިލާއި އާންމުންގެ އެހީގައި އެ މީހުން އެހެން ގެތަކަށް ވަގުތީ ގޮތުން ބަދަލުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

އަށް ގެއަކަށް ފެން ވަނީ. އޭގެ ތެރެއިން ދެ ގޭގެ މުޅިގެއާ ބަދިގެއަށް ވަދެފަ އޮތީ ނުވެސް ކެއްކޭ. ދެން އޭގެ ތެރެއިން ބައެއް މީހުން ބޭނުން ނުވޭ އަދި ބަދަލުވާކަށް. އެކަމަކު ބޮޑުވަރުވި ގެތަކުން މިހާރު އާންމުންނާ ކައުންސިލުން ގުޅިގެން މީހުން ބަދަލުކޮށްފިން
ނަރުދޫ ކައުންސިލްގެ މެމްބަރު މުހައްމަދު ނިޒާރު

ނިޒާރު ވިދާޅުވީ އާންމުންނާއި ކައުންސިލުން ގުޅިގެން މިހާރު ފެން ހިއްކުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި ގެއްލުންވި ގެތައް ވެސް ސާފުކުރަމުން އަންނަ ކަމަށެވެ. އެތަންތަން ސާފުކޮށް ނިމުނުހާ އަވަހަކަށް މީހުން ގެތަކަށް ބަދަލުކުރާނެ ކަމަށް ވެސް ބުންޏެވެ.

ނަރުދޫއަށް ވަނީ އުދައިގެ އަސަރު ވަރަށް ބޮޑަށް ކޮށްފައި

އޭނާ ވިދާޅުވި ގޮތުގައި ނަރުދޫ އަކީ އިރުވައި މޫސުމުގައި ކޮންމެސް ވަރަކަށް އުދަ އަރާ ރަށެއް ކަމަށެވެ. ނަމަވެސް ސުނާމީ ކަރިސާގެ ފަހުން އަދި ދުވަހަކު ވެސް އެ ރަށަށް އެ ވަރުގެ ގެއްލުމެއް ވެފައި ނުވާ ކަމަށް ވެސް ވިދާޅުވިއެވެ. ނިޒާރު ވިދާޅުވީ ބެލެވޭގޮތުގައި އުދައިގެ އަސަރު ބޮޑަށް އެ ކުރީ ބަނދަރުގެ ތޮށިގަނޑު ތިރިވަމުންދާތީ އެވެ.

- ކޮމެންޓް