ކ. މާލެ
|
5 ޖެނުއަރީ 2021 | އަންގާރަ 16:04
ރާއްޖެޓީވީގެ \"ކުޅިވަރު ފައިލް\" ޕްރޮގުރާމުގައި އިބްރާހީމް އިސްމާޢީލް ވާހަކަދައްކަވަނިކޮށް
ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގުރާމުގައި އިބްރާހީމް އިސްމާޢީލް ވާހަކަދައްކަވަނިކޮށް
ރާއްޖެ އެމްވީ
އެސޯސިއޭޝަންތަކުގެ އަސާސީ ގަވާއިދު
އެސޯސިއޭޝަންތަކުގެ އަސާސީ ގަވާއިދު ފުރިހަމައެއް ނޫން: އިބްރާހީމް އިސްމާޢީލް
ކުޅިވަރުގެ ޤާނޫނުގައި އެސޯސިއޭޝަންތަކުގެ އަސާސީ ގަވާއިދު ހަރުދަނާކުރުމަށް ބާރުއަޅާފައިވޭ
އެސޯސިއޭޝަނެއްގެ އަސާސީ ގަވާއިދު ފުރިހަމަކުރެވޭނީ މެންބަރުން ނޫނީ މެންބަރު ކުލަބުތަކަށް
މައްސަލަ ދިމާވިޔަސް އަސާސީ ގަވާއިދަށް ކަންކުރަނިކޮށް އެޅޭނެ ފިޔަވަޅެއް ނެތް

ކުޅިވަރު އެސޯސިއޭޝަންތަކާއި ޖަމުޢިއްޔާތަކަކީ މިނިވަންކަމާއެކު ކުރިއަށްގެންދަންޖެހޭ ތަނެއް ކަމަށާއި، ކުޅިވަރުގެ ޤާނޫނުންވެސް އެކަން ޔަގީންކަންކޮށްދިން ނަމަވެސް އަދިވެސް ބައެއް އެސޯސިއޭޝަންތަކުގެ އަސާސީ ގަވާއިދު ފުރިހަމަ ނޫން ކަމަށް އިބްރާހީމް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިކަމުގެ ލަގަބު (ނ.މ.ޝ.ޢ) ދިވެހި ދައުލަތުން އަރުވާފައިވާ އިބްރާހީމް އިސްމާޢީލް ވިދާޅުވީ ކުޅިވަރުގެ ޤާނޫނަކީ ބައިނަލްއަގުވާމީ ފެޑަރޭޝަންތަކާވެސް ގުޅިފައިވާ ޤާނޫނެއް ކަމަށާއި، އެހެންކަމުން ކުޅިވަރު އެސޯސިއޭޝަންތަކުގެ ގަވާއިދަކީ ހަރުދަނާ ގަވާއިދަކަށްވާން ޖެހޭ ކަމަށެވެ.

ކުޅިވަރުގެ ޤާނޫނުގައިވެސް އެސޯސިއޭޝަންތަކުގެ އަސާސީ ގަވާއިދު ހަރުދަނާކުރުމަށް ބާރުއަޅާފައިވީ ނަމަވެސް، އަދިވެސް ބައެއް އެސޯސިއޭޝަންތަކުގެ އަސާސީ ގަވާއިދަކީ ފުރިހަމަ ގަވާއިދެއް ނޫން ކަމަށާއި، އެކަމުގެ ސަބަބުން އިންތިޚާބުތަކުގެ އިތުރުން އެހެންވެސް މައްސަލަތައް ކުރިމަތިވަމުންދާ ކަމަށް 45 އަހަރު ކުޅިވަރަށް ޚިދުމަތްކުރެއްވި އިބްރާހީމް އިސްމާޢީލް ވިދާޅުވިއެވެ.

ހަރުދަނާ ގަވާއިދެއް އޮތިއްޔާ އިލެކްޝަނާ ބެހޭ މައްސަލައެއްވެސް ދިމާނުވާނެ. ސްޕޯޓްސް އެކްޓް، ކުޅިވަރު ޤާނޫނުގައި އެބަ ބުނޭ ހަރަދުނާ ގަވާއިދެއް އޮންނަން ޖެހޭނެއޭ ކޮންމެ ޖަމުޢިއްޔާއެއްގައިވެސް. އެ ގަވާއިދުގެ ތެރޭގައި މިވެނި މާއްދާތަކެއް މިހެން ހިމެނިގެންދާން ޖެހޭނެއޭ. އެހެން ނަމަވެސް ބައެއް ޖަމުޢިއްޔާތަކުގައި އެ ގަވާއިދު ފުރިހަމައެއް ނުވޭ. ފުރިހަމަ ނުވާ ބައެއް ތަންތާގައި މައްސަލަތައް އެބަ ދިމާވޭ.
އިބްރާހީމް އިސްމާޢީލް

ޖަމުޢިއްޔާތަކުގެ އަސާސީ ގަވާއިދުތަކުގައި މައްސަލަ ހުރި ކަމަށް ކުޅިވަރުގެ އާއިލާއަށް ފާހަގަކުރެވުނު ނަމަވެސް، އަދި އެ ކުޅިވަރެއް ކުޅޭ ފަރާތްތަކަށް އެކަން އެނގުނަސް، އެ އެސޯސިއޭޝަނެއްގެ އަސާސީ ގަވާއިދު ފުރިހަމަކޮށް އެކަން ކުރެވޭނީ މެންބަރުން ނޫނީ މެންބަރު ކުލަބުތަކަށް ކަމަށާއި، ކޮންމެ އެސޯސިއޭޝަނެއްގެވެސް އެންމެ ބާރުގަދަ ބަޔަކީ މެންބަރުން ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ރައީސްކަމާއި، ހޭންޑްބޯލް މޯލްޑިވްސްގެ ރައީސްކަމުގެ އިތުރުން މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީގެ ރައީސްކަންވެސް ކުރެއްވި އިބްރާހީމް އިސްމާޢީލް ވިދާޅުވިއެވެ.

މައްސަލަތައް ދިމާވިޔަސް އުސޫލެއްގެ ގޮތުން ގެންދަން މި ޖެހެނީ ކުރިން ހެދިފައި އޮންނަ ގަވާއިދެއްގެ މައްޗަށް. ޖަމުޢިއްޔާއެއްގެ އެންމެ ބާރުގަދަ ބަޔަކަށް ވާނީ އޭގެ މެންބަރުން. މެންބަރުންނަކީ ކުލަބުތައް ކަމަށް ވަނިއްޔާ ކުލަބުތައް އެންމެ ބާރުގަދަވާނީ. ކުލަބުތައް ބޭނުންވާ ގޮތަށް އެ ޖަމުޢިއްޔާއެއް ހިންގާ ކޮމިޓީ އެތަނަކަށް ގެނެވޭނީ.
އިބްރާހީމް އިސްމާޢީލް

އިބްރާހީމް އިސްމާޢީލް ވިދާޅުވީ އެސޯސިއޭޝަންތަކުގައި މައްސަލަތައް ދިމާވުމުން ބައެއް ފަހަރު ނުރުހުން އަމާޒުވެ ކުށްވެރިކުރާތަން ފެންނަ ކަމަށާއި، އެހެން ނަމަވެސް ގޯސްކޮށް ކަންކަން ހުރި ނަމަވެސް، އެސޯސިއޭޝަންތަކުން އެކަންކުރަނީ އަސާސީ ގަވާއިދާ އެއްގޮތަށް ކަމަށްވުމުން އެޅޭނެ ފިޔަވަޅެއް ނޯންނަ ކަމަށެވެ.

އަދި ކުރީގެ އަސާސީ ގަވާއިދުތަކަށް ހިނގަމުންދާ ޖަމުޢިއްޔާ އަދި އެސޯސިއޭޝަންތައް ކުޅިވަރުގެ ޤާނޫނު ބުނާގޮތަށް ބަދަލުގެނެސް، އެސޯސިއޭޝަނެއްގެ އެންމެހާ މެންބަރުންގެ ހައްގުތައް ހިމާޔަތްކުރެވޭނެ ގޮތަކަށް ބަދަލުގެންނަން ޖެހޭ ކަމަށާއި، ޖަމުޢިއްޔާއެއް ނޫނީ އެސޯސިއޭޝަނެއްގެ އެންމެ ބާރުގަދަ އަދި ބަސްބުނާ ބަޔަކީ ކުލަބުތައް ނޫނީ މެންބަރުން ކަމަށްވާއިރު، އެކަން އިސްލާހު ކުރެވޭނީވެސް އެ ފަރާތްތަކަށް ކަމަށް ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުގެ ރައީސްކަންވެސް ކުރެއްވި އިބްރާހީމް އިސްމާޢީލް ވިދާޅުވިއެވެ.

ކުޅިވަރުގެ ޤާނޫނު އޮތްގޮތުންވެސް މުސްތަޤިއްލު ބޮޑީތަކެއްގެ ގޮތުގައި ޖަމުޢިއްޔާތައް މި އޮންނަނީ. އެ ޖަމުޢިއްޔާއެއްގެ ޤާނޫނު ބުނާގޮތަށް އިލެކްޝަނާއި އެހެންވެސް ކަންކަން ކުރިއަށްދާނީ. ޖަމުޢިއްޔާގެ ޤާނޫނު މި އޮންނަނީ އެއާ ބެހޭ އިންޓަނޭޝަނަލް ފެޑަރޭޝަނާވެސް ގުޅިފައި. އައިއޯސީ އާއި އޮލިމްޕިކް ޗާޓަރާވެސް އެއްގޮތަށް. އެހެންވިމާ ބައިނަލްއަގުވާމީ އުސޫލުތަކާއި މެންބަރުންގެ ހައްގުތައް ހިމާޔަތްވާނެ ގޮތަކަށް ޖަމުޢިއްޔާތައް ހިންގަން ޖެހޭނީ.
އިބްރާހީމް އިސްމާޢީލް

އެސޯސިއޭޝަންތަކުގެ އަސާސީ ގަވާއިދާއި ބެހޭ ގޮތުން އިބްރާހީމް އިސްމާޢީލް ވާހަކަފުޅު ދައްކަވާފައިވާއިރު، 2020 ވަނަ އަހަރަކީ ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިޚާބުތައް ކުރިއަށްދިޔަ އަހަރެވެ. އަދި މިދިޔަ އަހަރު ބައެއް ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިޚާބުގައި ބޮޑެތި އޮޅުވާލުންތަކެއް ކުރިއަށްދިޔަ ކަމަށް ބުނެ، ކުޅިވަރުގެ ގައުމީ މަޖިލީހަށްވެސް މައްސަލަތައް ހުށަހެޅިފައިވާއިރު، ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ވަނީ އެކަމުގެ ކަންބޮޑުވުންތަކުގެ ވާހަކަ ދައްކާފައެވެ.

ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމުގައި އިބްރާހީމް އިސްމާޢީލް ވަނީ ކުޅިވަރުގެ މުހިންމު ގިނަ ވާހަކަތަކެއް ހިއްސާކުރައްވާފައެވެ. އަދި ކުޅިވަރުން ލިބުނު ގިނަ ކާމިޔާބީތަކެއްގެ ވާހަކަތައް ހިއްސާކުރެއްވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް