މާލޭ ހުޅަނގު ފަރާތު އެކުވެނި ދުވާ ޓްރެކުގެ ކޮންކްރީޓް މަސައްކަތް ނިންމައި، ސިންތެޓިކް އެޅުމުގެ މަސައްކަތް ނިންމާލައިފިއެވެ.
އައު އަހަރާ ދިމާކޮށް އެކުވެނި ދުވާ ޓްރެކުގައި ސިންތެޓިކް އެޅުމުގެ މަސައްކަތް ނިންމާލިއިރު، މި ޖެނުއަރީ މަހުގެ ތެރޭގައި މި ޓްރެކް އާންމުންނަށް ރަސްމީކޮށް ހުޅުވާލާނެ ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.
މާލޭގައި ގިނަ ބަޔަކު ކަސްރަތު ކުރުމަށް ބޭނުންކުރާ ކުޅިވަރު އެކުވެނީގެ ދުވާ ޓްރެކް، 24 އަހަރަށްފަހު އަލުން މަރާމާތު ކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 22 ވަނަ ދުވަހެވެ. އޭގެ ފަހުން އާރްކޭއެލް ކުންފުނީގެ ސީއެސްއާރް މަޝްރޫއުގެ ދަށުން ޓްރެކުގައި ކޮންކްރީޓް އެޅުމުގެ މަސައްކަތް ފެށީ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ.
އެ މަސައްކަތް ނިންމައި ސިންތެޓިކް އެޅުމުގެ މަސައްކަތް ޕޮލިސް ވެލްފެއާ ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް (ޕޮލްކޯ) އިން ފަށާފައިވަނީ ނޮވެމްބަރު މަހުގެ ނުވަވަނަ ދުވަހުއެވެ. އެ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތެއްގައި ސިންތެޓިކް އެޅުމުގެ މަސައްކަތް ފައްޓަވައިދެއްވީ އިންޑިއާގެ ފޮރިން ސެކެޓްރީ ހ ޝްރިންގްލާ އާއި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފެވެ.
އެކުވެނި ދުވާ ޓްރެކް ތަރައްގީ ކުރުމަށް އިންޑިއާ ސަރުކާރުން ބޮޑު އެހީއެއް ވިއިރު، ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ކުރެއްވި ޓްވީޓެއްގައި ވަނީ މަސައްކަތް ނިންމާލެވުނީތީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ޝުކުރުއަދާކުރައްވާފައެވެ. އަދި މި މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިން އެންމެހާ ފަރާތްތަކަށްވެސް މަޙްލޫފް ވަނީ ޝުކުރުއަދާކުރައްވާފައެވެ.
މާލޭ އެކުވެނި ދުވާ ޓްރެކް ގާއިމުކުރީ 1996 ވަނަ އަހަރެވެ. މީގެ ކުރިން ރާއްޖޭގެ އެތުލީޓުންވެސް ތަމްރީނު ހެދުމަށް ބޭނުންކުރި އެކުވެނި ދުވާ ޓްރެކް އާންމު ގޮތެއްގައި ބޭނުން ކުރަމުން އަންނަނީ އާންމު ރައްޔިތުން ކަސްރަތު ކުރުމަށެވެ. ޓްރެކުގެ ފަސްގަނޑުގައި ވަޅުގަނޑު ހެދުމުގެ އިތުރަށް ވާރޭ ވެހުމުގެ ސަބަބުން ފެން ބޮޑުވުމާއި ގުޅިގެން ދުވާ މީހުންނަށް ބޮޑެތި ގޮންޖެހުންތަކަކާ މީގެ ކުރިން ވަނީ ކުރިމަތިލާން ޖެހިފައެވެ. އެހެންކަމުން އައު ސިންތެޓިކް ޓްރަކާއެކު އާންމުންނަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.