ބޮރޫޝިއާ ޑޯޓްމުންޑަށް ކުޅެމުން އަންނަ އިންގްލެންޑުގެ ޒުވާން ފޯވާޑް ޖޭޑަން ސަންޗޯ ހޯދުމަށް ޗެލްސީންވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މި ނިމުނު ޓްރާންސްފާ ބާޒާރުގައި މީޑިއާތަކުން ވަނީ 110 މިލިޔަން ޕައުންޑަށް އުމުރުން 20 އަހަރުގެ ސަންޗޯ މެންޗެސްޓާ ޔުނައިޓެޑަށް ވިއްކާލަން ޑޯޓްމުންޑުން އެއްބަސްވި ކަމަށް ރިޕޯޓުކޮށްފައެވެ. އެކަމަކު ކޮވިޑް-19 ގެ މި ދަނޑިވަޅުގައި 110 މިލިޔަން ޕައުންޑް ދެއްކުމަށް ޔުނައިޓެޑަށް ދަތިވާނެތީ، އެ ޑީލް ވަނީ ހުއްޓިފައެވެ.
އަދި ދާދި ފަހުން އިނގިރޭސި މީޑިއާތަކުން ވަނީ ޗެލްސީންވެސް ސަންޗޯ ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުކޮށްފައެވެ. މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި ކުޅުންތެރިން ގަތުމަށް ޗެލްސީން 200 މިލިޔަން ޕައުންޑަށްވުރެ ގިނައިން ޚަރަދުކޮށްފައިވީ ނަމަވެސް، އެ ޓީމުގެ ކޯޗު ފްރޭންކް ލަމްޕާޑުގެ އެދެމުގެ މަތިން ސަންޗޯއަށް ޗެލްސީން ފާރަލަމުން އަންނަ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
އެހެންކަމުން ސަންޗޯ ހޯދާނަމަ ޗެލްސީން ބައެއް ކުޅުންތެރިން ދޫކޮށްލާނެ ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ. މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ޗެލްސީން ވަރަށް ބޮޑަށް ހަރަކާތްތެރިވިއިރު، އެ ކުލަބުން ވަނީ އަށް ކުޅުންތެރިއެއްގެ ސޮއި ހޯދާފައެވެ. މި އަށް ކުޅުންތެރިންނާއެކު މި ސީޒަނުގެ ކުރީކޮޅު ޗެލްސީން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް، ވަކި ހިސާބަކުން އެ ޓީމު ވަނީ އަޑިއަޅާލާފައެވެ.
ސަންޗޯ ހޯދުމަށް ޗެލްސީގެ އިތުރުން ޔޫރަޕުގެ ބޮޑެތި ކުލަބުތަކުންވެސް މަސައްކަތް ކުރަމުން އަންނައިރު، އޭނާ ވިދާލީ 2017 ވަނަ އަހަރު އިންޑިއާގައި ބޭއްވި 17 އަހަރުން ދަށުގެ ފީފާ ވޯލްޑް ކަޕުގައެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން އިންގްލެންޑުން ހޯދިއިރު، އޭނާ ވަނީ މުބާރާތުގައި މޮޅު ކުޅުމެއް ދައްކާފައެވެ.
ޑޯޓްމުންޑުގެ ސީނިއާ ޓީމުގައި މިހާތަނަށް ތިން ސީޒަން ހޭދަކޮށްފައިވާ ސަންޗޯ ވަނީ އެ ކުލަބަށް 117 މެޗުގައި 38 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ވަނީ ޑޯޓްމުންޑާއެކު ޖަރުމަން ސުޕަ ކަޕް ކާމިޔާބުކޮށްފައެވެ.