ކ. މާލެ
|
31 ޑިސެންބަރ 2020 | ބުރާސްފަތި 12:23
އެތުލެޓިކޯ އާއި ގެޓާފޭ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އެތުލެޓިކޯ މޮޅުވީ 1-0 ން
އެތުލެޓިކޯ އާއި ގެޓާފޭ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އެތުލެޓިކޯ މޮޅުވީ 1-0 ން
ގެޓީ އިމޭޖަސް
ސްޕެނިޝް ލީގު
އެތުލެޓިކޯއިން ލީޑު ނެގިއިރު، ރެއާލް އެއްވަރު
ގެޓާފޭ އަތުން އެތުލެޓިކޯ މޮޅުވީ 1-0 ގެ ނަތީޖައަކުން
އެލްޗޭ އާއި ރެއާލް ބައްދަލުކުރި މެޗު އެއްވަރުވީ 1-1 ން

ސްޕެނިޝް ލީގުގައި ބުދަ ދުވަހުގެރޭ ގެޓާފޭ ބަލިކޮށް އެތުލެޓިކޯ މެޑްރިޑުން ތާވަލުގެ އެއްވަނައިގައި ދެ ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން އެތުލެޓިކޯ މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުން އެތުލެޓިކޯ މޮޅުވިއިރު، މިއީ އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ އެ ޓީމަށް އިރުޝާދުދިން 500 ވަނަ މެޗެވެ.

މި މެޗުގައި އެތުލެޓިކޯއިން ރަނގަޅު ކުޅުމެއް ދެއްކިއިރު، މެޗު ފަށައިގެން 15 ވަނަ މިނެޓުގައި އެ ޓީމުގެ ތޯމަސް ލެމާ ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވެފައެވެ. އަދި އޭގެ ފަސް މިނެޓު ފަހުން އެތުލެޓިކޯއިން ވަނީ މެޗުގައި ލީޑު ނަގާފައެވެ. ޔަނިޗް ކަރަސްކޯ ހުރަސްކޮށްދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލުއިސް ސުއަރޭޒެވެ.

އެކަމަކު އޭގެ ފަހުން ނަތީޖާ އެއްވަރުކުރުމަށް މި މެޗުގައި ގެޓަފޭއިންވެސް ވަނީ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އަދި މެޗު ނިމެން ގާތްވެފައި ވަނިކޮށް ލީޑު ފުޅާކުރަން އެތުލެޓިކޯގެ އެންހެލް ކޮރެއާއަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، އޭގެ ބޭނުން ހިފިފައެއް ނުވެއެވެ.

އެލްޗޭ އާއި ރެއާލް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 1-1 ން

ބުދަ ދުވަހުގެރޭ ކުޅުނު މެޗުން އެތުލެޓިކޯ މޮޅުވިއިރު، ރެއާލް މެޑްރިޑް ވަނީ ރަށުން ބޭރުގައި އެލްޗޭއާ 1-1 އިން އެއްވަރުވެފައެވެ.

މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 13 ވަނަ މިނެޓުގައި ރެއާލުގެ މާސެލޯ ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފައެވެ. އަދި އޭގެ ހަތް މިނެޓު ފަހުން ރެއާލުން ވަނީ މެޗުގައި ލީޑު ނަގާފައެވެ. މާކޯ އެސެންސިއޯ ފޮނުވާލި ހަމަލާއެއް ހުރަސް ދަނޑީގައި ޖެހިފައި ނުކުތުމުން އެ ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލީ ލޫކާ މޮޑްރިޗެވެ.

މި މެޗުގައި އެލްޗޭއިން ނަތީޖާ އެއްވަރުކޮށްފައިވަނީ ދެވަނަ ހާފު ފަށައިގެން ހަތްވަނަ މިނެޓުގައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފިޑެލްއެވެ. މިއީ އޭރިއާ ތެރެއިން އެލްޗޭގެ އެންޓޯނިއޯ ބަރަގަންއަށް ރެއާލުގެ ޑެނީ ކާވަހާލް ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.

މި ނަތީޖާތަކާއެކު އެތުލެޓިކޯ އެއްވަނައިގައި އޮތީ 14 މެޗުން 35 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ރެއާލަށް 16 މެޗުން ލިބިފައިވަނީ 33 ޕޮއިންޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް