ކ. މާލެ
|
31 ޑިސެންބަރ 2020 | ބުރާސްފަތި 11:04
ފުލަމްގެ ބައެއް ކުޅުންތެރިންނާއެކު އެ ޓީމުގެ ކޯޗު ސްކޮޓް ޕާކާ
ފުލަމްގެ ބައެއް ކުޅުންތެރިންނާއެކު އެ ޓީމުގެ ކޯޗު ސްކޮޓް ޕާކާ
ގެޓީ އިމޭޖަސް
ޓޮޓެންހަމާއި ފުލަމްގެ މެޗު ފަސްކުރުން
ޓޮޓެންހަމާއި ފުލަމް ބައްދަލުކުރަން އޮތް މެޗުވެސް ފަސްކޮށްފި
މި މެޗު ފަސްކުރީ ފުލަމްގެ ގިނަ ކުޅުންތެރިންތަކެއް ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން
މެޗު ފަސްކުރަން ނިންމީ މެޗު ފަށަން ނިންމާފައި އޮތް ވަގުތުގެ ތިން ގަޑިއިރު ކުރިން

އިނގިރޭސި ޕްރިމިއާ ލީގުގައި ބުދަ ދުވަހުގެރޭ ޓޮޓެންހަމް ހޮޓްސްޕާ އާއި ފުލަމް ބައްދަލުކުރަން ހަމަޖެހިފައި އޮތް މެޗު ފަސްކޮށްފިއެވެ.

ޓޮޓެންހަމުގެ ދަނޑުގައި ކުޅެން އޮތް މި މެޗު ފަސްކުރަން ނިންމީ މެޗު ފަށަން ނިންމާފައި އޮތް ވަގުތުގެ ތިން ގަޑިއިރު ކުރިންނެވެ. ރިޕޯޓުތައް ބުނާ ގޮތުން މި މެޗު ފަސްކޮށްދިނުމަށް ފުލަމުން އެދުނީ އެ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވާތީއެވެ. އެގޮތުން ޕްރިމިއާ ލީގުގައި ކުރި ޓެސްޓުތަކުން 18 މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ.

މެޗު ފަސްކުރުމާ ގުޅިގެން ޓޮޓެންހަމުން ނެރުނު ބަޔާނެއްގައި ބުނީ ފުލަމްގެ ބައެއް ކުޅުންތެރިންނާއި އޮފިޝަލުން ކޮވިޑަށް ޕޮޒިޓިވްވެފައިވާތީ މެޗު ފަސްކުރަން ނިންމިކަން ބުދަ ދުވަހު ޕްރިމިއާ ލީގުން އެ ޓީމަށް އަންގާފައިވާ ކަމަށެވެ. އެހެންކަމުން ކޮވިޑަށް ޕޮޒިޓިވްވި ފުލަމުގެ އެންމެނަށް އަވަސް ޝިފާއަކަށް އެދޭ ކަމަށްވެސް މި ބަޔާނުގައި ވަނީ ބުނެފައެވެ.

ފުލަމްގެ ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވިއިރު، މިދިޔަ ހޮނިހިރު ދުވަހު ފުލަމުން ސައުތެމްޓަނާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުގެ ކޯޗު ސްކޮޓް ޕާކާ ބައިވެރިވެފައެއް ނުވެއެވެ. އެ މެޗަށް ސްކޮޓް ޕާކާ ހާޒިރުނުވީ އޭނާގެ އައިލާ މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބުދަ ދުވަހުގެރޭ ކުޅެން އޮތް މެޗު ފަސްކުރިއިރު، މި މެޗު ދެން ކުޅޭނެ ތާރީޚެއް އަދި ޕްރިމިއާ ލީގުން އިއުލާންކޮށްފައެއް ނުވެއެވެ. މި މެޗު ފަސްކުރިއިރު، ފުލަމުން ލީގުގައި ދެން މެޗެއް ކުޅޭނީ އަންނަ އާދީއްތަ ދުވަހުގެ ހަވީރުއެވެ. އެ ދުވަހު ރަށުން ބޭރުގައި ފުލަމް ނުކުންނާނީ ބާންލީއާ ދެކޮޅަށެވެ.

ޓޮޓެންހަމާއި ފުލަމް ބައްދަލުކުރަން އޮތް މެޗަކީ ކޮވިޑް-19 އާ ގުޅިގެން ޕްރިމިއާ ލީގުން ފަސްކުރި ތިންވަނަ މެޗެވެ. މީގެ ކުރިން މިދިޔަ ހޯމަ ދުވަހުގެރޭ މެންޗެސްޓާ ސިޓީ އާއި އެވަޓަން ބައްދަލުކުރަން ހަމަޖެހިފައި އޮތް މެޗާއި، މި މަހުގެ ހަތަރުވަނަ ދުވަހު އެސްޓަން ވިލާ އާއި ނިއުކާސަލް ޔުނައިޓެޑް ބައްދަލުކުރަން އޮތް މެޗުވެސް ވަނީ ފަސްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް