ސްޕެނިޝް ލީގުގައި ބުދަ ދުވަހުގެރޭ އެލްޗޭއާ ދެކޮޅަށް ކުޅޭ މެޗަށް ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ތަރި އެޑެން ހަޒާޑް ފެނިގެންދާނެ ކަމަށް އެޓީމުގެ ކޯޗު ޒައިނެދިން ޒިދާން ބުނެފިއެވެ.
ހަޒާޑަށް އެންމެ ފަހުން އަނިޔާވީ ސްޕެނިޝް ލީގުގައި މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުގެރޭ އަމިއްލަ ދަނޑުގައި ޑިޕޯޓިވޯ އަލަވެސް އަތުން 2-1 ގެ ނަތީޖާއަކުން ރެއާލް ބަލިވި މެޗުގައެވެ. އެ މެޗުގައި ހަޒާޑަށް އަނެއްކާވެސް އަނިޔާވިއިރު، އަނިޔާގައި ކުޅުމާ ދުރުގައި ހުރުމަށްފަހު ހަޒާޑް އެންމެ ފަހުން ކުޅުނުމުގެ ތެރެއަށް އައީ މިދިޔަ އޮކްޓޯބަރު މަހުގެ ފަހުކޮޅެވެ.
އެންމެ ފަހުން ހަޒާޑަށް ލިބުނީ ސީރިއަސް އަނިޔާއެއް ނޫން ކަމަށް ޒިދާން މީގެ ކުރިން ވަނީ ބުނެފައެވެ. އެލްޗޭއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒިދާން ބުނީ ހަޒާޑަށް ލިބުނު އަނިޔާއިން މިހާރު އޭނާ އެއްކޮށް ރަނގަޅުވެއްޖެ ކަމަށާއި، އެލްޗޭއާ ދެކޮޅަށް ކުޅޭ މެޗުގެ ފުރިހަމަ ވަގުތު ނުކުޅުނު ނަމަވެސް، ކޮންމެވެސް ވަރަކަށް މެޗުގެ ތެރެއިން ހަޒާޑް ފެނިގެންދާނެ ކަމަށެވެ.
މިދިޔަ ސީޒަނާއި، މި ސީޒަނުގެ ގިނަ މެޗުތަކެއް އަނިޔާގެ ސަބަބުން ހަޒާޑަށް ގެއްލިފައިވާއިރު، ހަޒާޑަށް އެންމެ ފުރަތަމަ ސީރިއަސް އަނިޔާއެއްވީ ފެބްރުއަރީ މަހުގައެވެ. އެފަހަރު އަނިޔާވެ ހަޒާޑް ވަނީ އޮޕަރޭޝަނެއްވެސް ކޮށްފައެވެ. މިހާތަނަށް މި ސީޒަނުގައި ހަޒާޑް ފެނިގެންގޮސްފައިވަނީ އެންމެ ހަ މެޗުގައެވެ.
ޗެލްސީގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އައި ހަޒާޑް ރެއާލަށް ބަދަލުވެފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އެކަމަކު އަނިޔާގެ ސަބަބުން ހަޒާޑުގެ ކުޅުން ދަށްވިއިރު، މިހާތަނަށް ރެއާލަށް ހަޒާޑް ކުޅެދީފައިވަނީ އެންމެ 28 މެޗެވެ. އަދި އޭނާއަށް ރެއާލުގެ ޖާޒީގައި ކާމިޔާބުކުރެވިފައިވަނީ އެންމެ ތިން ލަނޑެވެ.
ސްޕެނިޝް ލީގު ތާވަލުގެ ދެވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް އޮތްއިރު، ލީގުގައި އެލްޗޭއާ ދެކޮޅަށް ރެއާލް ކުޅޭ މެޗު ފަށާނީ ބުދަ ދުވަހުގެރޭ ރާއްޖެ ގަޑިން ދަންވަރު 01:30 ގައެވެ.