ކ. މާލެ
|
30 ޑިސެންބަރ 2020 | ބުދަ 18:15
މީރާއިން އާންމުންނަށް ޚިދުމަތް ހޯދަނީ
މީރާއިން އާންމުންނަށް ޚިދުމަތް ހޯދަނީ
ރާއްޖެއެމްވީ
އެއްގަމު އުޅަނދުގެ އަހަރީ ފީ ސްޓިކަރ
އެއްގަމު އުޅަނދުގެ އަހަރީ ފީ ސްޓިކަރ އޮންލައިންކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސައިފި
ޚިދުމަތް ލިބެނޭ ޖެނުއަރީ އެކަކުން ފެށިގެން
QR ކޯޑް މެދުވެރިކޮށް ސްޓިކާގެ ސައްޚަކަން ބެލޭނެ
ސްޓިކަރ ދޫކުރާނީ އީމެއިލް މެދުވެރިކޮށް

އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެއްގަމު އުޅަނދުގެ އަހަރީ ފީ އޮންލައިންކޮށް ދައްކާ ފަރާތްތަކަށް، އޮންލައިންކޮށް ސްޓިކަރ ލިބޭނެ އިންތިޒާމު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހަމަޖައްސައިފިއެވެ.

މީރާ އިން ބުނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެއްގަމު އުޅަނދުގެ އަހަރީ ފީ އޮންލައިންކޮށް ދައްކާ ފަރާތްތަކަށް މީރާއިން އަލަށް ތައާރަފުކޮށްފައިވާ ސްޓިކަރ ދޫކުރާނީ އީމެއިލް މެދުވެރިކޮށް، އެ ފަރާތުން އަމިއްލައަށް ޕްރިންޓް ކުރެވޭނެ ގޮތަށް ކަމަށެވެ. އަދި އެއްގަމު އުޅަނދުގެ އަހަރީ ފީ އެ އޮތޯރިޓީގެ ކައުންޓަރުތަކަށް ދައްކާ ފަރާތްތަކަށްވެސް އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޕްރިންޓް ކުރުމަށްފަހު ދޫކުރަން ހަމަޖެހިފައިވަނީ އެ ސްޓިކަރ ކަމަށް މީރާއިން ވަނީ ބުނެފައެވެ.

އެހެންނަމަވެސް، މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ދައްކާފައިވާ ވެހިކަލް ފީ އަކާ ގުޅިގެން، އެ ފަރާތުން އެދިއްޖެ ހާލަތެއްގައި މިހާރު ބޭނުންކުރަމުންދާ ސްޓިކަރ ކަނޑައެޅިފައިވާ އުސޫލެއްގެ ދަށުން ދޫކުރަމުން ގެންދާނެ ކަމަށް މީރާއިން މައުލޫމާތުދެއެވެ.

އަހަރީ ފީ ސްޓިކާއަށް ގެނެވުނު ބަދަލާއެކު، ފައިސާ ދައްކާ ފަރާތްތަކަށް ސްޓިކާ ހޯދުން ފަސޭހަވުމުގެ އިތުރަށް، ސްޓިކާގައިވާ QR ކޯޑް މެދުވެރިކޮށް ސްޓިކާގެ ސައްޚަކަން ބެލޭނެ ގޮތް ހަމަޖެހިފައިވާތީ، ވެހިކަލް ފީ ދައްކައިފައިވާކަން ކަމާ ބެހޭ އިދާރާތަކުން ބެލުމުގެ ނިޒާމަށް މިކަމުގެ ސަބަބުން އިތުރު ހަރުދަނާ ކަމެއް އަންނާނެ ކަމަށްވެސް އެ އިދާރާއިން ބުނެއެވެ.

މީރާ އަކީ އަބަދުވެސް ޚިދުމަތް ހޯދާ ފަރާތްތަކަށް ލުއި ފަސޭހަކޮށް ޚިދުމަތްތައް ފޯރުކޮށްދެވޭނެ މަގުތައް ހޯދައި، އަދި މިހާތަނަށް ގިނަ އައު ޚިދުމަތްތަކެއް ތައާރަފު ކޮށްފައިވާ އޮތޯރިޓީއެކެވެ. އެގޮތުން، މީރާއިން ފޯރުކޮށްދޭ މައިގަނޑު ހުރިހާ ޚިދުމަތެއް މިހާރު އެ އިދާރާއަށް ނުގޮސް އޮންލައިންކޮށް ލިބޭނެ ކަމަށް މީރާއިން ބުނެއެވެ.

- ކޮމެންޓް