ވޭތުވެދިޔަ އަށެއްކަ ނޫނީ 12 އަހަރު ދުވަހުގެ ތެރޭގައިވެސް ފެނިވަޑައިގެންނެވި އެންމެ ހިންގުންތެރި އަދި އެންމެ ގާބިލު ކުޅިވަރުގެ ވަޒީރަކީ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ކަމަށް ދިވެހި ކުޅިވަރުގައި އެންމެ ނުފޫޒުގަދަ ބޭފުޅާ ކަމަށްވާ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ރައީސް މުޙައްމަދު ޝަވީދު ވިދާޅުވެއްޖެއެވެ.
ޝަވީދު މިހެން ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހު އޮންލައިންކޮށް ބޭއްވި އެމްއޯސީގެ އަހަރީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މި ބައްދަލުވުމުގައި ކުޅިވަރާ ބެހޭ ވަޒީރުވެސް ބައިވެރިވެވަޑައިގެންނެވިއިރު، ޝަވީދު ވިދާޅުވީ އެމްއޯސީގެ އެއްވެސް ކޮންގްރެސްއެއްގައި އަދި ކުޅިވަރުގެ އެއްވެސްތާކު ވަޒީރާކާ ބެހޭ ގޮތުން އެ ޖުމްލަ ބޭނުން ނުކުރާ ކަމަށެވެ. އެގޮތުން މިދިޔަ މިދިޔަ އަށެއްކަ ނޫނީ 12 އަހަރު ދުވަހުގެ ތެރޭގައިވެސް ކުޅިވަރާ އެންމެ ގާތުން މަސައްކަތް ކުރައްވައި، އެންމެ ހިންގުންތެރި އަދި އެންމެ ގާބިލު ކުޅިވަރުގެ ވަޒީރަކީ މަޙްލޫފް ކަމަށް ޝަވީދު ވިދާޅުވިއެވެ.
އަޅުގަނޑަށް ބުނެވިއްޖެ އަޅުގަނޑުމެންގެ ހީވާގި މިނިސްޓަރެއްގެ ވާހަކަ. އަޅުގަނޑުގެ އެއްވެސް ކޮންގްރެސްގައި އަދި ކުޅިވަރުގެ އެއްވެސްތާކު މި ޖުމްލަ ބޭނުމެއް ނުކުރަން. މިއަދު މިވާހަކަ ބުނަން މި ޖެހުނީ މިވޭތުވެދިޔަ އަށް އަހަރު ނޫނީ 12 އަހަރުގެ ތެރޭގައި ފެނިގެންދިޔަ ކުޅިވަރާ އެންމެ ގާތުން މަސައްކަތްކޮށްދޭ މިނިސްޓަރެއްގެ ގޮތުގައި އަޅުގަނޑަށް މިނިސްޓަރު މަޙްލޫފް މަސައްކަތް ކުރައްވަމުންގެންދެވިތަން.މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ރައީސް މުޙައްމަދު ޝަވީދު
ޝަވީދު އިތުރަށް ވިދާޅުވީ ކުޅިވަރުން ސިޔާސީކަންކަން ދުރުކޮށް މިހާ ހިސާބަށް ގެނައުމަށް ވަޒީރު ގިނަ މަސައްކަތްތަކެއް ކުރައްވާފައި ކަމަށާއި، މިއަދު ކުޅިވަރު ފެނިގެންދަނީ މިނިވަންކަމާއެކު ކުރިއަށްގެންދާތަން ކަމަށެވެ. އަދި ކުޅިވަރުގެ ޤާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ކުރަމުންގެންދާ މަސައްކަތާ ބެހޭ ގޮތުން މުނާސަބަތު ވަގުތުގައި ބުނަންޖެހޭ ވާހަކައެއް ބުނާނެ ކަމަށާއި، އެ ޤާނޫނު އިސްލާހުވެގެން އަންނާނީ ކުޅިވަރުގެ އާއިލާ އެދޭގޮތަށް ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ޝަވީދު ވިދާޅުވިއެވެ.
ރައީސް ޞާލިޙުގެ ސަރުކާރަކީ ކުޅިވަރަށް ހާއްސަ ސަމާލުކަމެއްދޭ ސަރުކާރެއް ކަމަށާއި، ރައީސަކީވެސް ކުޅިވަރު އާއިލާއަށް ހާއްސަ ސަމާލުކަމެއްދޭ ބޭފުޅަކަށްވާއިރު، މަޖިލީހުން ކުޅިވަރުގެ ޤާނޫނަށް ގެންނަ އިސްލާހުތަކުގައިވެސް ކުޅިވަރުގެ އާއިލާ ބޭނުންނުވާ ގޮތަކަށް އެކަން ނުކުރާނެކަން ޔަގީންކުރައްވާ ކަމަށާއި، އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދަނީ ކުޅިވަރު ދަންނަ ވަޒީރެއް ހުރުން ކަމަށްވެސް ޝަވީދު ވަނީ ވިދާޅުވެފައެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވިދާޅުވީ ވަޒީރަކަށް ހުރެ، މަސައްކަތް ކުރަން ލިބުނު ދެ އަހަރު ދުވަހުގައި ދަސްވި އެއްޗަކާއެކު ކުޅިވަރުގެ ހައްގުގައި ބުންނަ ޖެހޭ އެއްވެސް އަދި ކުރަންޖެހޭ ކަމެއް ކުރާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. އަދި ފުޓްބޯޅަ އެސޯސިއޭޝަނުގެ އިންތިޚާބުގެ ތެރެއަށް ވަދެވުނު ކަމަށާއި، އެކަން ހިނގިގޮތް އިނގި ފެނުމުން އެކަން ކުރަންޖެހޭނީ އެހެން ނޫންކަން ޔަގީންކުރެވުނު ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި އެކި ޕާޓީތަކުގެ އިސް ސަފުގައި މަސައްކަތްކުރައްވާ ފަރާތްތައް އެސޯސިއޭޝަންތަކުގެ ވެރިންގެ ގޮތުގައި އެބަތިބި ކަމަށާއި، އެހެން ނަމަވެސް ކުޅިވަރު ހިންގުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެއްވެސް އުނދަގުލެއް ނެތް ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.
މިދިޔަ ހޮނިހިރު ދުވަހު އެމްއޯސީގެ އަހަރީ އާންމު ޖަލްސާ ބޭއްވިއިރު، މި އަހަރު މި ބައްދަލުވުން ބޭއްވުން ލަސްވީ ކޮވިޑް-19 އާ ގުޅިގެންނެވެ. މި ބައްދަލުވުމުގައި އެމްއޯސީން ވަނީ މި އަހަރަށް ކަނޑައެޅި ބަޖެޓް ފާސްކޮށްފައެވެ.